ސަރުކާރުން އަމީނީ މަގު ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން އެ މަގުގައި ހުރި ގިނަ އަދަދެއްގެ ގަސްތައް ނަގަމުންދާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައްޔާރުވެއްޖެއެވެ.
ރައީސް ނަޝީދުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހަޅަނީ ޝުނާނާ އެންޑް ކޯގެ ފަރާތުންނެވެ. އެ ލޯފާމުން ބުނީ އަމީނީ މަގުން ގިނަ އަދަދެއްގެ ގަސްތައް ނަގަމުންދާތީ އެކަން ހުއްޓުވުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާ މައްސަލަ މާދަމާ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި، އެ މައްސަލައާއިއެކު އަމީނީ މަގުން ގަސް ނެގުން ވަގުތީ ގޮތުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދޭނެ ކަމަށް އެ ލޯފާމުން ވަނީ ބުނެފައެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ އަމީނީ މަގުގައި ހުރި ގަސްތައް ނަގަމުންދާތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި އެ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެކަމަށްވެސް ވިދާޅުވެފައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެ ކޯޕަރޭޝަނުން ބުނީ އަމީނީ މަގުގައި ހުރި ގަސްތައް މިހާރު ނަގަމުން ދަނީ އެ މަސައްކަތް ކުރާއިރު ގަސްތަކާ ހެދި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާތީކަމަށެވެ. އިތުރަށް އާރްޑީސީ އިން ބުނީ މަގު ހަދާ ނިމުމުން ގަސް އިންދެން ހުރި ތަންތަނުގައި އަލުން ގަސް އިންދާނެ ކަމަށެވެ.