English Edition
Dhivehi Edition

” އެއީ ކަލޭ ތިހާވަރަށް ހިތްހަމަ ނުޖެހުނު ކަމަކަށްވީތީ ދެރަވެއްޖައިން. އެކަމަކު ކުރިއަށް އޮތްތާނގަ އެކަހަލަ ކަމެއް ނުހިނގާނެ ކަމަކަށް ވެސް ބުނާކަށް ނުކެރޭނެ. މަގޭ ކިބައިގައިވެސް އެހެން ފިރިހެނުންގެ ހުންނަ ފަދަ ޖަޒްބާ ތައް ހުންނާނެ . ކުރަންވީ ކަމަކީ އެކަހަލަ ހަނދުވަރު ރީތި ރޭތައް އަޔަ ނުދޭންވީ.”

” ތިކަމާ އެއްބަސް ވެދާނަން.”

” މީ އަދި އެގޮތަށް ނިންމީއެއް ނޫން؟”

” ރޭގަ އެކަންތައް ކުރެއްވީ ހަނދުވަރު ރީތި ރެއެއް ވީމައެއް ނޫނެއް ނޫންތޯ ؟ އެއީ އަލީ އަފީފަށް ދައްކާލަން ކުރެއްވި ކަމެއް ނޫންތޯ ؟”

” ތި ކިހާ ދެރަކަމެއް ؟ މިކަމުގެ ބަދަލަކަށް އަހަރެން ކުރަންވީ ކީއްތަ؟”

” ކޮންމެހެން ބަދަލެއް ނުދެއްވިޔަސް ހެޔޮ. އަޅުގަނޑުގެ މަސައްކަތް ކުރިއަ ދެއްވާ .”

” ކަލޭ އެދޭ ގޮތެއް. ” މިހެން ވިދާޅުވެފައި ދެކޮނޑުފުޅު އުފުއްލަވާ ލައްވާފައި ޝާން ވިދާޅުވަމުން ގެންދެވި ސިޓީ ކުރިއަށް ގެންދަވަން ފައްޓަވައިފިއެވެ.

ގަޑިއެއްގެ އިރު ފަހުން ޅަހުއްތު އެދެމީހުނަށް ސަޔާ ބިސްކޯދާއި ތެއްލި އަލަޔާއި ތެއްލި ބަނބުކޭލުގެ ނާސްތާއެއް ގެނަސްފިއެވެ.

“ސަޒިން ހޭލައިފިތަ؟” ޝާން ގަޑިކޮޅަށް ބައްލަވާލައްވާފައި ޅަހުއްތު ކުރެން އެއްސެވިއެވެ. ” އަސް…..! އަހަރެން ދާނަމޭ ބުނި ގަޑި ޖެހި ނިމިއްޖެ . އޭނާ ގޮވައިގެން މިގަޑީގަ ސުވިމިން ޕޫލަށް ދާނެވާހަކަ ބުނެފަ އޮންނާނެ”

” އޭނަ އެބަހުރި ފޫލް ކާރީ .” ޅަހުއްތުއަށް ޕަވިޔަނި ނުކިޔޭކަން އާދިލާ ފާހަގަ ކުރިއެވެ. ” ޒޫނާ އޭނާގެ ކާރީގައި އެބަހުރި .”

” ދެން މިވީ މިއަދުގެ މަސައްކަތް ނިންމާލަން. އާދިލާ! ކަލޭވެސް އަންނަންވީނު އަހަރުމެނާ އެކީ ޕޫލަށް އެރިލަން؟”

” އަޅުގަނޑަށް ހީވަނީ މި ސިޓީތައް ތައްޔާރުކޮށް ފެކްސް ކޮށްލަން އަޅުގަނޑު މަޑު ކޮށްލިއްޔާ މާ ރަގަޅުވާނެހެން .” އާދިލާ މިހެން ދެންނެވި އިރުވެސް އާދިލާގެ ހިތް އެދެމުން ދިޔައީ އެ ބޭފުޅުންނާއެކު ޕޫލަށް އެރި މަޖާކޮށްލަން ދިއުމަށެވެ. ” އަދި އިއްޔެގެ މަސައްކަތުގެ އެއްބައި ނުނިމި އެބަހުރި.”

އާދިލާ އޮފީސްތެރޭގައި ކޮފީ ބޮމުން މަސައްކަތް ކުރަމުންދާތާ ދެގަޑިއެއްހާ އިރު ވެއްޖެއެވެ. މެންދުރު ކާ ގަޑި ޖެހުނުއިރު ހުރިހާ މަސައްކަތެއް ނިންމާލެވިއްޖެއެވެ. ޅަހުއްތު މެނިއުގެނަސް ދިނުމުން އާދިލާ އެ ހިފައިގެން ޕޫލް ދޮށަށް ހިނގައްޖެއެވެ. އޭރު ޝާން އޮންނެވީ ޕޫލްކާރީގައި ހުރި ފަސޭހަ ގޮނޑިކޮޅެއްގައި އޮށޯވެވަޑައިގެން އަރާމު ކުރައްވާށެވެ. މެންދުރުގެ ގަދަ އަވިން ލޯފުޅު ރައްކާތެރި ކުރުމަށް އަވި އައިނު ކޮޅެއް އަޅުއްވާފައިވެއެވެ. އޭރު ސަޒިން ޕްލާސްޓިކް ހަމެއްގައި ހިފަހަށްޓައިގެން ޕޫލްތެރޭގައި އޮތެވެ.

ޝާން އޭނާގެ މުށި ކުލައިގެ 6 ފޫޓްދިގު ހަށިގަނޑު މޯޅިއަކަށް ދަންމަވާލެއްވިއެވެ. އަދި އާދިލާގެނައި މެނޫގައި ހުރި މީރު ކާނާތަކުގެ ލިސްޓަށް ބައްލަވަން އެއް އަތްޕުޅު އިސްތަށިފުޅުގައި ޖައްސަވައިގެން އެއް އަރިއަކަށް އޮންނެވިއެވެ.

” މިއަދުގެ މޫސުން ކިހާރީތި. ޕޫލްވެސް އެހާ ހިތްގައިމު. ކޮންމެހެން މާހިންގުން ތެރި ވާން ނޫޅެ ކަލޭވެސް ޕޫލަށް އެރިލަންވީ ނު. މިތާނކު ނުހުންނާނެ ކަލޭ ފެންނާނެ މީހެއް.” ޝާން މިހެން ވިދާޅުވި އަޑުފުޅުގައިވަނީ އޯގާވެރިކަމެވެ.

” އަޅުގަނޑު ހީކުރީ ތި ބޭފުޅާގެ ސެކެޓްރީ ވަރަށް ހިންގުންތެރި ވާން ވާނެ ކަމަށް. އޯޑަރ ދޭންވީ މަސްބަތްތޯ ނޫނީ މުސަންމާތޯ .” އާދިލާ ރަސްމީ ރާގަކަށް ދަންނަވާލެއްވިއެވެ.

“ދެމީހުނަށް ކުކުޅު މުސަންމާ ތައްޔާރު ކުރަން ބުނޭ. ސަޒިން އަށް ބާރގަ އަކާ އައިސް ކްރީމް ގެނޭ. ކެއުން މިތަނަށް ފޮނުވާށޭ ބުނޭ”. އާދިލާ! އަދިވެސް ކަލޭ ތިހިރީ ރުޅިއައިސްކަން އެނގޭ. ގޯސްކޮށް ކަންތައް ކުރެވުނީ އަހަންނަށް. އެކަމަކު ކަލޭވެސް މިތަނަށް ކާން އަންނާތި”

” ކާން އަތުވެދާނަން. ޕޫލަށްވެސް އެރިދާނަން. އެކަމަކު އެގޮތަށް ދެން ކަންތައް ނުކުރައްވާނެއްޏާ.”

އާދިލާއަށް ވިސްނުނު ގޮތުގައި މި ދަތުރުގައި އެންމެ ރަނގަޅުވާނީ ޝާންއާ މެދު ދެކޮޅުވެރިކަމެއް ނުގެންގުޅުނިއްޔާއެވެ. ތައުފީގްބެ ވެސް އޭނާގެ ގާތުގައި ބުނުއްވާފައި އޮތީ އެހެންނެވެ.

” އަހަރެމެންގެ ރޭވުން ގޮސްފަ އޮތް ހިސާބުން އެކަން ހުއްޓާލުމަކީ ދަތި ކަމެއް . ކަލެއަށް ވެސް އެކަން އެނގޭނެ . ހޯރަފުށްޓާ ހަމަޔަށް ދެވެންދެން މިގުޅުން ބާއްވާލަދިނުމުގެ ބުރަ އުފުލާ ދިނިއްޔާ ރަނގަޅު. އޭގެފަހަކުން އުނދަގުލެއް ނުކުރާނަން.”

ޝާން އޭނާގެ ހިތު އެ ރޯކޮށްލެއްވީ ވަރަށް ދިލަގަދަ އަލިފާންގަނޑެކެވެ. އަދިވެސް އެ އުޅުއްވަނީ އެ އަލިފާންގަނޑު އެއަށް ވުރެން ގަދަޔަށް އަންދާށެވެ. ހަގީގަތެއް ނެތް ލޯތްބެއްގެ ޑްރާމާއެއް އޭނާ ލައްވާ ކުޅުއްވުމަށެވެ. އާދިލާ ހިތްވަރުކޮށްލާފައި ހިތާ ދެކޮޅަށް އެހެންނަމަވެސް ހިނިތުންވެލިއެވެ.

” ރޭގެ އެފެނުނު ކަންތަކުން އަފީފް ރަނގަޅަށް އޮޅިއްޖެ. އޭނަ ހީކުރާނީ އަހަރުމެން ދެމީހުން އުޅެނީ ހިތާވެގެން ކަމަށް.”

” ތިބޭފުޅާ ކަންތައް ކުރެއްވި ގޮތުން އޮޅުން އެރީ އަލީ އަފީފަށް އެކަންޏެއްނޫން. ސަޒިންއަށް ގެންނަންވީ ކޮންކަހަލަ އައިސް ކްރީމެއްތޯ ؟” އާދިލާ މައުޟޫއު ބަދަލުކޮށްލިއެވެ.

” ޗޮކްލެޓް ރަނގަޅުވާނެ. އަހަންނަށް ގެނޭ ބިޓަ ލެމަން އެއް. ކަލެއަށް ރަނގަޅު އެއްޗެއް އޯޑަރ ކުރޭ.”

އާދިލާ އެ މެނޫ ޅަހުއްތު އާ ހަވާލު ކޮށްލުމަށްފަހު ހެދުން ބަދަލުކުރަން ކޮޓަރިއަށް ހިނގައްޖެއެވެ. އޭނާ ޕޫލަށް ދާން ތައްޔާރުވެގެން ނުކުތްތަނުން އަލީ އަފީފްއާ ދިމާވެއްޖެއެވެ. އޭނާ ހީކުރީ ރޭގެ ހާދިސާއާ ބެހޭގޮތުން ވާހަކައެއް ފަށާފާނެހެންނެވެ. އެހެންނަމަވެސް އޭނާ ހަމަ އެކަނި ތުނބުން ފުމެލީއެވެ. އާދިލާ ލާފައި ހުރި ގަޔަށް ބާރު ނޫ ސްވިމް ސޫޓް އޭނައަށް ކަމުދިޔައީ ތޯއްޗެކެވެ.

“ވަރަށް ރީތި އިނގޭ. ކަލޭގެ ސްޓައިލް ވެސް ވަރަށް ފުރިހަމަ. އަދި ޝާންގެ ޗޮއިސްވެސް ވަރަށް ބެސްޓް.”

” މިއަކީ ޝާންގެ ޗޮއިސްއެއް ނޫން އިނގޭ. .” އާދިލާ މިހެން ބުނުމުން އަލީ އަފީފް ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ.

” ރީތި. ޒުވާން. ވިންނުންތެރި. ޚިޔާލު މިނިވަން . ޝާންގެ ހިތާ ދެއަތް ވެސް ފުރޭނެ. އިތުރު އިންޓަރވިއުއަކަށް ނޭދޭނަން. ސެކެޓްރީއާއެކު ލޯބީގެ ތޫފާނެއް ! ނޫނީ ދުވާރަށުން ލޯބި! މިހެން ސުރުޚީ އަޅާލެވިދާނެ.

“ތިއީ ކަލެއަށް އަރައިގެން އުޅޭ ބޮޑު އޮޅުމެއް. ތިޔައީ ކުށް ހީއެއް” އާދިލާ ރުޅިއައިސްފަ ބުނެލިއެވެ. “އަހަރެން މިކުރަނީ ތައުފީގްބެ ވެސް ކުރާނެ މަސައްކަތް.”

” ނޫން. ތިޔައީ އެއަށްވުރެން ބޮޑު މަސައްކަތެއް. ޚާއްސަކޮށް ހުސްގަޑީގައި ތިކުރާ މަސައްކަތް އަދި މާބޮޑު. އެ މަސައްކަތުގެ ބުރަކަން އަހަންގެ ކެމެރާގައި ކުރަހާލުމުގެ ފުރުސަތު ރޭގަ ލިބުނު”

” އެފަދަ މަންޒަރެއް ދެވަނަ ފަހަރަކަށް ނުކުރެހޭނެ. ދެން ކަލޭ އަހަރެންގެ ފޮޓޯއެއް ނަގައިފިއްޔާ ކެމެރާއިން ޖަހާނީ ކަލޭގެ ބޮލުގަ”. އާދިލާ މިހެން ބުނިތަނާ މީހަކު ހިނިގަނޑެއް ޖަހާލި އަޑު އިވިގެން ބަލާލިއިރު މި ޒުވާބުގެ އަޑު އައްސަވަން ޝާން ހުންނެވިތަން ފެނުނެވެ.

” އަލީ އަފީފް!. ކަލޭ އަހަރެންގެ ސެކްރެޓަރީ ރުޅިއެރުވުން ހުއްޓާލާކަށް ނުވޭތަ؟ “ޝާން ވިދާޅުވިއެވެ. ” ކާން ތައްޔާރުވެއްޖެ. އޭގެ ކުރީގަ ޕޫލަށް އެރިލާ ކުޑަކޮށް ހިހޫ ވޭތޯ ބަލާބަލަ. ނޫނީ ފަޓާހެއް ހެން ކަލޭ ގޮވާފާނެ .”

” ކަންތައް މިވާގޮތަކުން ޕޫލަށް އެރުނަކަސް ހިހޫ ވާނެ ހެނެއް ހިއެއް ނުވޭ؟” މިހެން ބުނެލާފައި އާދިލާ ގޮސް ޕޫލަށް ފުންމާލިއެވެ.

 

އިރުކޮޅަކު ފަތާލެވުނުތަނާ ޝާން ވަޑައިގެންނެވިތަން ފެނިއްޖެއެވެ.

އޭރު ސަޒިން ކާމޭޒު ދޮށުގައި އިނެވެ. އޭރުވެސް އޭނައަށް ގެނައި ފްރެންޗް ފްރައިސް ހުސްކޮށްލާފައި އިތުރުތަށްޓެއް ގެނެސްފިއެވެ. އާދިލާއަށް ކެއުން ތައްޔާރު ކޮށްދީފައި ޅަހުއްތު ދިޔައީ ޑްރިންކްސް ބަލައެވެ.

” މިހާރު ރުޅިގަނޑު މަތަ ވެއްޖެތަ؟” ޝާން އެއްސެވިއެވެ. އާދިލާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

” ކަލޭ ފަތާއިރު ހީވަނީ މަހެއް ހެން.” ޝާންވިދާޅުވިއެވެ. “ވަރަށް މޮޅު.”

ޖެހެމުންދިޔަ ތާޒާ ވައިގެ ތެރޭގައި އަވީގެ ހޫނުކަމުގެ އިހްސާސެއް ނުވެއެވެ. ދުވަހުގެ ރީތި މޫސުމާއި ހިތްގައިމު މާހައުލުގެ ތެރޭގައި އާދިލާގެ ރުޅިގަނޑު އާތްވަށް އަރައިގެން ހިނގައްޖެއެވެ.

ސަޒިން ކައިނިމިގެން އައިސްކްރީމް ތަށިހިފައިގެން ގޮސް ޕޫލްގެ ކާރީގައި އަތުރާފައި ހުރި ކުލަކުލައިގެ އަވި ކުޑަތަކުގެ ތެރޭން ކުޑައެއްގެ ދަށުގައި ގޮޑިއެއްގައި އޮށޯވެ އޭނާ ކިޔަން ގެންގުޅުނު އެސްޓްރިސްކްސް ކާރޓޫނު މެގަޒިންގެ ތެރެއަށް ގެއްލިއްޖެއެވެ.

” މިހާރު އަލީއަފީފް އެ ކީ ކީކޭތަ؟” ސަޒިން ދިޔައިމާ ޝާން އެއްސެވިއެވެ.

އާދިލާ އޭރު ކުރެވުނު ޒުވާބުގެ ވާހަކަ ޝާން އަށް ދެންނެވިއެވެ. އަދި އޭނާގެ ކެމެރާ އިން އޭނާގެ ބޮލުގައި ޖަހާނަމޭ ބުނި ވާހަކަވެސް ދެންނެވިއެވެ.

” ތީ މޮޅު ކަމެއް. ކަލޭ ވާނެ ތިކަންތައް ކުރަން.” ޝާން ހިނިފުޅުވަޑުވާލެއްވިއެވެ. ” އަހަރެން ތިމަންޒަރު ފޮޓޯނަގާނަން. މީހުނަށްވަރަށް ކަމުދާނެ ފޮޓޯއަކަށް ވާނެ .” ޝާން ވިދާޅުވިއެވެ. ” އެނގޭތަ؟ ކަލޭ ތިކަމާ ދެކޮޅުހެދިވަރަކަށް އެމީހުން ހައްތާ ފޯރިގަދަވާނީ. އަޅާނުލަންވީނު.”

” ތި ބޭފުޅާއަށް ރަނގަޅީވެސް އެގޮތް ނޫންތޯ. އެމީހުން ފޯރިގަދަ ކުރުން ނޫންތޯ. އޭރުން ލަރީސާއޭ ކިޔައިގެން ބަޔަކު އެއްޗެކޭ ނުކިޔާނެ ނޫންތޯ؟ ހޯރަފުށްޓަށް ދެވެންދެން އަޅުގަނޑު ކުރަންވީ އެކަންތައް ނޫންތޯ ؟”

ޝާން ސިގަރެޓެއް ރޯކޮށްލައްވައިގެން ގޮނޑީގައި އޮށޯވެ ވަޑައިގަތެވެ. އާދިލާ ދިޔައީ އެރޭ އޮންނަ ޕާރޓީގެ ލިސްޓް ތައްޔާރު ކުރަން އޮތީމާ އެކަންތައް ކުރާށެވެ. އޭނާގެ ހިތުގެ މޮޔަކަމާމެދަކު ކުރެވޭނެ ކަމެއް މިހާރަކު ނެތެވެ. އޭނާއަށް ކުރެވެންނެތް ކަމަކާމެދު ޚިޔާލު ކުރުން ހުއްޓުވުމަށް ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅުން ނޫން ގޮތެއް ނެތެވެ.9 ޗެޕްޓަރ 4

އިރުވައިގެ ރީތި މޫސުމުގައި އިރުގެ ހުރަހެއްނެތް ދޯދިތަކުން ފެންވަރަމުން އުދުހެމުންދާ ދޫނިތަކާއެކުއެކީގައި ހުވަދޫ ކަނޑުގެ ނޫކުލައިގެ ދޫލައެއްފަދަ އޮމާން ކަނޑުގައި ދުވާރަށް އޭގެ ދަތުރުވެރިންގެ ހިތަށް އުފާވެރިކަން ގެނަސްދެމުން މަޑު ސްޕީޑެއްގައި ދަތުރުކުރަމުންދެއެވެ. ހިތްހަމަޖެހުމާ އުފާނޫންކަމެއް ހިތަށްވަންނާނެ ވަގުތުކޮޅެއް މިދަތުރަކު ނުވެއެވެ. ދުވާލު ވަގުތު ޚާއްސަކުރެވިފައިވަނީ އެމީހަކު ބޭނުން ކުޅިވަރެއް ކުޅުމާއި އަރާމު ކުރުމާއި ޕޫލަށް އެރި ފަތާލުމާއި މަސް ބޭނުމުގައެވެ. ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ރީތި ރުއްތަކުގެ ހިޔަލުގައި އޮންނަ ވިނަގަނޑުގެ މަތީގައި އެކި އުމުރުގެ ޒުވާން ޖޯޑްތައް މަސްހުނިކަމާއެކު އިށީދެލައިގެން ނުވަތަ އޮށޯވެލައިގެން ތިބޭ އިރު ދެކެވޭ ވާހަކަ ތަކުގައި ހަމަ ގައިމުވެސް ހިތާމަވެރި ލަފްޒެއް އެކުލެވިގެން ނުވާނެއެވެ. އެހެނީ އެ އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހުނުމާއި ހިނިތުންވުމެވެ.

ރޭގަނޑުގެ ވަގުތުތައް ހޭދަވެގެން ދަނީ އަރާމު ކުރުމާއި ޕާރޓީތަކުގައި ބައިވެރިވުމާއި ޑާންސް ފްލޯރ ތަކުގައެވެ. އާދިލާވެސް ލިބޭ ހުސް ވަގުތު ތަކުގައި ކޮންމެވެސް އެއްކަމެއްގައި ބައިވެރިވަމުން ގެންދެއެވެ. މިހާރު އޭނާ އެންމެ އެދޭ ގޮތަކީވެސް ވީހާވެސް ގިނަ ވަގުތެއް މަސައްކަތުގައި ހޭދަކުރުމެވެ. އެހެންނަމަވެސް ޝާން ބައިވެރިވެ ވަޑައިގަންނަވާ ބައެއް ހަފްލާ ތަކުގައި އޭނާވެސް ބައިވެރިވާން ޖެހެއެވެ. މިއީ ހަމަ އެކަނި ދައްކާލުމެއް ނަމަވެސް ބަލާމީހުނަކަށް އެކަމެއް ނޭނގެއެވެ. އެހެންކަމުން އާދިލާ ހުންނަންޖެހެނީ އިވޭ އަޑުތައް ނީވާކަމަށް ހަދައިގެންނެވެ. ހިތަށް އަރާ ޚިޔާލުތަކާއި އުފެދޭ ޝުއޫރުތައް ހިތާ ހަމަޔަށް އަޔަ ނުދީ ބަންދުކޮށްލައިގެންނެވެ. މިކަމަށްޓަކައި އޭނައަށްޖެހެނީ ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅުމަށެވެ.

މި ދުވަސްކޮޅު ޝާންގެ ފަރާތުން އިތުރު އުނދަގޫތަކެއް ނުފޯރައެވެ. މަސައްކަތެއް ކުރުވަން ޖެހުނަސް ކުރީގައި ހުންނަކަހަލަ ހަރުކަށި ކަމެއް ނުދައްކަވައެވެ. އަދި ހަމަ އެފަދައިން އަލީއަފީފަށް ދެއްކުމަށް އެރޭ ކުރެއްވި ކަހަލަ ކަމެއްވެސް ނުކުރައްވައެވެ. އޭނާ އޭރު ކުޅުއްވަން އުޅުއްވި ކުޅިގަނޑުގެ މަތީން ފޫހިފުޅުވީ ކަންވެސް ނޭނގެއެވެ.

-ނުނިމޭ-