English Edition
Dhivehi Edition

ރިސޯޓުތަކުގެ އިސް މަގާމުތައް ދިވެހިންނަށް ދިނުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ޖާބިރުގެ ގަރާރު މަޖިލިހަށް ބަލައިގަތުމާ މެދު މެންބަރުން ވޯޓު ދެއްވުމަށް ރިޔާސަތުން އެންގުމުން، އެ ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް 15 މެންބަރުން ވޯޓު ދެއްވިއިރު، ބަލައިގަންނަން ނުފެންނަ ކަމަށް 28 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ޖާބިރު ހުށަހެޅުއްވި ގަރާރުގައިވާ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުގައި މެނޭޖަރުންގެ ގޮތުގައި ގިނައިން ތިބީ ބިދޭސީން ކަމަށާއި އެފަދަ މަގާމުތަކަށް ބޭނުންވާނެ ދިވެހިން ތަމްރީނުކުރުމަށް ފުރިހަމަ ނިޒާމެއް ގާއިމްކުރެވިފައި ވާން ވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ، ރިސޯޓުތަކުގެ މެނޭޖަރުންނާއި، ހިއުމަން ރިސޯސް މެނޭޖަރުންނާއި، ޗީފް އެކައުންޓަންޓުން ފަދަ ވަޒީފާތައް އިސްވެ އަދާކުރަން ޖެހޭނީ ދިވެހިން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، އެފަދަ މަގާމުތަކުގައި ބޮޑު މުސާރައިގައި ބިދޭސީން ތިބުން ނިމުމަކަށް ގެނައުމަށް ބަހުސްކޮށް، މެންބަރުން ދެކޭ ގޮތް ހާމަކުރުން މުހިންމު ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.