English Edition
Dhivehi Edition
އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާނަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ، ހަތް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ އަށް ދައުވާއެއް އުފުލައިފިއެވެ.

ޒަޔާނުގެ މަރުގެ މައްސަލައިގައި މީގެ ކުރިން ހަތަރު ކުޑަކުއްޖެއްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައެވެ، އޭގެ ތެރޭގައި 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެއެވެ،

މި މައްސަލައިގައި އިތުރު ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ. މި ހަތް މީހުންގެ ތެރެއިން ހަ މީހުންގެ މައްޗަށް ކޮށްފައިވަނީ ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ އަށް ދައުވާއެކެވެ. އަދި އަނެއް މީހާގެ މައްޗަށް ކޮށްފައިވަނީ ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދައުވާއެކެވެ.

މީގެ ތެރެއިން ދެ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާވެސް ވަނީ އުފުލާފައެވެ. އަދި ފަސް މީހެއްގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ،

ޒަޔާންގެ މަރުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 12 ތަނެއް ބަލައި ފާސްކޮށްފައިވާއިރު ވެރިފަރާތުގެ ހުއްދައާއެކު 15 ތަނެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި މި މައްސަލައިގައި 160 މީހަކާ ސުވާލުކޮށް 88 މީހެއްގެ ބަޔާންވަނީ ނަގާފައެވެ.