English Edition
Dhivehi Edition
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު - ފޮޓޯ: މަޖިލިސް

ސަރުކާރު ހިންގަން ތިބީ “އެލް” ބޯޑު ޖަހައިގެން ތިބި ދަސްކުރާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން އާދަމް ޝަރީފް ވަނީ ސަރުކާރުން މަޖިލީހުގެ މަސައްކަތުގެ ތެރެއަށް ވަދެ، މަޖިލީހުގެ ހިންގުމަށް ހުރަސް އަޅާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިހާރު މަޖިލީސް ހިންގަނީ ބިލެއް އަންނައިރަށް ފާސްކޮށްލާ އުސޫލުން ކަމަށާއި އެކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާއާއި ދޭތެރޭ އެއްވެސް ވަރަކަށް މެންބަރުން ނުވިސްނާ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުން ނެރެން ބޭނުންވާ ފުރިހަމަ ނަތީޖާ ނުނެރެވޭކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ގިނަ މެންބަރުން މަޖިލީހަށް ހާޒިރު ވެސް ނުވާކަމަށެވެ، މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މަޖިލީސް ހިންގަމުން ދަނީ މިނިވަން ތަނެއްގެ ގޮތުގައި ނޫން ކަމަށާއި ދެން މި މަޖިލީހަކުން މި ގައުމަށް ފައިދާވާނެކަމެއް ނުކުރާނެކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ފެންނަމުންދަނީ ސަރުކާރެއް ހިންގަން ނޭނގޭ ބަޔަކު އެކަމާއި ހަވާލުވީމާ ވާނެ ގޮތް ކަމަށާއި މި ސަރުކާރަށް، އަދި އޮތީ ހުރިހާ ކަމެއް ވެސް ކުރަން ދަސްކުރުން ކަމަށެވެ.