English Edition
Dhivehi Edition

އިދިކޮޅު ޕީޕީއެމް އިން ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވާ ޕީއެންސީގެ ޕީޖީ ލީޑަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ދޫކޮށްލުމަށް ޕީޕީއެމް އިން ގޮވާލައިފިއެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިޔަ އިޙުތިޖާޖުގެތެރެއިން އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލިގޮތަކަށް ހައްޔަރުކޮށްފައިވާ ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އާއި އެހެނިހެން ބައިވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އެންގުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ، ޕީޕީއެމެ ގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރިމަތިކުރުވާ ތަކުލީފާއި އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ސުލްޙަވެރިކަމާއެކު އިޙުތިޖާޖު ކުރަމުން ދާ ޢާންމު ރައްޔިތުނަނަށް އަނިޔާވެރިވެ ހައްޔަރުކޮށް ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

އިޙުތިޖާޖުގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަތުމާއި އަނިޔާވާ ގޮތްގޮތަށް މީހުން ހައްޔަރުކުރުމުގެ އިތުރުން ގަސްތުގައި އަނިޔާކުރަމުން ގެންދާކަން ފާހަގަ ކުރެވޭ ކަމަށާއި އަދި ރޭގެ އިޙުތިޖާޖުގެތެރެއިން ވެސް ފިރިހެން ފުލުހުން ބައިވެރިންގެ ތެރެއަށް ވަދެގަނެ އަންހެން ބައިވެރިން ގައިގައި ހިފައިގަނެ ހައްޔަރުކުރަމުން ގެންދާ މަންޒަރު ފެނިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ނޫސްވެރިންގެ ވާޖިބަށް ހުރަސް އަޅާ ފުރައްސާރަކުރާ މަންޒަރު ވެސް ވަނީ ފެނިގެން ގޮސްފައި ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ސުލްޙަވެރިކަމާއެކު އަޑުއުފުއްލަވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް އިޙުތިޖާޖުގެ ތެރޭގައި ސުލްޙަވެރިކަމާއެކު ހުންނަވަނިކޮށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލިއަކަށް ވަނީ ހައްޔަރުކޮށްފައިވާ ކަމަށާއި ހަމައެއާއެކު އިޙުތިޖާޖުގެ ބައިވެރިން ޝުޢޫރު ފާޅުކުރުމަށް ބޭނުންކުރަމުން ގެންދާ ބޯޑުތަކާއި ދިދަތަކުގެ އިތުރުން ހުއްދަ ނަގައިގެން އިޙުތިޖާޖުގައި ބޭނުންކުރަމުން ގެންދާ ޕިކަޕް ސައުންޑް ސިސްޓަމާއި އެކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވެސް ޕީޕީއެމް ގެ ބަޔާނުގައި ބުނެފައި ވެއެވެ.

“ފުލުހުންގެ ބެލުމުގެ ދަށަށް ޕިކަޕް ގެންދިޔައިރު، ޕިކަޕްގައިވާ އަގުބޮޑު ސާމާނަށްވެސް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާކަން ފާހަގަ ކުރަމެވެ.
ރައީސުލްޖުމްހޫރިއްޔާ އޯޑަރު ދެއްވިނަމަވެސް ޤާނޫނާއި ޤަވާއިދުތަކުގެ ބޭރުން ޢަމަލު ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ. އަދި އެއީ ކުރެވިގެން ވާނޭ ކަމެއްވެސް ނޫނެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އޯޑަރު ދެއްވިނަމަވެސް، ޣައިރުޤާނޫނީ ޢަމުރަށް ކިޔަމަން ނުވުމަށް ފުލުހުންނަށް ނަސޭހަތްތެރިވަމެވެ.” ޕީޕީއެމްގެ ނޫސްބަޔާނުގައި ވެއެވެ.

ހަމައެއާއެކު، ރޭގެ އިޙުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރ މަޑުއްވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފާއި އެހެނިހެން ބައިވެރިން އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމަށާއި އިޙުތިޖާޖުގައި ބޭނުންކުރާ ތަކެއްޗާއި ސާމާނަށް ގަސްތުގައި ގެއްލުން ދިނުމުގެ ފިނޑި ޢަމަލު ނުހިނގުމަށް ވެސް ވަނީ ގޮވާލާފައެވެ.

މިއާއެކު ފުލުހުންގެ ޤާނޫނާއި ޚިލާފަށް ކުރަމުން ގެންދާ ކަންކަން ބަލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ވެސް ވަނީ ގޮވާލާފައެވެ.