English Edition
Dhivehi Edition
ރައީސް މުއިއްޒު ރާއްޖޭގެ ދެކުމަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެރއިން

ރިޔާސީ އިންތިހާބުގައި ވައުދުވެ ވަޑައިގަތްގޮތަށް ފުވައްމުލަކުގައި ޑިކޯ ޗެމްބަރެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ޑީކޯ ޗެމްބަރަކީ ޑައިވިނަށް ގޮސް އުޅޭ މީހުންގެ ހާލު ބޮޑުވުމުން ލާ ޗެމްބަރެކެވެ. ފުވައްމުލަކީ ގިނައަދަދަކަށް ޑައިވިން ސެންޓަރުތައް ހުރި ސިޓީއެކެވެ. އަދި ފުވައްމުލައް ކައިރީގައި ޑައިވްކުރުމަށް ގިނައަދަދެއްގެ ފަތުރުވެރިން ކޮންމެ އަހަރަކުވެސް އެރަށަށް ދަތުރުކުރެއެވެ.

މީގެ އިތުރުން ރައީސް ވަނީ ފުވައްމުލަކުގައި ޓާޝަރީ ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެކަމަށް ވެސް ވައުދުވެލައްވާފައިވާގޮތައް, އެ މަސައްކަތް ވަރަށް އަަވަހަށް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ.

“ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތާއި އެމްއާރްއައިގެ ޚިދުމަތް ލިބޭނޭ ވަޞީލަތްތައް މި ސަރުކާރުގައި ޤާއިމުކޮށްދޭނަން,” ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކަރަންޓުގެ ޚިދުމަތާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގައި ދިމާވެފައިވާ މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރަން މަސައްކަތްކުރައްވާނެކަމަށެވެ.

ރާއްޖޭގެ ހުރިހާ ސިޓީއެއްގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހައްދަވާނެކަމަށް ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް ފުވައްމުލަކުސިޓީގެ ހުރިހާ މަގެއް ހަދައި ނިންމަވާނެ ކަމަށާއި ހޯމަ ދުވަހު ފެށުނު ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުުމުން ދެންހުރި މަގުތައް ހެދުމަށް 3 ވަނަ ފިޔަވައްސެއް ކުރިއަށް ގެންގޮސްގެން ފުވައްމުލަކުގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެކަމުގެ ޔަގީންކަން ރައީސް ފުވައްމުލަކު ރައްޔިތުންނަށް ދެއްވިއެވެ.