English Edition
Dhivehi Edition
11 މާރިޗު 2020 ވަނަ ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ދިވެހިރާއްޖޭގައި ހުރި އެންމެ ބޮޑު ވަގަކީ ޖާބިރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް މިއަދު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މަންފާ ލިބިފައިވާ 16 މެންބަރުން މަޖިލީހުގައި ތިއްބެވިކަމަށް ވިދާޅުވެފައެވެ. އަދި ހިޔާނާތުގެ މަންފާ ލިބުނު މެންބަރުންގެ ތެރޭގައި ޝަރީފްވެސް ހިމެނި ވަޑަގަންނަވާކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މެންބަރު ޝަރީފަށް ހިޔާނާތުގެ 88 މިލިއަން ރުފިޔާ ލިބުނުކަމަށާއި، އޭނާގެ ގެ ހަދާފައިވަނީ ވެސް ވަގު ލާރިން ކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި، އެވަރަށް ވައްކަން ކުރެއްވުމުން ނަމުގެ ކުރިޔަށް އިއްޒަތްތެރިއޭ ނުކިޔޭނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަ ކުރިއަށް ދަނިކޮށް ޝަރީފްވަނީ ނިޒާމީ ނުކުތާ ނަންގަވާ ޖާބިރަށް ނިސްބަތްކޮށް ލިވާތުކުރާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. ރާއްޖޭގައި އުފެދުނު ފުރަތަމަ އަލަމްގީރް އަކީ ޖާބިރުކަމަށް ވިދާޅުވެ، އިޓަލީ ފިރިހެނަކާ ހިތާ ވެގެން އިޓަލީއަށްދިޔަ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރަށް ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގައި ހުރި އެންމެ ބޮޑު ވަގަކީ ޖާބިރު ކަމަށެވެ. “މި މަޖިލީހުގައި މިހާރު އަރުވާލާފައި ހުރި ހަމައެކަނި އިއްޒަތްތެރި މެންބަރު. އަރިއަތޮޅަށް އަރުވާލާފައި ހުރި އިއްޒަތްތެރި މެންބަރު”ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކައަށް ރައްދު ދެމުން ޖާބިރު ވިދާޅުވީ ޝަރީފަށް ވަގަށް ގޮވަނީ އޭނާ ކަމެއްނުކޮށް ހުންނަވަނިކޮށް ނޫންކަމަށާއި ކިތަންމެ ބާރަށް ވިދާޅުވިޔަސް ޝަރީފަކީ ވަގެއް ކަމަށެވެ.