English Edition
Dhivehi Edition

ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމާ މެދު އޮތް މަޤުބޫލުކަން އިތުރުކުރުމަށްޓަކައި ޝެފުންގެ ގޮތުގައި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ކަލިނަރީ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން “ސީ.ޖީ.އެމް ޝެފްސް އެވޯޑްސް 2022” ގެ ނަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ތަޢާރަފުކުރި މި ދާއިރާގެ ފުރަތަމަ އެވޯޑް ޙަފްލާ ޝަރަފުވެރިކޮށްދެއްވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާވާ މިންވަރަށް ދިވެހި ކަލިނަރީ ފަންނުވެރިން ނުއުފެދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ފަންނަކީ ދިވެހި ޒުވާނުން ކުރިމަތިލާން ރަނގަޅު ފަންނެއް ކަމަށެވެ. އަދި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަ ވަރަކަށް، މި ފަންނު ރާއްޖޭގައި އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށް ވެސް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ދާއިރާއެއްކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހި ޝެފުންގެ އިސްނެގުމާއެކު ދިވެހިންގެ ރަހަތަކާއި، ވިލާތުގެ ރަހަތައް ގުޅުވައިގެން ކަލިނަރީ ދާއިރާގެ މުޅިން އައު ބްރޭންޑެއް އުފެއްދުންފަދަ އީޖާދީ މަސައްކަތެއް އުފަންކުރެވިއްޖެނަމަ އެއީ ދިވެހި ފަތުރުވެރިކަމަށާއި ޤައުމަށް ލިބޭ ކުރިއެރުމަކާއި ރީތި ނަމަކަށް ވާނެކަމަށެވެ.

ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތާރީޚުގައިވެސް، ކަލިނަރީ ދާއިރާއިން ޚާއްޞަ އެވޯޑެއް ތަޢާރަފްކޮށް، އެ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރެވޭ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސް ވަނީ މި ޙަފްލާގައި އެވޯޑް ޙާޞިލުކުރި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ.