English Edition
Dhivehi Edition
އައްޑޫގައި މަންމަ ދޮންދީނި، ޅަ ދޮންދީނިއަކަށް ކާން ދެނީ - ފޮޓޯ: މާހިރު ފޮޓޯގްރަފީ (ޓްވިޓާ)

އައްޑޫ ސިޓީގައި ކާޅުތަކެއް، ދޮންދީނިތަކަށް ގޯނާކުރަމުންދާ މައްސަލައާއި ގުޅިގެން، އެ ކާޅުތައް ނައްތާލުމުގެ ހުއްދައަށް އެދި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފިޝަރީޒް މިނިސްޓްރީއަށް ފޮނުވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ ކޮން ބައެއްކަން ނޭނގޭ ބަޔަކު، އައްޑޫ ސިޓީގެ އަވަށްތަކަށް ކާޅުތަކެއް ދޫކުރުމުގެ ސަބަބަބުން އައްޑޫގެ އެކި އަވަށްތަކުގައި ދޮންދީނިތަކަށް އެ ކާޅުތަކުގެ ނުރައްކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ދޮންދީނިތައް މަރައި، ޅަ ދޮންދީނިތަކާއެކު ކައި ހުސްކުރަމުންދާ ކަމުގެ މަޢުލޫމާތުވެސް ލިބެމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ އެކަމުގެ ސަބބަުން އައްޑޫން ދޮންދީނިތައް ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައި ވުމާއެކު، އައްޑޫ ސިޓީ ތެރެއަށް ދޫކޮށްލާފައިވާ ކާޅުތައް ނައްތާލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތަކާމެދު އެންވަޔަރަންމަންޓް މިނިސްޓްރީގެ ލަފައަކަށް އެދިފައިވާ ކަމަށެވެ.

އަދި އެ ކާޅުތައް ނައްތާލުމުގެ ހުއްދައަށް އެދި އީޕީއޭ އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައިވެސް އެދިފައިވާނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ.

ރާއްޖޭގެ ތިމާވެއްޓާބެހޭ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ހިމާޔަތްކުރި ދޫންޏަކީ ދޮންދީނިއެވެ. ދޮންދީނި އާންމުކޮށް ފެންނަނީ އައްޑޫ ސިޓީ އާއި ގދ. ހައޮޑިގަލާ އިންނެވެ.