English Edition
Dhivehi Edition
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް / ފޮޓޯ: ރައީސް އޮފީސް

ދިވެހި މީޑިއާތަކަށާއި ދިވެހި ނޫސްވެރިކަމަށް، ކުރިއެރުމާ ކާމިޔާބީގެ ރަން ޒަމާނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ގެނެސްދެއްވާނެ ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލްޑިވްސް މީޑީއާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ‘ނޫސްވެރިންގެ އިނާމު 2022’ ހަފްލާގައި ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ރިޔާސީ އެޖެންޑާގައި މީޑިއާއާއި ނޫސްވެރިކަން ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާކަމަށެވެ.

މި ހަފްލާގައި ނައިބު ރައީސް ވަނީ މީޑިއާ އާއި ނޫސްވެރިކަން ކުރިއަރުވައި، ރަނގަޅު ނަތީޖާ ނެރުމަށް ސަރުކާރުން އަމާޒުހިފާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މިގޮތުން، ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދެއްވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދެއްވުން ހިމެނެއެވެ.

މީގެ އިތުރުން އޮފީސް ހަރަދުކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ގާއިމުކޮށްދެއްވުމާއި، އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް، ތަޢުލީމުދީ، ގާބިލް ނޫސްވެރީން ބިނާކުރުމަށް ދައުލަތުން ހޭދަކުރެއްވުމާއި، ސަރުކާރުން ހަބަރާއި މައުލޫމާތު ފޯރުކޮށްދެއްވުމުގައި، ނޫސްތަކުގެ މެދުގައި ތަފާތު ނުކުރުމާއެކު، ނޫސްވެރީންނަށް ޖަވާބުދާރީވެ ޒިންމާދާރުކަމާއެކު ކަންކަން ހާމަކުރެއްވުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިއާ އަޅައި ބަލާއިރު މީޑިއާތަކާއި ނޫސްވެރިންގެ ޒިންމާ މިޒަމާނުގައި ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގެ ސަބަބުން، ކޮންމެ މީހަކަށްވެސް މިހާރު ފަސޭހަކަމާއެކު ހަބަރެއް ފަތުރާލެވިދާނެކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ތެދު ހަބަރު ފޯރުކޮށްދީ، ކޮންމެ ކަމެއްގެވެސް ހުރިހާ ފަރާތެއް ހާމަކޮށް، ދޮގާއި ފިތުނަ ފެތުރުނަ ނުދީ، ގައުމުގެ އަގުތައް ހިފެހެއްޓުންފަދަ ހުރިހާ ކަމަކީ ނޫސްވެރީންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.