ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ, ނުފެންނަ ވޯޓެއް ނުނަގާ އެމްޑީޕީން ރިޔާސީ ޕްރައިމެރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާސްކް ސްޕީކާ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ ނިމިގެން ދިޔަ އިންތިހާބަށް އެމްޑީޕީ އިން ނެރުނު މެނިފެސްޓޯއަށް ވިސްނާލަން ޖެހޭ ކަމަށެވެ. މި ގޮތުން މި މެނިފެސްޓޯގެ 98 ވަނަ ސޮފްހާގައި ގާނޫނު އަސާސީ އިސްލާހް ކުރުމަށް ފަހު، އެކުލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވީ މި މެނިފެސްޓޯ އާއި އެކުގައިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ އަރިހުގައި ވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްދިނުންކަމަށެވެ. “މިއީ ގުޅިފައިވާ ޕާޓީތަކާއި އެކުވެގެން އައިސްފައިވާ ސަރުކާރެއް. ގުޅިފައިވާ ޕާޓީތަކުންވެސް ބުނެފައި އޮތީ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް” ރައީސް ނަޝީދު ވިދާޅުވިއެވެ،
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުން، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ, ނުފެންނަ ވޯޓެއް ނުނަގާ އެމްޑީޕީން ރިޔާސީ ޕްރައިމެރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެކަމަށެވެ.