މީޑިއާއިން ކުޑަކުދިންނާ ގުޅޭ އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގެވުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި
1 މަސް ކުރިން
އައިޝަތު ފަތުޙީ

ކުޑަކުދިންގެ ޙައްޤުތަކާ ކަރާމަތަށް އުނިކަން ނާންނަގޮތަށް ކުޑަކުދިންނާ ގުޅޭ އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މީޑިޔާތަކަށް  ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ ރާއްޖެޓީވީ ގެ 9 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advt

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެފަދަ ކެމްޕޭނެއްގެ ސަބަބުން އާންމުންގެ ހެލުންތެރިކަން އިތުރުވެ ދައުލަތުގެ އެކި މުއައްސަސާތަކުން އެކަމަށް ދޭ ސަމާލުކަން އިތުރުވެގެންދާނެ ކަމުގައެވެ. އެގޮތުން މިވަގުތު އެންމެ ކަންބޮޑުވާ އެއްކަމަކީ ކުޑަކުދިންނާ ގުޅުންހުރި ކަންތައްތައް ކަމަށާއި ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ކުޑަކުދިންނާމެދު އިޙްމާލުވެވޭތަންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ކަން އޮންނަގޮތަކީ ކަމެއްދިމާވެއްޖެނަމަ 2 ހަފްތާއެއްހާދުވަސް ވަންދެން އެވާހަކައެއް މީޑިއާގައިވެސް ދެކެވި އެވާހަކައެއް އެހިސާބުން އޮބިގެންދިއުންކަން ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި މިފަދަ ގޮތަކަށް ރޭވިގެން ދިގުމުއްދަތަކަށް އަމާޒުހިފައިގެން އާރުލާ ގޮތަކަށް ކުޑަކުދިންނާ ގުޅޭ މައްސަލަތައް ގެނެވިދާނެކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މީޑިޔާއިން އެގޮތުން ސަމާލުކަން ދެވިދާނެ ކުޑަކުދިންނާ ގުޅޭ ބައެއް ސުރުޚީތައްވެސް އެކަމަނާގެ ވާހަކަފުޅު ގައި ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ މީގެ ތެރެއިން ގިނަ ކަންކަމަކީ ކުއްޖާވަރަށް ތުއްތުއިރު، ގޭތެރެއިން ފެށިގެން އަންނަކަންކަން ކަމަށް ބެލެވޭތީ، ބެލެނިވެރިންނަށް އަމާޒުކޮށްގެން އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. ހަމަ އެހެންމެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ކަންކަމާ ފުށުއަރާ ފުށުއަރާފަދަ ކަންކަން އިސްތިހާރުތަކުން ފެންނަކަން ފާހަގަކުރައްވައި އެއީ އެކަން ހިނގައިގެންވާނެ ގޮތެއްނޫންކަންވެސް ފާހަގަކުރެއްވިއެވެ.

ރާއްޖެޓީވީގެ ފާއިތުވި މާޒީއަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ރާއްޖެޓީވީ އަކީ “ބަދަލުގެނެސްދޭ” އަދި މީހުންނާ ހިސާބައް މައުލޫމާތު ފޯރުކޮށްދެއްވުމުގައި އަމިއްލަ ފުރާނަ އަތްމައްޗައްލައިގެން މަސައްކަތް ކުރި މުވައްޒަފުން ތަކެއް ތިބި ތަނެއްކަމުގައެވެ. އަދި އޭރު މަސައްކަތްކުރަން ޖެހިފައި އޮތް ބިރުވެރިކަމާއެކުވެސް ޕްރޮގްރާމްތަކުގައި މަޖާ ނުވަތަ ހިއުމާ ބޭނުން ކޮށްފައިވާކަން އެއީ އެ ހާސްކަމާ ނުރައްކާތެރިކަމުގެ ތެރޭން ރާއްޖެޓީވީ ސަލާމަތްވި މައިގަނޑު ސަބަބުކަމަށް ޤަބޫލުކުރެވޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އޭރު ހުރި ގޮންޖެހުންތަކާ އެ މާހައުލު މިހާރު ނެތްނަމަވެސް، މިހާރުގެ ކަންކަން ރިޕޯޓް ކުރުމުގައި ވެސް ރާއްޖެޓީވީ އޭ ބުނުމުން އެސިފަވާ ރޫޙުގައި ރާއްޖެޓީވީގެ މުވައްޒަފުން މަސައްކަތް ކުރެއްވުމަކީ އެކަމަނާ ޤަބޫލުކުރައްވާ އަދި އެދިވަޑައިގަންނަވާ ގޮތްކަމަށެވެ.

ރާއްޖެޓީވީގެ 9 ވަނަ އަހަރީދުވަހުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖެޓީވީން 2012 އިން ފެށިގެން 2018 އާހަމައަށް ފަސްޖެހުމެއްނެތި ކުރި މިންނެތް މަސައްކަތްތައް ފާހަގަކުރެއްވައި ރާއްޖެ ޓީވީ މުވައްޒަފުންނާއި މެނޭޖްމަންޓަށްޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެޓީވީގެ އަހަރީ ދުވަހުގެ މުނާޞަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ރާއްޖެޓީވީގެ މުވައްޒަފުންނަށް އެކަމަނާ ވިދާޅުވިއެވެ. މި ޙަފުލާގައި، ރާއްޖެޓީވީގެ މުވައްޒަފުންގެ އެކިއެކި 18 އެވޯޑެއް ދީފައިވާއިރު މީގެ ތެރެއިން ރާއްޖެ ޓީވީގެ “ސްޓާފް އޮފް ދަ އިޔަރ 2019” ހާސިލުކުރި ރާއްޖެޓީވީގެ އެޑިޓަރ، އަޙްމަދު ސިރާޖަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.