English Edition
Dhivehi Edition

ގދ. ހޯނޑެއްދޫ އާ ބަނދަރުގައި ފެރީ ޓާމިނަލެއް ހަދައިދޭނޭ ފަރާތެއް ހޯދުމަށް ހޯނޑެއްދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.

ހޯނޑެއްދޫ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ގދ. ހޯނޑެއްދޫ އާ ބަނދަރުގައި ފެރީ ޓާމިނަލެއް ހެދުމުގެ މަސައްކަތްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުން އޮންނާނީ 28 ނޮވެމްބަރ 2022 ވަނަ ދުވަހު 13:15ގައި ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 6 ޑިސެމްބަރ 2022 ވަނަ ދުވަހު 13:15 ގައިކަމަށެވެ.

ގދ. ހޯނޑެއްދޫގައި ތަރައްގީގެ ގިނަ މޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު 2022 ވަނަ އަހަރުގެ ބަޖެޓްގައި އެރަށަށް ވަނީ 2,323,035.00 ރުފިޔާ ހިމަނާފައެވެ. ޖުމްލަ 12 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބަޖެޓްގައި ހިމަނާފައިވާއިރު މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1500 ހައުސިންގ ޔުނިޓް މަޝްރޫއު – ފޭސް 2ގެ މަސައްކަތާއި ގދ.ހޯނޑެއްދޫ ސްކޫލް 5 ކްލާސްރޫމް / ސްޕަވައިޒަރ ރޫމެއް ހެދުމުގެ މަސައްކަތެވެ.

އައުޓަރ އައިލޭންޑްސް ހަރބަރ، ވޯޓަރ ސަޕްލައި އެންޑް ސްވެރޭޖް ފެސިލިޓީސް ޕްރޮޖެކްޓް ގެ މަސައްކަތާއި ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތާއި އަދި ގދ.ހޯނޑެއްދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އަދި ހުވަދުއަތޮޅު ސަރަހައްދީ ކުނި މެނޭޖުކުރުމުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތާއި ގދ.ހޯނޑެއްދޫ ސްކޫލް 2 ކްލާސްރޫމް، ލެބް އަދި އައިސީޓީ އިމާރާތް ކުރުމުގެ މަސައްކަތުގެ އިތުރުން ގދ.ހޯނޑެއްދޫ އިޖުތިމާއީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

 

1 ކޮމެންޓް
ޢަލީ
ނޮވެމްބަރު 23, 2022
މި ޚަބަރުގައިވާ ހޯނޑެއްދޫގެ މަޢުލޫމާތަކީ ރަނގަޅު މަޢުލޫމާތެއްނޫން. ނިމިފައިވާކަމަށް ލިޔުއްވާފައިވާ 1500 ހައުސިންގ ޔުނިޓް މަޝްރޫއު – ފޭސް 2ގެ މަސައްކަތަކީ ހިނގަމުންދާ މަޝްރޫޢެއްނޫން.