ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކުރިއަށް ދިޔަ ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ޓެކްސް ބޮޑުކުރުމުގެ ވޯޓުގައި، ޖީއެސްޓީ ބޮޑު ކުރަން ފެންނަނަކަމަށް ވޯޓު ދެއްވި އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި މެދު ފިޔަވަޅު އަޅާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ މި ބިލު ފާސްކުރުމާއި ދެކޮޅަށް މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރެއްވި ކަމަަށާއި އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ ދުނިޔޭގެ އިގްތިސޯދު އޮތް ނާޒުކު ހާލަތާއި ގުޅިގެން ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރަށްވެސް ދުނިޔޭގެ އިގްތިސޯދު ގޯސްވަމުންދާނެ ކަމަށެވެ. އެހެންކަމުން ކަމުގެ އަސަރު ފަތުރުވެރިކަަމަށް ބަރޯސާވެފައިވާ ރާއްޖެއަށް ކުރާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މި ބިލާއި ދެކޮޅަށް އިދިކޮޅު ޕީޖީ ގްރޫޕުންވެސް ތްރީ ލައިން ވިޕެއް ނެރެފައިވާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. މީގ އިތުރުން ޝަރީފް ވިދާޅުވީ ޕީޖީ ގްރޫޕުން ނެރެފައިވާ ތްރީ ލައިން ވިޕާއި ހިލާފުވި މެންބަރަށް އޮންނަ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެކަމަށެވެ.
މި ބިލާއި ދެކޮޅަށް މަޖިލީހުގައި ވަކާލާތު ކުރެއްވި އެމްޑީީޕީ މެންބަރުންވެސް ބިލާ އެއްކޮޅަށް ވޯޓު ދެއްވިކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެކަމަކީ ސަރުކާރުގެ ނުފޫޒު ވަދަގެން ކޮށްފައިވާ ކަމެއް ކަމަށެވެ.