English Edition
Dhivehi Edition

ލ. އަތޮޅަށް ވަދެވުނުއިރު ވިއްސާރަ ވިލާތަކުން އުޑުމަތި ބެދިފައި އޮތަސް ، ދާދި އަވަހަށް އެ ވިލާތަށް ދެކުނުފަރާތައް ކަހާލައިފިއެވެ. އެހެން ކަމުން އެދުވަސް ހިމެނުނީ ތަންކޮޅެއް ވައިބާރު ނަމަވެސް ރީތި ދުވަހަކަށެވެ.

ހުރިހާ އެންމެންވެސް އިސްދުއަށް ފޭބުމަށް ތައްޔާރުވަމުން ދަނީއެވެ. އިސްދޫއަކީ މިވަގުތު ލާމު އަތޮޅުގެ ސިންގަޕޯރެވެ. އެއީ އާސާރީ ރަށަކަށް ވާތީ ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ޒިޔާރަތް ކުރުމުގެ ސަބަބުން އެރަށަށް އައިސްފައިވަނީ ވަރަށްބޮޑު ތަރައްގީއެކެވެ. އެހެންނަމަވެސް މިރަށުގެ އާސާރީ ތަންތަން ވަނީ ހަމަ އެގޮތުގައި ދަމަހަށްޓާ، ގިނަ ބައަކު ޝައުގުވެރި ކުރުވާ ފަދަ ގޮތަކަށް ތައްޔާރު ކޮށްފައިވެއެވެ. އެރަށުގައި ހުރި ކުރީ ޒަމާނުގެ ބުދުދީނުގެ ހަވިއްތަވެސްވަނީ މިހާރުވަނީ އެންމެ ކުރީގައި އެތަން ހުރިގޮތަށް ހަދާފައެވެ. އެތަނަކީ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާތަނަށް ވާތީ އެހިސާބުގައި އެކި ކަހަލަ ކުދި ފިހާރަތަކާއި ފިނިބުއިންތަކާއި ކެފޭ ފަދަ ތަންތަން ވަރަށް ގިނައެވެ. އެތަނުން ރާއްޖޭގެ އުފެއްދުން ތަކުން ފެށިގެން ބޭރުގެ އެންމެ އަގުބޮޑު ސާމާންތައް ވެސް ގަންނަން ލިބެން ހުރެއެވެ. ރާއްޖެއަށް ދަތުރުކުރާ އެންމެންހެން މިރަށަށް ޒިޔާރަތް ކުރަން ބޭނުންވާ އެއް ސަބަބަބަކީ މިއީވެސް މެއެވ. އަދި މީގެ އިތުރަށް މިރަށުގެ އެކިތަންތަނުން ފެންނަން ހުންނަ ގަދީމީ ތަންތަނުގެ ސިއްރު ހޯދުމަށް ތާރީޚީ ހޯދުންތައް ހޯދާ މާހިރުން ވެސް ދުނިޔޭގެ ކަންކޮޅުތަކުން މިރަށަށް އަންނަމުން ދެއެވެ.

އިސްދޫގެ ވަށައިގެން ޓުވަރިސްޓުން އުފުލުމަށް ލޯންޗްތަކާއި ހޫވަރު ކުރާފްޓްތައް ގިނަ އަދަދަކަށް ހަރަކާތްތެރިވަމުން ދެއެވެ. ޔޮޓްތަކާއި ޕަސެންޖަރ ލައިނަރތައް ބަނދަރު ކޮށްފައި އޮވެއެވެ. މުޅި މާހައުލު ވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. މި ހަރަކާތްތެރި މާހައުލު ތެރެއަށް ކުޑަވަރެއްގެ ރަށެއް ދުއްވާފައި އައިސް މަޑުކޮށްލުމުން އެންމެންގެ ސަމާލުކަން އެ އުޅަނދަށް ހުއްޓުނެވެ.

މި ހަރަކާތްތެރި ހަވީރުގެ ވަގުތުގައި ދުވާރަށުގެ ޚާއްސަ ލޯންޗް “ލައިޓްނިންގ” ވިދާލި ވިދުވަރެއްހެން އައިސް ފާލަމާ ކާރިކޮށްލިއެވެ. މީގައި އައީ އާދިލާ އެކަންޏެވެ. ޝާން ވަޑައިގަންނަވާނީ އެހެން ލޯންޗެއްގައި ދަތުރުވެރިންތަކަކާ އެކުގައެވެ. އާދިލާ ރަށަށް ފޭބުމާއެކު ލޯންޗް ދުވާރަށަށް ދިއުމަށް ނައްޓާލައިފިއެވެ.

އިސްދުއަށް ފޭބުމުން އެރަށުގައި ކަންތައް ހުރި ފުރިހަމަކަން ފެނި އާދިލާ ހައިރާންވިއެވެ. ދާނެ ނުދާނެ ތަނެއް ސިކުނޑިއަކަށް ނުވަނެވެ. ހުރިހާ ދިމާއެއްގައިވެސް ވަނީ އަޖާއިބުން ފުރިފައެވެ. މިއީ ސިންގަޕޯރ ނުވަތަ ޖަޕާން ނޫން ބާވައެވެ. އަނެއްކާ މިއީ ޕެރިސް ނޫނީ ރޯމް ނޫން ބާވައެވެ. މިއީ ރާއްޖޭގެ ރަށެއް ހެއްޔެވެ؟ އޭނާގެ ލޮލަށް މި ފެންނަ މަންޒަރު ޔަގީންކުރާކަށް ނޭނގެއެވެ.

ބައެއް ހިސާބުތަކުން ފެންނަނީ މީގެ ދެ ތިން ހާސް އަހަރެއްގެ ކުރީގެ ދިވެހިރާއްޖެއެވެ. ބުދު ދީނުގެ ފައްޅިތައް ހަވިއްތައިން ފޮރުވިފައި ހުއްޓާ އަލުން އެ ތަންތަން ކުރީގައި ހުރިގޮތަށް އިއާދަ ކޮށްފައިވާ މަންޒަރެވެ. އޭރުގެ މީހުންގެ އަޅާ ހެދުމުގައި އެތަނުގައި މީހުން ހަރަކާތްތެރިވަމުން ދާއިރު އެންމެ ބޯދާ ދިވެހިރާއްޖެ ތަމްޘީލުވެގެން ދެއެވެ. މި ހައިރާން ކުރަނިވި މަންޒަރުތައް ބަލަމުންގޮސް އާދިލާއަށް ގޮސް ހުއްޓެވުނީ އެންމެ އުސް ހަވިއްތައިގެ ކާރިއަށެވެ. އޭރު ޓުވަރިސްޓުން ތަކެއް އޭގެ އެންމެ އުސް ކުންނަށް އަރަން މަސައްކަތް ކުރަމުން ދެއެވެ. މިވަރަކުން އެތަނަށް އެމީހުން އެ އަރަނީ ކީއްވެގެންކަން އެނގޭކަށް މާގިނަ އިރެއް ނުނެގިއެވެ. އެ ހަވިއްތައިގެ އެންމެ ކުރިއަށް އަރާފައި ހިތުލާ ކަމެއްވާނެ ކަމަށް އެމީހުންގެ ހިތަށްވައްދައިދޭ ބަޔަކު އެތާ ތިބެވެ. ކޮންމެ މީހަކުވެސް ހަގީގަތަކަށް ވާން އެދޭ ކަމެއް އޮވެދާނެއެވެ. އެހެންކަމުން އެތަނަށް އަރާ އެކަމެއް ހިތުލަނީ އެވެ. އާދިލާވެސް ހިތްއެދޭ ކަމެއް އެބައޮތެވެ. އެހެންނަމަވެސް މި ހަވިއްތައިގެ ކުރިއަށް އަރާ އޭނާ އެކަން ހިތުގައި ލިޔަސް އެއީ ވެދާނެކަމެއް ކަމަކަށް އާދިލާއަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ އެތަނަށް އެރީ އޭނާގެ ނަސީބާއި ތަގްދީރުގެ އަޖުމަ ބެލުމަށް ކަމެއް، ނުވަތަ އޭނާގެ ހިތުގައިވާ އުންމީދުތައް ހަގީގަތަކަށްވުން އެދޭތީ ކަމެއް، ނުވަތަ މި ތަނާ ބެހޭގޮތުން މި ދެކެވޭ ވާހަކަ ތަކީ ހަގީގަތެއް ނޫންކަން ސާބިތު ކުރުމަށް ކަމެއް ޔަގީނެއް ނޫނެވެ. އޭނާ އެ ހަވިއްތައިގެ އެންމެ ކުރިއަށް އަރާ އޭނާ ހިތުގައިލީ ރާއްޖޭގައި އެވަގުތު ހުރި އެންމެ މުއްސަނދި އެންމެ ފުރިހަމަ ފިރިހެނާ ކަމަށްވާ ޝާން އޭނާގެ މިލްކަކަށް ވުމަށެވެ.

މިއީ ކޮށްލި ތަޖްރިބާއެކޭ ބުނެވޭކަށް ނެތެވެ. އެގޮތަކީ އެއަށްވުރެން އޭނާގެ ހިތް އެދޭ އެއްވެސް ކަމެއް މިވަގުތަކު ނެތްމެއެވެ. އެއީ މި ދުނިޔޭންވެސް އޭނާ އެންމެ ހިތްއެދޭ ކަން ކަން ޔަގީނެވެ.

އެ އުސް ހަވިއްތައިގެ އެންމެ މަތީ ކުންނުގައި ހުރެގެން ވަށައިގެން ފެންނަ މަންޒަރު ތަކަށް އާދިލާ ބަލާލިއެވެ. އޭރު އާދިލާއާއެކު އެކީގައި އެތަނަށް އަރަންފެށި ބޭރު އަންހެނަކު އަދިވެސް މެދާ ހަމަޔަށް ނޭރިގެން އުޅޭތަން ފެނެއެވެ. ހަވިއްތައިގެ ތިރީގައި ތިބި މީހުންގެ ތެރޭން އާދިލާއާ ދިމާއަށް ބަލަން ހުރިމީހެއްގެ މައްޗަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އޭނާގެ ކާރީގައި ހުރި ކުޑަ ފިރިހެން ކުއްޖާ އާދިލާއާ ދިމާއަށް އަތް ހޫރާލިއެވެ. އެއީ ޝާން އާއި ސަޒިން އެވެ. އެ ދެމީހުން އޭނާގެ ހުރިހާ ހަރަކާތަކަށް ބަލަން ތިބި ތަން ފެނުމުން އޭނާގެ ހިތުގައިވާ ސިއްރުތައް ބޭޒާރުވީހެން ހީވެ ރަކިވެއްޖެއެވެ .

އާދިލާ ދެން ފޭބީއެވެ. އޭނާ ސަޒިން ކުރެން އެތަނަށް އަރަން ބޭނުންތޯ އަހާލިއެވެ.

” މި އުޅެނީ ވަރަށްބޮޑު އެއްޗެއް ނުލިބިގެން.” ސަޒިން ބުނެލިއެވެ. އެއީ ކޮންއެއްޗެއްކަން އާދިލާއަށް އޮޅުންފިލުވާ ދެއްވީ ޝާން އެވެ.

” ސަޒިންގެ މާމައަށް ދޭނެ ހަދިޔާއެއް ހޯދަންވީޔޯ . ސަޒިން ގެންދަން ބޭނުން ވަނީ އަނގޮޓިއެއް. މަށަކަށް ނޭނގޭނެ އަންހެނަކަށް ކަމުދާ އެއްޗެއް ގަންނާކަށް. މިއުޅެނީ މިކަމަށް ކަލޭގެ އެހީއެއް ލިބިދާނެތޯ އަހަންކަމަށް “

” ތިއަކީ މާބޮޑު ކަމެއް ނޫން.” އާދިލާ ދެންނެވިއެވެ.

އެތަނުގައި އެންމެ އަގުބޮޑު އެއްޗެހި ހުންނަނީ ފަނުން ހިޔާކޮށްފައިވާ ޖިފުޓިއެއް ކަހަލަ ޝޮޕެއްގައެވެ. އެއީ ހަދިޔާ ގަންނަ މީހުންނަށްޓަކައިވާ ގިޔާމަތެކެވެ. ރާއްޖޭގައި ތައްޔާރު ކުރާ އަތްދަބަސްތަކާއި ރުކުގެ އެކި ބާވަތުގެ ތަކެއްޗާއި ފައިވާނާއި މިބާވަތުގެ ތަފާތު އެއްޗެހި ފެނުމުން އާދިލާ ހައިރާންވިއެވެ. މިއީ ދުނިޔޭގެ ބާޒާރުގައި މިހާރު ނަން މަޝްހޫރުވެފައިވާ އަގުބޮޑު ތަކެއްޗެވެ. ބޮއްޔާއި އިތާ ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ ރާއްޖޭގެ އާސާރީ ތަންތަނުގެ މޮޑެލް ތަކަކީވެސް ބާރަށް ވިކޭ އެއްޗެއްސެވެ. އާދިލާވެސް އެތަނުން އިތާމުތުން ހަދާފައިވާ ކުޑަ މުންނާރެއް ގަތެވެ. އޭތި ސަޒިން އަށް ހަދިޔާއަކަށް ދީފައި އޭނާގެ އަތުން ދޮނެއް އަތުލިއެވެ. މިތަން ޝާންގެ އަވި އައިނުކޮޅުގެ މަތިން ބައްލަވަން ހުންނެވިތަން އާދިލާއަށް ފެނުނެވެ.

“ކަލޭވެސް ތިޔަ އުޅެނީ ސަޒިން ހަލާކު ކޮށްލަން”. ޝާން ފަހުން އާދިލާގެ ގާތުގައި ވިދާޅުވިއެވެ.

“އެއީ ކުޑަ ކުޑަ ހަދިޔާއެއް. އެއީ އެހާވަރުގެ ކަމެއްތޯ ؟”

” އެކަމާ އަހަރެން ނުރުހުންވީއެއް ނޫން. އަހަރެން ނުރުހޭ ކަމެއް ކަލޭގެ ކިބައި ފެނިއްޖެއްޔާ ބުނާނަން . އަދިވެސް ރަނގަޅު އަނގޮޓިއެއް ނުފެނޭތަ؟ މަންމަ އަތުގަ ކިތަންމެ ގަހަނާއެއް ހުއްޓަކަސް އެއިން އެއްޗެއް ނުވެއް އަޅުއްވާނެ. އެހެން ފަހަރު އަހަރެން ގެންދަނީ ރީތިމާއަޅާ ގަސްގަސް. މިފަހަރު ސަޒިން ގެންދަން މި އުޅެނީ މާ ޚާއްސަ ހަދިޔާ އެކޯ.”

އާދިލާ ހިނިތުންވެލާފައި ދެންނެވިއެވެ. ” ބައްޕަ އެއްކުރާނީ ފުމޭއޮނު. އެހެންވެ ބައްޕައަށް ހަދިޔާއެއް ދޭކަށް އުނދަގުލެއް ނޫން. މިހާރުވެސް އެކި ފާޑުފާޑުގެ އޮނު އެބަހުރި. އެކަމަކު އަދިވެސް އޮނެއް ލިބިއްޖެއްޔާ ބައްޕަ އުފާވާނެ . އެ ހަދިޔާ ދެވުނު މޮޔަ ހިތަށް އަރަނީ އެއެއްޗެހި ސާފުކުރަން ޖެހުނީމަ .”

ޝާންގެ މަންމައަށް ރީތި ވާނީ ކޮން ކުލައެއްބާއޭ އާދިލާ ވިސްނަމުން ގެންދިޔައެވެ.

ގަހަނާ ވިއްކާ ފިހާރައިގެ ތެރޭގައި ހުރިއެތަކެއް އަނގޮޓި ތަކުގެ ތެރޭން އާދިލާއަށް ރީތި ކުލައެއްގެ އަނގޮޓިއެއް ނަގައިފިއެވެ. ” މި އަނގޮޓި ކިހިނެއްވާނެ ތޯ ؟”

ސަޒިން ކޮރަކޮރައިގެން އެ އެތި ބަލާލިއެވެ. ” ތިއެތި މާމައަށް ރީތިވާނެ .” އޭނަ އަވަހަށް ބުނެލިއެވެ.

” މަންމައަށް މިއެތި ބޮޑުވާނެކަން ނޭގެ . މަންމަގެ އިނގިލިތައްވެސް ކަލޭގެ އިނގިލިތައްހާ ހިމަވާނެ . އަޅެ ކަލޭ އަތުގަ އަޅާބަލަ” މިހެން ވިދާޅުވެފައި ޝާން އާދިލާގެ އަތުގައި ހިއްޕަވާފައި އޭނާގެ އިނގިލީގައި އެ އަނގޮޓި އަޅުއްވާލެއްވިއެވެ.

“ވަރަށް ރީތި. ވަރަށް ހެޔޮވަރު. މިއެތި ވާނީ ގަންނަން.” ޝާންގެ މޯބައިލް ފޯނުން ފައިސާ ދައްކަވާލެއްވިއެވެ. ” ހީކުރިވަރަށްވުރެން މިކަންތައް މިވީ ފަސޭހަކަމަކަށް. ދެން ބޯޓަށް ދާންވީ . މިރޭ ތަންކޮޅެއް އަވަހަށް ފުރަންވާނެ. އޭރުން މާދަމާ މާލެ ދެވޭނީ.”

ޝާން އެހާ ކުޑަވަގުތުކޮޅަކަށް އޭނާގެ އަތުގައި އަތްޕުޅުލެއްވީތީ އާދިލާގެ މޫނަށް އެވަނީ ފިޔާތޮށިކުލަ އަރާފައެވެ. އެކަން ފޮރުވުމަށް އަވަހަށް އޭނާ އެފިހާރައިން ބޭރަށް ނުކުތެވެ. އެވަގުތު އޭނާއަށް ނޫސް ވިއްކާ ކުއްޖާ ގެނައި ނޫހެއްގެ ބޭރު ގަނޑު ފެނުނެވެ.

“މަޝްހޫރު ތަރި ލަރީސާ ފިލައިފި” އެ ސުރުޚީގެ ދަށުގައި ދެންއޮތް ތަންކޮޅު ފެނުމުން އާދިލާ އަދި ވަކީން ހައިރާންވިއެވެ. ލަރީސާގެ އެންގޭޖްމެންޓް އޮތްރޭ އޭނާ ވީތަނެއް ނޭގުނެވެ. އޭނާގެ ކުރީގެ ފިރިމީހާ ކޮލި ޒިޔާދު ގާތަށް ދިޔައީއޭވެސް ބުނެވެއެވެ. ނޫނީ ޝާންއާ އެކީ ފުރީކަންވެސް ނޭނގެއެވެ.”

ޝާން ވަޑައިގަންނަވާތަން ފެނުނީމާ އާދިލާ އަވަހަށް ނޫސް ބާއްވާފައި އެމީހުނާއެކު ހިނގައިގަތެވެ.

އެދުވަހުގެ އިރުއޮއްސޭމަންޒަރު ހިމެނުނީ މިއިން ދުވަހަކު ނުފެންނަހާ ގިނަތަފާތު ކުލަތަކުން އުޖާލާވެފައިވާ މަންޒަރެއްގެ ގޮތުގައެވެ. ރީދުލާއި ރަތާއި ފިޔާތޮށްޓާއި އޮރެންޖް ކުލައިގެ މަސްހުނި ކުލަތައް އާދިލާގެ މޫނަށްއެޅި އެމޫނުގައިވެސް އެކުލަތަކުން ކުލަ ޖެހެމުން ދެއެވެ. ލައިޓްނިންގްގެ މި ދަތުރުގައި އެދުވަހު އިރުއޮއްސާމަންޒަރުގެ ކުލަތައް ޝާން ބައްލަވަމުން ގެންދެވީ އާދިލާގެ މޫނުންނެވެ.

މާދަމާ ދުވާރަށް މާލެ ދާނެއެވެ. އާދިލާއަށް އުފާކޮށްލުމަށްވެސް މަޖާކޮށްލުމަށްވެސް އޮތްހާ ވަގުތަކީ މިރޭ އެކަންޏެވެ. އެ ނޫހުގައި ބުނާގޮތުންނަމަ މާދަމާ ލަރީސާ ހުންނާނީ މާލޭގައެވެ. އޭގައިވަނީ ހަގީގަތެއް ނަމަ ޝާންއާ ލަރީސާ މާލޭން ގުޅޭނެއެވެ. އެހެންކަމުން ކުރިއަށް އޮތް 2 މަސްދުވަހު އޭނާ ހުންނަން ޖެހޭނީ އޭނާ އެންމެ ލޯބިވާ މީހާ އެހެންމީހަކާއެކު ލޯބީގެ ނާޗަރަންގީ ކުޅޭ މަންޒަރު ބަލާށެވެ. މި މަންޒަރު ދެކެން ހުރުމަށްވުރެ މި ދަތުރުގައި އޭނާ ބައިވެރި ނުވުންވެސް މާ ހިތަށް ފަސޭހަވާނެއެވެ. މާލޭން ޝާން އަށް އެހެން ސެކްރެޓަރީއެއް ހޯއްދެވިދާނެއެވެ.

“މި ހެދުން ކިހިނެއްތަ؟” އާދިލާ ޒޫނާ ކުރެން އަހާލިއެވެ. އޭރު އޭނާ ލައިގެން ހުރީ ގަދަ މުށިކުލައިގެ މައްޗަކާއި އުޅަބޮއްޓާ ހަމަޔަށް އަތް ހުރި ރީދޫ ޓޮޕެކެވެ. ތިރީބައިގައިވަނީ ބޮޑެތި މާތަކެއްގެ ޑިޒައިނެކެވެ. އެއީ ރޫޖައްސާފައިވާ ފަށުވި ފޮތީގެ ސްކަރޓެކެވެ. އޭނާގެ ކަރުގައި އަޅާފައިވަނީ ރަންމުތުގެ ހާރެކެވެ. އާދިލާ މިހެދުން އެޅީ ވަކި މަގްސަދެއްގައެއް ނޫނެވެ. މިއީ އޭނާއަށްޓަކައި ގެނެވިފައިވާ ހެދުންތަކުގެ ތެރޭން އެކަހަލަ ޕާރޓީއަކާ އެންމެ ގުޅޭ ހެދުމަކަށް އާދިލާއަށް ފެނުނު ހެދުން ކަމަށްވާތީއެވެ.

އެރޭ އޭނާ ޕާރޓީއަށް އައީ އޭނާގެ ހަޔާތުގައި ލިބެން އޮތްނަމަ އޮތްހާ އުފަލެއް ތަގްދީރާ ހަވާލު ކޮށްފައެވެ.

” ކެޕްޓަންގެ ވެދުން. އަދި އެބޭފުޅުންގެ މޭޒަށް ވަޑައިގަތުމަށް ދައުވަތު ދެއްވާ.” ވޭޓަރަކު އައިސް އާދިލާގެ ގާތު އަދަބުވެރި ކަމާއެކު ބުންޏެވެ.

ކެޕްޓަންގެ މޭޒު ޚާއްސަ ކުރެވިފައިވަނީ ހޮވިފައިވާ މަދު މެހެމާނުން ކޮޅަކަށެވެ. މޭޒުގެ ގޮޑިތައް ފުރެމުން އައިސް އެންމެ ފަހުން އާދިލާއަށް އިނދެވުނީތީ ފެނުނީ ޝާނާ ޖެހިގެން ހުރި ގޮޑީގައެވެ. އަނެއް ފަރާތުގައި އިންނެވީ ކެޕްޓަން އެވެ. މިއީ ދިމާވި އިއްތިފާގެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ.

“ކަލޭ މިރޭ ހާދަ ރީއްޗޭ .” ޝާން އާދިލާގެ ކަންފަތްދޮށުގައި މަޑުމަޑުން ވިދާޅުވިއެވެ.

ޝާން ތުރުކުރައްވާފައި އިންނެވީ އިހުޒަމާނުގެ ރަސްރަސްކަލުން ތުރުކުރައްވާ ފާޑުގެ ހެދުންކޮޅެކެވެ. އިސްތަށިފުޅުގައި ތާކިހާ ކޮޅެއްވެސް އޮތެވެ. އާދިލާއަށް އޭނާ ސިފަކުރެވެނީ އުތީމު ބޮޑުތަކުރުފާނާ އެވެ.

ނުނިމޭ