English Edition
Dhivehi Edition
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ދަނީ

އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް މިއަދު ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނައިބު މުހައްމަދު ނާޝިދު ވިދާޅުވެއްޖެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އިއްޔެ، އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް ފަށާފައިވާއިރު ރައީސް ވަނީ މިއަދު ފަތިސް ނަމާދަށްފަހު އެ މަގުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާފައެވެ.

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދިރާގުގެ މައި އިމާރާތާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް މިދިޔަ މަހުގެ 9 ވަނަ ދުވަހު ފަށާފައިވާއިރު، އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. އަދި މިއަދު އެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން ތާރުއެޅުމުގެ މަސައްކަތް ނިމި މަގު ހުޅުވާލެވޭނީ މިހަފުތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފުތާ ކުރީކޮޅުގައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ ހަވާލުކުރީ މިދިޔަ 2022 އަހަރު 84 މިލިއަން ރުފިޔާ އަށް، 210 ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާ ގޮތަށެވެ.