English Edition
Dhivehi Edition

” އަޅުގަނޑަށްވެސް ތިކަން މަޖާ ވާން ފަށައިފި . އެހެން ނަސް އެއަކުން ލިބޭނެ ގެއްލުމެއްވެސް ނެތް .”

އާދިލާ މި ދެންނެވީއަކީވެސް ދޮގެއްނޫނެވެ. އޭނާ އަށް އެ އުޅެވެނީ ނުހަނު އިއްޒަތުގައެވެ. މިހާރުވެސް މި އިދެވުނީ މަލްޓިމިނިއަރަކާއެކު އަގުބޮޑު ރެސްޓޯރެންޓެއްގައެވެ. ކުރިއަށް އޮތީ ޝަރަފުވެރި ދުވާފަރުގެ ދަތުރެވެ. އޭނާގެ ރަހުމަތްތެރިން މިކަހަލަ ދަތުރެއް ހުވަފެނެއްގައިވެސް ދެކެފައެއް ނުވާނެއެވެ.

” އަހަރެމެންގެ ދެބަސްވުން ހަމަޖެހުނީތީ އުފާކުރަން. ކަލެއަށް މިރަށް ކަމުދާނަމަ ހޯރަފުށިވެސް ކަމުދާނެ. އެވެސް ވަރަށް މީސް ހެޔޮރަށެއް. ކަލެއަށް ފަތަން އެނގޭތަ؟”

” އަޅުގަޑު ފަތާކަށް ނުޖެހޭ. މޫދަށް ފޭބީމާ އޮންނަނީ ފެންމަތީގަ”.

ޝާނަށް އެހެނިހެން ކަންތައްވެސް އެނގިވަޑައިގަންނަވާހާ މޮޅަށް ފައްތަވާނެކަންވެސް އާދިލާއަށް އެނގެއެވެ.

” އެރަށުގެ މޫދު ވަރަށް ސާފު. އަދި ގޮނޑުދޮށްވެސް ވަރަށް ރީތި. އެކަނިވެރިވެލަން ބޭނުންނަމަ ވަންނާނެ ރުއް ވަލާއި ވާތައް އޮވޭ.”

” ތިއީ ރަށެއްގައި ހުންނަން އަޅުގަނޑުވެސް އެދޭ އެންމެ ރީތި ސިފަތައް އެކަހަލަ ތަނެއްގައި އެކަނި އުޅުމަކީ އަޅުގަނޑު އެންމެ ކުރާހިތްވާ ކަންތައް”. އާދިލާ މިހެން ދެންނެވިއިރު އޭނާގެ ލޮލުން ޝައުގުވެރިކަމުގެ ވިދުވަރެއް ދިއްލިގެން ދިޔައެވެ.

” އެއީ އަހަންނަށްވެސް ގަޔާވާކަމެއް. ދުނިޔެ މަތީގެ ސުވަރުގެއެއް ކަލޭ ސިފަކުރަނީ ކޮން ގޮތަކަށް ؟

” އަޅުގަނޑުގެ ރަށް ހިތަދޫގެ ކޯއްޓޭގެ ސިފައިގަ .”

“ކަލޭގެ ރަށުގެ ގޭގެ ކަންތައް ހުންނަގޮތް ކިޔާދީފާނަން ތަ؟” ޝާން މަޑުމަޑުން އެއްސެވިއެވެ.

އާދިލާ އޭނާގެ ކުޑައިރުގެ ވާހަކަތަކާއި ގޭގެ ކަންތައް ހުރިގޮތް ޝާން އަށް ދަންނަވަމުން ގެންދިޔައީ ވަރަށް ގާތް ގޮތެއްގައެވެ. އޭނާ އޭރު އިނީ އިސްދަށަށް ޖަހައިގެންނެވެ. އޭނާގެ މަޑު ފަށުވި އިސްތަށިގަނޑަށް އެވަގުތު ފާނޫޒްގެ އަލިއެޅިފައިވާއިރު ފެންނަނީ ވަރަށްވެސް ޖާޒްބީ ގޮތެއްގައެވެ.

” އަޅުގަނޑުގެ ބައްޕަ ބަލިވެ، ބުރަމަސައްކަތް ނުކުރެވޭތީ އުޅުއްވަނީ ގޭގަ . އެކަމަކު އަދިވެސް ހަރުމޯނިއަމް ކުޅުއްވުން ހުއްޓައެއް ނުލައްވާ. ވަރަށް ގިނަ މީހުން ދާނެ ދަސްކުރަންވެސް. ގަދަކޮށް ހުންނަވާއިރުމިއުޒިކް ގްރޫޕްތަކަށްވެސް ދުރުވާނެ.”

” ބައްޕައަށް ލިބިލެއްވި ހުރިހާ ފައިސާއެއް ޚަރަދު ކުރެއްވީ އަޅުގަނޑަށް ކިޔަވައި ދިނުމަށް.” އާދިލާ ފުން ނޭވާއެއް ލިއެވެ.

” ތި ކަމުން ދައްކަނީ ކަލޭގެ ބައްޕަގެ ރަނގަޅުކަމާއި ވިސްނުންތެރިކަން. ތައުފީގް އައިމަ ކަލޭ ދާނީ ރަށަށް ތަ؟.”

” އަޅުގަނޑު…. އަޅުގަނޑަކަށް ނޭނގެ. މާލޭން ވަޒީފާއެއް ހޯދާނީއޭވެސް ހިތަށް އަރާ. ނޫނީ މި ރަށަށްވެސް އާދެވިދާނެ . ވަހީދާމެންގޭގަ އަޅުގަނޑަށް އުޅެވިދާނެ .”

“ތި ކަމުން އެނގެނީ ކަލޭ ރަށުގައި އުޅޭހިތް ނުވާކަން. ހިތްހަމަ ނުޖެހޭ ކަމެއް އޮތީތަ؟

” އަޅުގަނޑު ރަށުގަ އުޅޭހިތް ނުވާ ސަބަބު ދެންނެވީމެއް ނޫންތޯ ؟”

“މަށަށް ހީވަނީ ކަލޭގެ ހަޔާތަށް އައި މީހާ ކަންތައް ކުރިގޮތުން ވީކަމެއްހެން. އޭނާ ކަލޭ ދޫކޮށްލީމަ އެކަން ހިތުންފިލުވަން ކަލޭ ހެދީ ކިހިނެއް؟”

އާދިލާ އެއްޗެއް ނުބުނެ އިސްޖަހައިގެން އިނެވެ.

” ހީވަނީ އަދިވެސް ޒަޚަމް ތާޒާހެން . ހިތަކުން ނުފިލި ދޯ .”

” އަޅުގަނޑު ދިޔައީ ރަށާ އެންމެ ދުރުން ލިބުނު ވަޒީފާއަށް. ގަމުގެ ކުންފުންޏެއްގެ އެޑްމިން މަސައްކަތަށް. އުޅެނީ ފޭދޫގަ ހުންނަ ތިމާގެ ގެއެއްގަ . އަޅުގަނޑު އުޅުނީ ސިރާޖް އަޅުގަނޑު ދޫކޮށްލި ސަބަބު ހޯދަން. އެ ދުވަސްކޮޅު ވަރަށް ގިނަ މީހުން އަޅުގަނޑާ ރައްޓެހިވާން އެހި، ފައިސާއާއި އިއްޒަތަށްޓަކައި ކުރެވޭ ކާވެނިތައްވެސް އަޅުގަޑށް ފެނުނު. އެ ކަންކަން ފެނި ދަސްވީމަ އަލުން ދިރިއުޅުމެއް ފެށުމުގެ ޚިޔާލާ ދުރަށް ދެވުނީ. ފިރިހެނުންނަށް އެބާވަތުގެ ދިރިއުޅުން ކަމުދަނީ ކީއްވެ ބާވައޭވެސް ހިތަށް އަރާ.”

” ސިރާޖް ބަދަލުވީ ހަމަ ކުއްލިއަކަށް. އެހެންނޫނީ އަޅުގަނޑަށް އެކަން އެނގުނީ ވަރަށް ލަހުން. އަޅުގަނޑު ސިރާޖަށް މާބޮޑަށް އިތުބާރު ކުރާތީ ކަންވެސް ނޭނގެ . އެހެންނޫނަސް ދެ އާއިލާގެ ރުހުން އެހާ ބޮޑަށް އޮތް އިރު އެހެން ވެދާނެއޭ ހިއެއްވެސް ނުވާނެ. އަޅުގަނޑުމެންގެ ދެގެ ހުންނަނީ ދާދި ކާރީގަ . އާއިލީގޮތުންވެސް ތިމާގެ . ކަޒިންސަށް ވުރެން ދުރު. އެކަމަކު ދެއާއިލާ ގުޅުވަން އެންމެންވެސް ބާރު އަޅާ. އެހެންވެ އަޅުގަނޑުމެން ކާވެނި ކުރުވުމަށް މާކުރިއްސުރެން އޮތީ ހަމަޖެހިފަ .”

” ކަލޭ އޭނާ ދެކެ ލޯބިވޭ ތަ؟”

” އޭރު ހީކުރީ އެ ވެވެނީ ލޯބި ކަމަށް. ލޯތްބަކީ އެހެންވާ އެއްޗެއް ނޫންކަން ވިސްނުނީ މާފަހުން.”

” ކަލޭ ތި ކިޔާދިން ގޮތުންނަމަ އޭނާ އެހެން ހެދުމަކީ މަސްއަލައެއް ނޫން”.

” އަޅުގަނޑަށްވެސް ހީވަނީ ތި ހެން . މިއީ މިވާހަކަ އެއްވެސް މީހަކަށް ކިޔާދޭ ފުރަތަމަ ފަހަރު. މިހާރު ދެން އެއަކީ އެހާވަރުގެ ކަމެކޭ ހިތަކަށް ނާރަ”

” އެހެން އެކަންވީމަ މީހުން ކަލެއާ ފޮށި ނަހަދާތަ؟”

” އެންމެންވެސް އޭރު ދައްކަނީ އެވާހަކަ. އަޅުގަނޑަށް ހަމްދަރުދީ ވެފަ . އަސްލު އެމީހުން ވީ ހަމްދަރުދީއަކު އިޚްލާސްތެރިކަމެއް ނެތް. އެކަން އަޅުގަނޑަށް އެނގޭ”.

” މިހާރުވެސް ސިރާޖް އުޅޭ އުފާވެރި ދުނިޔެ ފެނިދާނެތީ ކަލޭ ތިއުޅެނީ ފިލައިގެން ދޯ .”

” ފިލައިގެންނޭތޯ؟” އާދިލާ އެ ލަފްޒް ތަކުރާރު ކޮށްލިއެވެ. ” އުނހު. އެއީ އަޅުގަނޑުގެ ރަށް. އަޅުގަނޑު އެ ރަށަށް ދާން ޖެހޭނެ . މީހުން ކިޔާ އެއްޗަކާމެދު މިހާރަކު ފަރުވާލެއް ނުބަހަށްޓަން.”

” ކަލޭ އަދި މާލެ ނުދަމެއްނު؟ މާލެ ދެވުނީމަ ރަށަށް ދާ ޚިޔާލެއް ނުކުރާނެ ކަންނޭނގެ.”

އެނބުރި އައި މަގުމަތީގައި އާދިލާ ވިސްނަމުން ދިޔައެވެ. މާލޭގައި އޭނައަށްޓަކައި ހުންނާނީ ކާކު ހެއްޔެވެ؟ މިހާރު އެންމެ ބޮޑަށް ދަންނަ މީހަކަށް ހުރީ ޝާން އެވެ. އެވެސް އެހެން މީހެއްގެ މިލްކެކެވެ.

ދުވާރަށަށް ދިޔަ ލޯންޗްގައި މާގިނަ ބަޔަކު ނުދެއެވެ. ތިބީ އެމެރިކާގެ ދެ ޓުވަރިސްޓުންނެވެ. އެމީހުންގެ ދަބަސްތައް ފުރާލާފައިވަނީ ސުވެނިއަރ ތަކުންނެވެ. ބޯޓްގެ ވެރިމީހާއާ އެކީ ދަތުރު ކުރެވޭތީ އެމީހުން ތިބީ އުފާވެފައެވެ.

ލޯންޗް ކާރި ކޮށްލާފައި ޝާން ފައިބާވަޑައިގަންނަވާތަން ބެލުމަށް ޖެޓީގައި ވަރަށް ގިނަ ބަޔަކު ތިއްބެވެ. އޭނާ ސިޑިން އަރާވަޑައިގެންނެވީ އާދިލާގެ އަތުގައި ހިއްޕަވައިގެންނެވެ. އެންމެންގެ ސަމާލުކަން އެދެމީހުންނަށް ހުއްޓިފައިވެއެވެ. އާދިލާ ޝާންގެ އަތްޕުޅުން ދޫކޮށްލެވޭތޯއެއް ބާރެއް ނާޅައެވެ. އެއީ އާދިލާއާ ޝާނާ ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން ހިނގަމުންދާ ކަމަކަށްވާތީއެވެ.

އާދިލާ ބޯޓަށް އެރުމަށް ފަހު ޗެންޗޭނު ކާރިއަށް ގޮސް ދުރުން ވިދާބަބުޅަމުންދާ ތިނަދޫގެ މަލައަށް ބަލަހަށްޓައިގެން ހުއްޓެވެ. އެ ވަގުތު އޭނާގެ ފަހަތުން ޝާން ވަޑައިގެންފައި ވިދާޅުވިއެވެ.

“އެކްސްކިއުޒް މީ އާދީ…. އަހަންނާ ބައްދަލު ކުރަން ގެސްޓަކު އުޅޭތީ މިހާރު ދަނީ އިނގޭ.” މިހެން ވިދާޅުވެފައި ވަޑައިގެންފިއެވެ. އާދިލާ އޭނާ ވަޑައިގެން ލޯމަތިން ގެއްލެންދެން ބަލަން ހުއްޓެވެ. އާދިލާއަކީ ކޮންމެ ގޮތެއްވިޔަސް އޭނާގެ ސެކެޓްރީއެކެވެ. މިރޭ އޭނާއާ މެދު ކޮންމެ ގޮތަކަށް ކަންތައް ބެހެއްޓެވިޔަސް ހަގީގަތަކީ އެއީ އެވެ. އެހެންނަމަވެސް މިހަގީގަތް ދެކޭކަށް އޭނާގެ ހިތެއް ނޭދެއެވެ.

އެ “ގޮނޑުދޮށުގައި” ހުރި ފަސޭހަ ގޮނޑިއެއްގައި އޮށޯވެ އޮތީ ތަރިތައް ފިޔަޖަހަމުންދާ އުދަރެހަށް ބަލާށެވެ. . އެއީ ކިހާ ހިތްގައިމު ވަގުތުކޮޅެއް ހެއްޔެވެ؟. އެރޭ އެދެމީހުން އެ ހޭދަކުރީ ހާދަ އުފާވެރި ވަގުތު ކޮޅެކެވެ. ކޮންމެ ރެޔަކީ އެކަހަލަ ރެއަކަށް ވާނެ ނަމައެވެ.

އޭރު ދުވާރަށުގެ ދަތުރު ފެށުމުގެ ތައްޔާރީތައް ވަމުން ދަނީއެވެ. އޭނާ ލޯ މަރައިގެން އެ އޮތީ އެ ފޮނިފޮނި ހުވަފެނުގެ އިހްސާސްތައް ގެއްލި ދިޔަ ނުދިނުމަށެވެ. އާދިލާ ސިއްސައިގެންގޮސް ލޯ ހުޅުވާލީ ޝާން މިހެން ވިދާޅުވި އަޑަށެވެ. ” ކަލޭގެ ފުރާނަ އެބަހުރިތަ؟ މިހާ ރީތި ހަނދުވަރުދޭ ރެއެއް ތި ހެން ބޭކާރު ކޮށްލަނީ ކީއްވެ ؟”

ޝާން ގެންނެވި އައިސްކްރީމް ތަށި އޭނައަށް ދިއްކޮށްލެއްވި އެވެ. އަދި އޭނައާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެ ވަޑައިގެންނެވިއެވެ.

” އެނގޭތަ. ސަޒިންވެސް އަތުވެއްޖެ. އޭނަ ދަނީ މަންމަ ގާތަށް. އޭނަ ފެނުނީމާ މަންމަ ވަރަށް އުފާވާނެ. މިއުޅެނީ ދުވަސްކޮޅަކު އޭނާ ހޯރަފުށީގައި ބަހަށްޓާލަން. ޝިނާޔާ އޭނަ ފޮނުވަން އެއްބަސްވީ ވަރަށް އުނދަގުލުން.”

” އަޅުގަނޑަށް ހީވަނީ ސަޒިންވެސް މީގަ ދަތުރު ކުރެވޭތީ ވަރަށް އުފާވާނެ ހެން .”

” އެންމެން އޭނަ ދެކެލޯބިވާ ވަރުން އޭނާ އެހެރީ ގޯސްކޮށްލާފަ. އަދި އެބަޖެހޭ އޭނައަށް މިއުޒިކް ދަސްކޮށްދޭނެ މީހަކު ހޯދަން . ކަލޭގެ ބައްޕަ ގާތަށް ފޮނުވާލަންވީ ދޯ؟

” އަޅުގަނޑު ބައްޕަ ކުރެން އަހާލަފާނަން.”

” އަދި މިހާރަކު ނޫން. ފުރަތަމަ މި ދަނީ ލާމަށް. ދާ މަގުމަތީގައި ފަހަރުގައި އެހެން އަތޮޅަކަށްވެސް ޖައްސާލަން ޖެހިދާނެ”

އާދިލާ ތަށި ބަހަށްޓާފައި ތެދުވެއްޖެއެވެ. އޭނާ އުޅުނީ އެތަނަށް މީހުން ގިނަ ވުމުގެ ކުރިން އެތަނުން ދާށެވެ. އެހެންނަމަވެސް އޭނާގެ ދަބަސް ބާއްވާފައި ދެވުނުކަން އެނގުނީމާ އެ ބަލާ އައިތަނާ ޝާން އޭނާގެ އަތުގައި ހިފަހަށްޓަވާ އޭނަގެ ގާތަށް ދަންމަވައި ލެއްވިއެވެ. އެއާއެކު އޭނާ އަތުގެ އިނގިލ ކުރީގައި ތުންފަތްޕުޅު ޖައްސަވާ ލެއްވިއެވެ. އެވަގުތު އޭނާއަށް ލިބުނު ކުއްލި ހައިރާން ކަމަކާއެކު އިސްއުފުލާ ބަލާލެވުނެވެ. ހަމަ އެއާއެކު އެއްވެސް އިންޒާރެއް ނެތި ޝާންގެ މޭފުޅާލައި ބޮނޑިކޮށްލެއްވިއެވެ. އޭނާއަކަށް އިތުރު ހަރަކާތެއް ކޮށްލާނެ ދަނޑިވަޅެއް ނުލިބުނެވެ. ދެކޮޅެއް ނުހެދުނުތާނގައި ވިސްނައެއްވެސް ނުލެވުނެވެ. ޝާންގެ ތުންފަތްޕުޅުގެ އެ ލުއި ހަރަކާތުން އޭނާގެ މުޅި ހަށިގަނޑަށް އިލެކްޓްރިކްގެ ޖާދުވީ ރާޅު ބާންޏެއް ފެތުރިގެން ދިޔައެވެ. މިފަދަ ފުން އިހްސާސްތަކެއް އޭނާގެ ހިއްސާގައި މިހާތަނަކަށް ނެތެވެ. އެ އިހްސާސްތައް އޭނާ ބިރުގަންނަވާލިއެވެ. އެހެނަސް މި ފޮނިފޮނި ޖަޒްބާއާ ދުރަށް ދާކަށް އާދިލާގެ ހިތެއް ނޭދުނެވެ. އަނދިރިކަމުގެ ތެރޭން ވިދާލި ފްލޭޝް އެއްގެ ވިދުވަރުން އެހިނދުކޮޅު ބޭޒާރު ކޮށްލިއެވެ. އެ ވިދުވަރުގެ ފުރަގަހުން ފެންނަން ހުރީ އަލީ އަފީފްގެ ބިރުވެރި ސޫރައެވެ. އޭނާ އެތަނުން ދިއުމުގެ ކުރީން، މުއްސަނދިކަމާއި ރީތިކަން ގުޅިގެން އެމާހައުލަށް އައިސްފައި އެވާ އުފާވެރި ވަގުތު މެދުކަނޑާނުލާށޭ ބުނެފައެވެ.

” އޭ އަފީފް. ” ޝާން އޭނައަށް ގޮވާލެއްވިއެވެ. “ކަލޭ ތި އުޅެނީ ކަލޭގެ ހިތް އެދޭކަހަލަ ޚަބަރެއް ހޯދާކަށް ނު؟” ޝާން އާދިލާ ދުރަށް ޖައްސަވާލެއްވިއެވެ. އެމަންޒަރު އަލީ އަފީފަށް ފެނުނީތީ ޝާން ހުންނެވީ އުފާފުޅުންނެވެ. މިހުރިހާ ކަމެއް އެ ކުރެއްވީ މި ނިޔަތުގައި ކަން އާދިލާއަށް އެނގުނެވެ.

” މި އަދަށް ފުދޭވަރު ވެއްޖެ. އެހެން ކަމެއް ނެތިއްޔާ އަޅުގަނޑު ނިދަން ދަނީ އިނގޭތޯ. މި ރެއަށްޓަކާ ޝުކުރިއްޔާ ”

އާދިލާ ހިނގައިގަތުމުން ޝާން ވިދާޅުވިއެވެ.

” ގުޑްނައިޓް އެންޑް ސްވީޓް ޑްރީމްސް”

 

ޗެޕްޓަރ 3

 

އާ ދުވަހެކެވެ.

ޝާން އޭނާގެ ކުރިފުޅުމަތީގައި ހަމަހިމޭން ކަމާއެކު ލިޔަން އިން އަންހެންކުއްޖާގެ މޫނަށް ބައްލަވާލެއްވިއެވެ.

” މިވީ1 ގަޑި އިރު ތެރޭ ކަލޭގެ ތުންފަތުން ހިނިތުންވުމެއް ނުފެނޭ. ތިއިނީ މަ ދެކެ ރުޅިއައިސްފަ ތަ؟”

އާދިލާއަށް މަޖްބޫރުވެގެން ޝާންގެ މޫނުފުޅަށް ބަލާލިއެވެ. މިއަދު ޝާން ކަންތައްބަހަށްޓަނީ ވަރަށްވެސް ނުރަސްމީ އަދި ގާތް ގޮތެއްގައެވެ. އެހެންނަމަވެސް ރޭގައި އެ ހިނގި ހާދިސާތަކުގެ ސަބަބުން އޭނާގެ ހިތުގެ ޝުއޫރު ތަކަށް ވަނީ އަސަރު ފޯރާފައެވެ.

” އެހެން ވާންޖެހޭ ސަބަބުތަކެއްވެސް އެބަހުރި ނޫންތޯ .” އާދިލާ ސީރިއަސް ކަމާ އެކު ދެންނެވިއެވެ.

“އެ އެހާވަރުގެ ސަބަބެއްތަ؟. އެ މީހަކަށް ދައްކާލަން ކޮށްލި ކަމެއް ނޫންތަ؟

” ދައްކާލަންވެސް އެހާހިސާބަށް ނުގެންދެވިޔަސް ވެދާނެ ނޫންތޯ؟ ”

” އަހަރެން ކަން ކުރަނީ ކުރަން އޮންނަ ގޮތަކަށެއް ނޫން. ހަޔާތުގަ އަންނަ އުފާވެރި ހިނދުކޮޅުތަކާމެދު އަދިވެސް ތިބަލަނީ ނަފްރަތުގެ ލޮލަކުންތަ؟ ތިއަކީ ރަނގަޅުގޮތެއް ނޫން.”

” ހެޔޮ. އެއަކީ ކުރަން ޖެހޭކަމެއް ނޫން .” އާދިލާ ހަރުކަށި ގޮތަކަށް ބުންޏެވެ. ” ދެން އެކަހަލަ ކަމެއް ކުރައްވައިގެން ނުވާނެ.”

” މަށެއްވެސް ނުބުނަން އެއީ ކުރަން ޖެހޭ ކަމެކޭ. އެކަމަކު އެއީ ވަރަށް ފޮނި ވަގުތުކޮޅެއް .” ޝާންގެ ގޮނޑިކޮޅަށް ލެނގިވަޑައިގެންނެވިއިރު މޫނުފުޅުން ފެންނަން ހުރީ ހިނިތުންވުމެކެވެ. ހީވަނީ އާދިލާ ރުޅިއައިސްފަ އިނީތީ ކުރައްވާ މަލާމާތެއް ހެންނެވެ.