އުމުރުން 19 އަހަރުގައި ޕްރޮފެޝަނަލް ފުޓުބޯޅައިގެ ތެރެއަށް ނުކުމެ ފުރަތަމަ ފެނިލުމާއި އެކުހެން ފެށުނު އުންމީދުގެ އަލިވިލުމުގެ ފެށުމަކަށް ވެގެން ދިއައީ ފުޓުބޯޅައިގައި އޭނަ ވިއްދާލި ފައެވެ. ގދ ހޯނޑެއްދޫ ، ދޮންދުނބުރި ، އާދަމް ލަރީފް (ރޮނާ) އަކީ ވަރަށް ތަފާތު, ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. ދިވެހި ހުރިހާ ދަނޑެއްގައި ވެސް ފުޓުބޯޅައިގެ “ކިންގް” އެކެވެ. ދަނޑުމަތީގައި އެފަދަ ދެވަނައެއްނެތް ލީޑަރެކެވެ. ކޯޗެކެވެ.
1999 ވަނައަހަރު ކާޑެއްދޫ އެއާޕޯޓް ގައި އޮތް ފުޓްބޯޅަ މުބާރާތަކީ ލަރީފްގެ ފެށުމެވެ. އެ މުބާރާތުގައި އޭނާގެ ޓީމު ހޯދި ކާމިޔާބީގެ ސިއްރަކީ އޭނާ އެވެ. ޖެހިގެން އައި 2000 ވަނަ އަހަރު މަޑަވެލީ ގައި އޮތް މުބާރާތުގައި ލަރީފްގެ ކުޅުން ފެނިގެން ދިޔައީ ގިނަ ބަޔަކު ހައިރާން ކުރުވި މިންވަރަކަށެވެ. އޭރުގެ ދުނިޔޭގައި އެއްވަނަ ކުޅުންތެރިޔާ ރޮނާލްޑޯގެ ނަމުން ދަނޑު ބޭރުން ގޮވަން ފެށި އެވެ. ކުޅުން މޮޅު ވެފައި ގޯލާ ރައްޓެހި ހަލުއި ކުޅުންތެރިޔަކަށް ވީމައެވެ. އެ މުބާރާތްވެސް ލަރީފު ނުވަތަ ރޮނާލްޑޯ ގެ ޓީމުން ކާމިޔާބު ކުރި އެވެ. ނަތީޖާ އަކަށްވީ ދިވެހި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ތަކުގެ ލޯ މި އުންމީދީ ކުޅުންތެރިޔާ އަށް އަމާޒު ވެގެން ދިޔުމެވެ. ނިއު ލެގޫންސް، ވެލެންސިއާ ފަދަ ޓީމުތަކުން ޖާގަ ލިބުމެވެ. ” ރޮނާ “ގެ ނަން ފުރަތަމަ ޑިވިޝަނުން އިވިގެން ދިއުމެވެ. އުފަން ރަށުން ހެދި ތަމްރީނަށް ފަހު ފޮށި ތަންމައްޗާ އެކު މާލެއަށް ބަދަލުވެ ޒުވާން ރޮނާ ދިޔައީ ފުޓުބޯޅައިގައި ކުރިޔަށެވެ. 5 އަހަރު ވަންދެން ނިއު ލެގޫންސް ، ވެލެންސިއާ އަދި ހުއްރިއްޔާފަދަ މަޝްހޫރު ޓީމު ތަކަށް ކުޅެ ވަރަށް ރަނގަޅު ކާމިޔާބީތައް ވަނީ ހޯދާފައެވެ. އެގޮތުން އެ މުއްދަތުގެ ތެރޭ 2002 ވަނަ އަހަރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. އަދި އޭ އެފް ސީ ކަޕް ގައި ފުލް ޓީމު ގައި ހިމެނުނެވެ. މި މުބާރާތުގައި ޗައިނާގެ ޓީމަކާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ޓީމުގެ ހަމަ އެކަނި ލަނޑު އަމިއްލަ ހާފުގައި ހުރެފައި އިދިކޮޅު ޓީމުގެ ކީޕަރު ބޯމަތިން ފޮނުވާލައިގެން ކާމިޔާބުކުރިއެވެ. ހަމަ އެކަނި ފުޓުބޯޅަ އަށް ހުސްވެ ހުރި ރޮނާގެ ކާމިޔާބީގެ ޗޭނަށް އެދުވަސްވަރު އިތުރުވި އެންމެ ފާހަގަ ކޮށްލެވޭ އަނެއް ބޮޅަކީ އުމުރުން 22 އަހަރު ގައި، ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ގައި ހިމެނުމެވެ.
ދުވަސްތައް މާޒީވަމުންގޮސް 2009 އެއް ނިމުނު އިރު ރޮނާ އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ލިސްޓް ގައި ހިމެނޭ އެއް ކުޅުންތެރިއެކެވެ. ކުރިން ފާހަގަ ކޮށްލެވުނު ޓީމު ތަކުގެ އިތުރުން އީގަލްސް އަދި މާޒީއާ ފަދަ ވަރުގަދަ ޓީމުތަކުގައި ކުޅެ ހޯދި ތަޖުރިބާ އާއި އެކު 2009 ވަނަ އަހަރު ގެ ވޯލްޑް ކަޕް ކޮލި ފައިން ގައި ރާއްގެ ތަމްސީލު ކުރާ ޓީމު ނުވަތަ ސީނިއަރ ގައުމީ ޓީމުގައި އޭނާގެ ނަން ހިމެނުނެވެ.
2016 އާއި ހިސާބުން ކުޑަ ދުވަސްކޮޅެއް ވަންދެން ކުޅުމާއި ދުރަށް ޖެހިލި އިރު ރޮނާ ވަނީ ވަރަށް ގިނަ ކާމިޔާބީ ތައް ހޯދާ ފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކާމިޔާބީތަކަށް ނަޒަރު ހިންގާލާއިރު 2008 ވަނަ އަހަރު އެފްއޭ ކަޕް ގައި ވީބީ ސްޕޯޓްސް ކްލަބަށް ކުޅެ ޓީމު ޗެމްޕިިއަންކަން ހޯދި އިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުގެ އިތުރުން ރާއްޖޭގެ ގެ އެއްވަނަ ޑިވިޝަން ގެ ހުރިހާ ޓީމުތަކަށް އެކި ސީޒަން ގައި ނުވަތަ އެކި މުބާރާތް ތަކުގައި ޓްރާންސްފަރ އުސޫލުން ކުޅެ ހޯދި ކާމިޔާބީތައް ހިމެނެއެވެ.
2016 ގެ ފަހުކޮޅު ރޮނާގެ ވިސްނުން މުޅިން އެހެން ގޮތަކަށް ބައްޓަން ކޮށްލިއެވެ. މާލޭގެ މާހައުލުގައި އަބަދު އުޅުމުގެ ބަދަލުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެރަށެއްގެ ކުޅުންތެރިންނާއެކު މުބާރާތްތައް ކުޅެ އަތޮޅު ތެރެއިން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމެވެ. އެގޮތުން ބަލާއިރު ރޮނާ ވަނީ 4 އަހަރު ތެރޭ ރާއްޖޭގެ އަތޮޅު ތަކުގައި ބޭއްވި ވަރަށް ގިނަ މުބާރާތް ތަކުގައި ބައިވެރިވެ އެތައް ސަތޭކަ މެޗެއް ކުޅެފައެވެ. އެގޮތުން ބަލާއިރު އޭނާ އަކީ ރާއްޖޭގެ ރެކޯޑު ކަމަށް ވެސް ވުން އެކަށީގެންވެއެވެ.
“އެއް ދުވަސް ވަރެއްގައި އއ ރަސްދޫ، އައްޑޫ ، ގދ ތިނަދޫ ، ލ ތުނޑި ، ގއ ކަނޑުހުޅުދޫ އަދި ގދ ހޯނޑެއްދޫ ގައި އެއްފަހަރާ ހިގަމުންދިޔަ މުބާރާތް ކުޅެފައިވާނެ. ހަވީރު މެޗު ނިންމާފަ ރޭގަނޑު ގެ މެޗަށް އަނެއް ރަށަށް, އަނެއްކާ އެދުވަހު އެހެން ރަށަކަށް ގޮސް މުބާރާތް ކުޅެފަ ހުންނާނީ” ކުޅުނު ކޮންމެ މުބާރާތެއްގައި އެންމެ މޮޅު ކުޅުންތެރިންގެ މަގާމުގައި ޓުރޮފީ ހޯދައި، އެތައް ގޯލް ތަކެއް ޖަހާފައިވާ ހުވަދޫ އަތޮޅާއި ހޯނޑެއްދޫ އެ ކުޅުންތެރިޔަކަށް ފަޚްރުވެރިވާ ރޮނާ ބުންޏެވެ.
ކާމިޔާބު ފުޓްބޯޅަ ތަރި ރޮނާ އަކީ ހަމައެކަނި ފުޓްބޯޅަ ކުޅުމަށް އަވަދި ނެތި އުޅޭ މީހެއް ނޫނެވެ. އޭނާ ވަނީ ރާއްޖޭގެ އެކިހިސާބުތަކުގައި ފުޓްބޯޅަ ކޯޗުކަން ވެސް ކޮށްދީފައެވެ. އޭނާގެ ތަމްރީނުތައް ލިބި އޭގެ މަންފާ އާއި އެކު ޓީމުތައް ކާމިޔާބު ހޯދައި އެތައް ޒުވާނުންނެއް މިއަދު ފުޓްބޯޅަ ކުޅުމުގައި ކުރިއަރަމުން ދާއިރު މިހާރުވެސް އޭނާ ދަނީ އެ ޤައުމީ ޚިދުމަތުގައި އަވަދިނެތިއެވެ. އަދި އެކަން ރަސްމީ ސިފައެއްގައި ކުރަމުންނެވެ. އެގޮތުން އޭނާ އަކީ ހޯނޑެއްދޫ ގައި ވަރަށް ކާމިޔާބު ކަމާއެކު ހިންގާ ކާއްޑޭ ސްޕޯޓްސް އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރެވެ. އަދި އެ އެކަޑަމީ ގެ ފަރާތުން ތަމްރީނުތައް ހިންގާ އެ އެކަޑަމީގެ ހެޑްކޯޗުވެސްމެއެވެ. އެގޮތުން ފާއިތުވި 2 އަހަރު ވަނީ ގދ. ވާދޫ އާއި ހޯނޑެއްދޫ ގައި ގިނަ އަދަދަކަށް ކުދިން ތައްޔާރު ކޮށްފައެވެ. ކަސްރަތު ކުރުމާ ފުޓްބޯޅަ ހުނަރު ދަސްކޮށް ދީފައެވެ. ކޯޗެއްގެ ގޮތުގައި ލިބުނު އެންމެ ބޮޑުކާމިޔާބެއް ކަމުގައި ރޮނާ ދެކެނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް މުބާރާތުގެ ތަށި، ޖެހިޖެހިގެން ތިންފަހަރު ހޯދައިދެވުމެވެ.
ކޯޗެއްގެ އިތުރުން އަދިވެސް ދަނޑުމަތިންފެންނަ ގޯލާރައްޓެހި ރޮނާގެ އުމުރަކީ 42 އަހަރެވެ. ކުޅުން ހުއްޓާލާނެ ދުވަހާ ގުޅޭ ގޮތުން ކުރި ސުވާލަށް ރޮނާ ބުނީ ” ބްރޯ. މި ރޮނާބެ އަދިވެސް ޕިޗްގައި ހިފަހައްޓާނަން. އެ ހިއްވަރު އެބަހުރި. އަސްލު ބޭނުން +50 ވަންދެން ފުޓްބޯޅަކުޅެން. އެ ޓާގެޓަށް މަސައްކަތްވެސް ކުރަން”.
ތެދެކެވެ. ސާފް ޗެމްޕިިއަންޝިޕް ގެ ތަށި ފުރަތަމަ ރާއްޖެއިން ހޯދި ގައުމީ ޓީމުގައިވެސް ހިމެނުނު ރޮނާ އަދިވެސް ދެމިހުރީ ފުޓުބޯޅައިގެ ތެރޭގައެވެ. އޭ އޯ ނިއުސް ޓީމްގެ ފަރާތުން ރޮނާއަށް އެދެނީ ފަހި މުސްތަގްބަލަކަށެވެ.