English Edition
Dhivehi Edition
ފޮޓޯ: އީޕީއޭ

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން ދިޔަ ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން އިއްޔެ ވަނީ ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރުމުގެ ސަބަބުން ލިބުނު ގެއްލުން ސާވޭކުރަން ފަށައިފައެވެ.

ރޭ އީޕީއޭއިން، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކެއް އާންމުކޮށްފައިރު އެ ފޮޓޯތަކުން ފެންނަނީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގަނޑު ކަނޑައިގެން ގޮސްފައިވާ ތަންތަނެވެ. މި ފޮޓޯތަކުން ޕްލެޓްފޯމް އެރުމުގެ ސަބަބުން ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ބާގަނޑު ފެނެއެވެ. އޭގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ސާވޭ ކުރާ ޓީމުގެ މެމްބަރަކު ވަޅުގަނޑުގެ ތެރެއަށް ފީނައި ކޮޅަށް ހުންނަ މަންޒަރެވެ.

އެހެންނަމަވެސް އަދި މިހާތަނަށް އެ ވަޅުތަކުގެ ފުންމިނާއި އަދި ފުޅާ މިނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އީޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތަކަށް ބަލައި ޖޫރިމަނާ ކުރަން ޖެހޭނަމަ އެކަން ކުރާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.