English Edition
Dhivehi Edition

ބޮމެއް ގޮއްވާލާނެކަމަށް ބުނެ މާލޭގެ ނޫރު މިސްކިތުގެ ތަނބެއްގައި އިންޒާރެއް ލިޔެފައި އޮތް މައްސަލައާއި ގުޅިގެން އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ މިއަދު ފެންމަތިވި މި މައްސަލައިން ފާހަގަވެގެންދަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރުކަމަށާއި އެކަމުގެ ނުރައްކާ ރައްޔިތުންނާއި ގައުމަށް ވެސް އޮތް މިންވަރުކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ބުނީ މަރުތަކާ ބެހޭ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި، ނޫރު މިސްކިތް ހިމެނޭގޮތަށް ބައެއް މިސްކިތްތަކުގައި ހަރުކަށި ފިކުރުގެ ބައެއް ލީޑަރުންނާއި އެ މީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅިގެން އެ މީހުންގެ ފިކުރު ކުރިއަރުވައި، އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާކަމަށެވެ. އަދި ހަމަ އެ މިސްކިތުގެ މިފަދަ ޓެރަރިސްޓު އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ހިދުމަތްތަކުން އެއަށްފަހު ވެސް ސާވެލެންސްކޮށް އެ ކަންތައް ރަނގަޅަށް ނުބެލިވާކަމަށް ތުހުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމުގައި ދެކޭކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގެ މައްސަލަ ނުނިމެނީސް މިފަދަ އިންޒާރެއް ދިިނުމުން އެކަމުގެ ކަންބޮޑުވުންފާޅުކޮށް އެމްޑީޕީއިން ވަނީ ޓެރަރިޒަމުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ މުވައްސަސާތަކަށް ގޮވާލާފައެވެ.

މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ ތަންތަނަށް ވާއިރު ދިވެހި ބަހުން އެފަދަ ނުރައްކާތެރި އިންޒާރެއް ދޭނީ އެފަދަ ހަމަލައެއް ދިނުމަށް ތައްޔާރުވަމުން އަންނަ ޓެރަރިސްޓުންކަމުގެ އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރުދީ، ލިޔުމެއް ލިޔެފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާއިރު ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.