English Edition
Dhivehi Edition

2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕްގެ ކޮލިފައިންގައި އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި އިންގްލެންޑާއި، ޕޮލެންޑް އަދި ފަހަކަށްއައިސް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ހަންގޭރީ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

މިއާއެކު، އެންމެ ފަހުން ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕް ކާމިޔާބުކުރުމަށް އަމާޒުހިފައިގެން ވަރުގަދަ ސްކޮޑަކާއެކު އެ މުބާރާތަށް ކުރިމަތިލީ އިންގްލެންޑަށް ކުރިއަށް އޮތް ވޯލްޑްކަޕަށް ކޮލިފައިވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ. މި ގްރޫޕްގައި އިންގްލެންޑާއި، ޕޮލެންޑް އަދި ހަންގޭރީގެ އިތުރުން ދެން ހިމެނުނީ އަލްބޭނިއާ އާއި އެންޑޯރާ އަދި ސެން މެރީނޯ އެވެ.

ސްވިޒަލެންޑްގެ ޒިއުރިކްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރޭ ބޭއްވުނު ގުރުއަތުލުމުގައި ޔޫރަޕްގެ 55 ގައުމު ހިމެނޭ ކޮލިފައިންގެ ގްރޫޕްތައް ބެހިފައިވާ ގޮތުން ގްރޫޕް އޭ އިން ފެށިގެން އީ އާ ހަމައަށް ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ގްރޫޕް އެފް އިން ޖޭ އާ ދެމެދުގެ ކޮންމެ ގްރޫޕެއްގައި ހިމެނިފައިވަނީ ހަ ޓީމެވެ.

މި ފަހަރުގެ ގުރުއަތުލުމުގައި އެންމެ ފަހުގެ ވޯލްޑްކަޕްގެ ޗެމްޕިއަން ފްރާންސް ލައްވާލީ ޔޫކްރޭން އާއި ފިންލެންޑްގެ އިތުރުން ބޮސްނިއާ އެންޑް ހާޒެގޮވީނާ އަދި ކަޒަކިސްތާނާއެކު ގްރޫޕް ޑީ ގައެވެ.

އެންމެ ފަހުގެ ވޯލްޑްކަޕްގެ ފައިނަލްގައި ފްރާންސާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: އޭޕީ

ގްރޫޕް އޭ ގައި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އާއެކު ހިމެނުނީ ސާބިއާ އަދި ރިޕަބްލިކް އޮފް އަޔާލެންޑްގެ އިތުރުން ލަގްޒެމްބޯގް އަދި އަޒަރުބައިޖާން އެވެ.

ދެން އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގެ ރޭންކިންގެ އެއްވަަނައިގައި އުޅޭ ބެލްޖިއަމް އާއި ވޭލްސްގެ އިތުރުން ޗެކް ރިޕަބްލިކް އަދި ބެލާރުސް އާއި އެސްޓޯނިއާ ހިމެނުނު ގްރޫޕް އީ އެވެ.

އެންމެ ފަހުގެ ވޯލްޑްކަޕްގެ ރަނަރަޕް ކްރޮއޭޝިއާ ހިމެނުނީ ސްލޮވޭކިއާ އާއި ރަޝިޔާގެ އިތުރުން ސްލޮވޭނިއާ އާއި ސައިޕްރަސް އަދި މޯލްޓާ އާއެކު ކޮލިފައިންގެ ގްރޫޕް އެޗް ގައެވެ. ކުރީގެ ގަދަ ބާރު އިޓަލީ ހިމެނުނު ގްރޫޕް ސީގައި ދެން އޮތީ ސްވިޒަލެންޑާއި ނޯދަން އަޔާލެންޑްގެ އިތުރުން ބަލްގޭރިއާ އަދި ލިތުއޭނިއާ އެވެ.

ގަދަފަދަ ނެދަލެންޑްސް އަށް ވެސް ކުރިއަށް އޮތް ވޯލްޑްކަޕަށް ކޮލިފައިވުމަށްޓަކައި އުނދަގޫ މެޗުތަކެއް ކުޅެން މިވަނީ ޖެހިފައެވެ. ކޮލިފައިންގެ ގްރޫޕް ޖީގައި ނެދަލެންޑްސް އާއެކު ދެން ހިމެނުނީ ތުރުކީ އާއި ނޯވޭގެ އިތުރުން މޮންޓެނީގްރޯ އަދި ލެޓްވިއާ އާއި މޯލްޓާ އެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނު ހިމެނުނީ ރޫމޭނިއާ އާއި އައިސްލެންޑްގެ އިތުރުން ނޯތު މެސެޑޯނިއާ އާއި އާމީނިއާ އަދި ލީޗްޓެންސްޓެއިން އާއެކު ގްރޫޕް ޖޭ ގައެވެ.

2022 ވަނަ އަހަރު ގަތަރު ބާއްވާ ވޯލްޑްކަޕްގެ ޔޫރަޕްގެ ކޮލިފައިން ބުރުގެ ގްރޫޕްތައް ބެހިފައިވާ ގޮތް. –ފޮޓޯ: ފީފާ.ކޮމް

2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ހިމެނުނީ ސްވިޑެން އާއި ގްރީސްގެ އިތުރުން ޖޯޖިއާ އާއި ކޮސޮވޯ އާއެކު ގްރޫޕް ބީ ގައެވެ. ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު މިހާރު ކުރިއެރުންތައް ހޯދަމުން އަންނަ ސްޕެއިނުން ވަނީ ޔޫރަޕްގެ ޓީމުތަކަށް ހާއްސަ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ އަށް ދަތުރުކޮށްފައެވެ.

ޔޫރަޕްގެ ވޯލްޑްކަޕް ކޮލިފައިން ބުރުގެ އެންމެ އާދައިގެ ގްރޫޕުގެ ގޮތުގައި ފާހަގަވެގެންގޮސްފައިވާ ގްރޫޕް އެފްގައި ޑެންމާކް އާއި އޮސްޓްރިއާގެ އިތުރުން ދެން ހިމެނުނީ 23 އަހަރުގެ ދިގު މުއްދަތަކަށްފަހު ބޮޑު މުބާރާތަކަށް ކޮލިފައިވެފައިވާ ސްކޮޓްލެންޑް އަދި އިޒްރޭލް އާއި ފެރޯ އައިލެންޑްސް އަދި މޮލްޑޯވާ އެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ޔޫރަޕްގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތައް ބެހިފައިވާ ގޮތުން 10 ގްރޫޕުގެ އެއްވަނަ ހޯދާ ޓީމުތައް ސީދާ ކޮލިފައިވާއިރު، ޕްލޭ-އޮފްގެ 12 ޖާގައަށް ވާދަކުރާނީ ކޮންމެ ގްރޫޕެއްގެ ދެވަނަ ހޯދާ ޓީމުތަކުގެ އިތުރުން އެންމެ ފަހުގެ ނޭޝަންސް ލީގުގެ ރޭންކިން އަށް ބަލައިގެން ގްރޫޕްގެ އެއްވަނަ ހޯދީ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދީ ދެ ޓީމެވެ.

ޔޫރަޕްގެ ވޯލްޑްކަޕް ކޮލިފައިން ބުރުގެ ފުރަތަމަ މެޗުތައް އަންނަ އަހަރުގެ މާރިޗް މަހު 24-25 ގައި ފެށިގެންދާއިރު، މިހާރު ތާވަލްކުރެވިފައިވާގޮތުން ކޮލިފައިންގެ މެޗުތައް ނިމޭނީ އަންނަ އަހަރުގެ ނޮވެންބަރު މަހު އެވެ. އަދި އެ މުބާރާތަށް ކޮލިފައިވުމަށް ކުޅެވޭ ޕްލޭ-އޮފް މެޗުތައް ތާވަލްކުރެވިފައިވަނީ 2022 ވަނަ އަހަރުގެ މާރިޗް މަހުގެ 24، 25 އާއި 28 އަދި 29 އަށެވެ. ގަތަރުގައި ކުޅުމަށް ރޭވިފައިވާ ވޯލްޑްކަޕް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު 21 އިން ޑިސެންބަރު މަހުގެ 18 ނިޔަލަށެވެ.