English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ބަނދަރު ފޮޓޯ: ޕީއެސްއެމް

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ތޮށިލުމުގެ މަސައްކަތަށް ދޫކުރެވިފައިވާ ކޮންސްޓްރަކްޝަން ސައިޓުތަކަށް ހުއްދަނެތި ވަނުމަކީ މަނާކަމެއްކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލައް ކައުންސިލުން ބުނީ ތޮށިލުމުގެ މަސައްކަތަށް ދޫކުރެވިފައިވާ ކޮންސްޓްރަކްޝަން ސައިޓުތަކަށް އާންމުން ވަންނަކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. ފެންސްޖަހައި ވަނުން މަނާކަން އަންގައިދޭ ބޯޑު ބަހައްޓާފައިވާ އެ ސަރަޙައްދުތަކުގައި ބޮޑެތި ވެހިކަލްތަކާއި މެޝިނަރީޒް ގެންގުޅޭއިރު އެ ސަރަޙައްދުތަކަށް ރައްޔިތުން ވަނުމަކީ ރައްކާތެރިކަމެއްނޫން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ތޮށިލުމުގެ ޢަމަލީ މަސައްކަތް ފެށުމުން، ރައްކާތެރިކަން ކަށަވަރުވާނޭހެން، މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް ބޭނުންވާ ފަރާތްތަކަށް، ޚާއްސަ އިންތިޒާމެއްގެ ދަށުން ސައިޓުތަކަށް ޒިޔާރަތްކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

އެހެންކަމުން ހުއްދަނެތި ސައިޓުތަކަށް ވަނުމާއި، ބޮޑެތި ވެހިކަލްތައް ދުއްވުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ދުއްވުމާއި، މަސައްކަތް ކުރިއަށްދާ ސައިޓުތަކަށް ހުއްދަނެތި ޒިޔާރަތްކުރުމަކީ މަނާކަމެއްކަމެއްކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.