English Edition
Dhivehi Edition
ގަތަރުގެ އަލް ސާދު އަށް ކޯޗުކޮށްދެމުން އަންނަ ޒަވީ ހެނާންޑެސް. --ފޮޓޯ: އޭޕީ

ގަތަރުގެ އަލް ސާދަށް ކޯޗުކޮށްދެމުން އަންނަ ބާސެލޯނާ އަދި ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭސް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

އުމުރުން 40 އަހަރުގެ ޒަވީ މިއަދު ނެރުނު ބަޔާނެއްގައިވަނީ، ގަތަރު ސްޓާސް ލީގު (ކިއުއެސްއެލް)ގެ ޕްރޮޓޮކޯލްގެ ދަށުން ކޮންމެ މެޗެއް ފެށުމުގެ ކުރީން ކްލަބުތަކުގެ ކުޅުންތެރިންނާ އޮފިޝަލުން ކޮވިޑް-19 އަށް ޓެސްޓުކުރެވޭ އުސޫލުގެ ތެރެއިން ހެދި ޓެސްޓުން އޭނާ ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިހާތަނަށްއައިއިރު ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވީނަމަވެސް މިވަގުތު ހުރީ އައިސޮލެޝަނުގައިކަމަށްވެސް ބުނެފައިވެއެވެ.

“މީގެ ދުވަސްކޮޅެއްކުރީން، ކިއުއެސްއެލްގެ ޕްރޮޓޮކޯލްގެ ދަށުން ކޮވިޑް-19 އަށް ކުރި ޓެސްޓުން އަހަރެންވަނީ ޕޮޒިޓިވްވެފައި. މިހާތަނަށްއައިއިރު ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއްނުވޭ. ހެލްތު ސާވިސަސް އިން ވަކި ގޮތެއް އަންގަންދެން އައިސޮލޭޝަނުގައި ހުންނާނީ.” ޒަވީ ނެރުނު ބަޔާނުގައިވެއެވެ.

ބާސެލޯނާގައި ކުޅުންތެރިއެއްގެ ގޮތުން ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒަވީގެ ކޯޗިން ކެރިއަރުގައި މިހާތަނަށް މާބޮޑު ކާމިޔާބީއެއް ހޯދިފައެއްނުވެއެވެ. އެހެންނަމަވެސް، މިދިޔަ ޖަނަވަރީ މަހު ބާސެލޯނާގެ އޭރުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ޒަވީ ގެންދަން އެ ކްލަބުން މަސައްކަތްކުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަލް ސާދު އާއެކު ޒަވީ އެންމެ ފަހުން ހަދާފައިވާ އެއްބަސްވުން މިމަހުގެ 5 ވަނަ ދުވަހު އާކޮށްފައިވާއިރު، އެ އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއެއްގައި ބުނާގޮތުން ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރީން ވަކި މުއްދަތެއްގެ ނޯޓިސްއެއް ދީފައި އޭނާ ބޭނުންވާ ކްލަބަކަށް ބަދަލުވުމުގެ އިހްތިޔާރުލިބިގެންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަލް ސާދު އާއެކު ޒަވީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ މާރިޗް މަހުގައި މެދުކަނޑާލި ގަތަރުގެ ފުޓްބޯޅަ ސީޒަނުގެ މެޗުތައް އިއްޔެ އަލުން ފެށިއިރު، ޒަވީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އަލް ސާދު މިއަދު ކުޅޭ މެޗުގައި ނިކުންނާނީ އަލް ހޯރްއާ ދެކޮޅަށެވެ. ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ކިއުއެސްއެލްގެ އެންމެ ކުރީގައި އުޅޭ އަލް ދުހައިލް އަށް 42 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އަލް ރައްޔާން އެވެ. އަލް ސާދު އޮތީ 32 ޕޮއިންޓާއެކު ތިންވަނައިގައެވެ.