ރާއްޖެ ބަނގުރޫޓު ކުރަން ބޭނުންވެގެން ބަޔަކު އުޅޭކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ ހަރަދުތައް ބޮޑުވެ، ދަރަނި އިތުރުވެފައިވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިކަމަށް ބާރު ދެއްވާ ވާހަކަފުޅު ދައްކަވާފައެވެ.
މި ގޮތުން ރާއްޖެ ބަނގުރޫޓުވާން ދާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހުމަކީ ލަދުވެތިވެވަޑައިގަންނަވާނެ ކަމެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެ މަނިކުފާނު ސިލްސިލާކޮށް ކުރިއަށް ގެންދަވާ އާސްކް ސްޕީކާ ގައި ވެސް ރައީސް ނަޝީދު ވަނީ ރާއްޖޭގެ ދަރަނީގެ މައްސަލަ އާއި ރާއްޖެ ޑިފޯލްޓް ވެދާނެ ކަމަށް އޮތް ބިރާއި ދައުލަތުގެ ރިޒާވް ދަށްވުމާއި ތަކެތީގެ އަގު މައްޗަށް ދިޔުން ފަދަ ކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރާއްޖެ ބަގުރޫޓު ވެދާނެކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖެ ބަގުރޫޓު ނުވާނެކަމަށެވެ. އެހެންނަމަވެސް ރާއްޖެ ބަގުރޫޓު ކުރަން ބޭނުންވާ ބަޔަކު އެބަ އުޅޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި ޓުވިޓްގައި ސީދާ ވަކި ބޭފުޅެއްގެ ނަން ހާމަ ކުރައްވާފައެއް ނުވެއެވެ.