ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީކޮށްދޭނެ އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އާރްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގުއެވެ.
އާރްއޭސީއެލުން ބުނީ އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ޓޫރިޒަމް ޒޯން ތަރައްގީކުރަން ނިންމާފައިވާ ބިމަކީ މިވަގުތު އެއްވެސް ބޭނުމެއް ނުކުރާ ބިމަކަށްވުމުން، އެ ބިމުން ފުވައްމުލަކުގެ ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫއެއް ކުރިއަށް ގެންދިޔުން ކަމަށެވެ.
އާރްއޭސީއެލް އިން ބުނީ މި އެމްއޯޔޫގައި ސޮއިކުރެވިފައިވަނީ އެއާޕޯޓް އިންވެގެން އޮތް ހުސްބިން ކަމުގައިވާ (ބިޅިފޭށި) ގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމަށާ އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފަންޑިން ނުވަތަ އިންވެސްޓަރުން ހޯދުމަށް ކަމަށެވެ. އަދި މި ސަރަހައްދު ތަރައްގީ ކުރުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ވިސްނުމާ އެއްގޮތަށް މިހާރު ކޮންސެޕް ޑްރޮއިން ވެސް ނިމިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އާރްއޭސީއެލް އިން ބުނީ ކޮންސެޕް ޑްރޮއިންގްގައި ވާގޮތުގެ މަތިން 108 ގެސްޓް ރޫމް މި ސަރަހައްދުގައި އެޅިގެން ދާނެކަމަށެވެ.