English Edition
Dhivehi Edition

އައްޑޫ ސިޓީގައި އިތުރު 8000 އެނދު ތަރައްގީ ކުރާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެ ވަޑައިގެންނެވި ވައުދު ނުފުއްދާކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ލ.ގަމުގައި ކުރިއަށް ދިޔަ ވިއަވަތި ކޮންފަރެންސްގެ ތެރެއިން ‘ޕީއެސްއެމް’ އަށް ދެއްވި އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ 8000 އެނދު ތަރައްގީކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ނުފުއްދަވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކައެއްކަމަށެވެ. 8،000 އެނދު ނުވަތަ 12،000 އެނދު ތަރައްގީކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް މިހާރު ކޮށްދީފައިވާކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ މިކަމަށްޓަކައި ކައުންސިލަށް ކޮށްދެވޭނެ ކަމަކީ އެނދު ތަރައްގީކުރުމަށް ބޭނުންވާ ބިން ދޫކުރުން ކަމަށެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ ޓުއަރިޒަމް ޒޯންތައް ތަރައްގީ ކުރުމަށް ބިން ދޫކޮށްފައިވާ ކަމަށާއި އެ ބިމުން ނަފާ ހޯދުމަކީ ބިންވެރިޔާގެ ކަމެއްކަމަށެވެ. އަދި ސަރުކާރަށް ކުރެވޭނެ ކަމަކީ ބިން ދިނުމަށްފަހު އެއާއި ގުޅޭ ވަސީލަތްތައް ގާއިމުކުރުން ކަމަށް ނިޒާރު ވިދާޅުވިއެވެ. އިތުރަށް ނިޒާރު ވިދާޅުވީ ބިންތައް ނެގި މީހުންނަށް ފައިސާ ލިބޭނެ ގޮތެއް ހެދުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ނިޒާރު މިހެން ވިދާޅުވެފައިވާއިރު، ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުސޫމްވެސް ވަނީ ހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމަށް، ކަނޑައަޅާ ބިންތައް ފާސްކޮށްދިނުމުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް އިންތިޒާމްތަކެއް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.