ރާއްޖެ ޓީވީގެ ‘މިރައީސް’ ޕްރޮގްރާމްގައި ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކަތައް ދައްކާފައިވާކަމަށް ކަނޑައަޅައި، ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ކުރި ޖޫރިމަނާ އެ ޓީވީން މިއަދު ދައްކައިފި އެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު ރާއްޖެ ޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ޖުލައިމަހުގެ 28 ވަނަ ދުވަހު މި ރައީސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުން ބޭރުކުރުމަށް ގޮވާލާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ.
ރާއްޖެ ޓީވީން އަބުރުފުޅު ފަންޑު ފޮށިތަކުގައި ޖޫރިމަނާ ފައިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ގެންދިޔައިރު ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެއީ ނުހައްގުން، ގާނޫނާ ހިލާފަށް ކޮށްފައިވާ ޖޫރިމަނާއެއް ކަމަށާއި ޖޫރިމަނާ ފައިސާ ދެއްކީ، ޖޫރިމަނާ ނުދައްކައި އިސްތިއުނާފު ކުރެވެން ނެތުމުން ކަމަށެވެ. މީގެ އިތުރުން ފިޔާޒު ވިދާޅުވީ ޖޫރިމަނާ ކުރުމަކީ ހަމައެކަނި މާލީ ގޮތުން ލިބޭ ގެއްލުމެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން ނޫސްވެރިން ކުރަންނުޖެހޭ އެތައް ކަމެއް ކުރަންޖެހި، ސްޓޭޝަންގެ އުފެއްދުންތެރިކަން ދަށްވެގެންދާކަމަށެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭގޮތަށް މުސްތަފާ ވާހަކަދެއްކެވި ކަމަށް ތުހުމަތުކޮށް ފުލުހުން ވެސް އަންނަނީ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.