English Edition
Dhivehi Edition

ތިލަމާލެ ބްރިޖު މަޝްރޫއަކީ ދަރަނީގެ ދަންތޫރައެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި ކުރީގގެ ރައިސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ތިލަމާލެ ބްރިޖު ލަސްވާ މައްސަލައިގާ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ދުންޔާގެ ފޭސްބުކް ޕޭޖުގައި އާންމުކުރި މި ވީޑިއޯގައި ވިދާޅުވެފައިވަނީ ތިލަމާލޭ ބުރިޖު އެޅުމުގައި ދިމާވެގެން މިއުޅޭ ލަސްވުމަކީ ދިވެހި ރައްޔިތުންގެ ވަރަށްބޯޑު ކަންބޮޑުވުމެއް ކަމަށެވެ.

ލަސްވިކަމުގައި ވިޔަސް ދެން އޮތް މަސްތަކުގެ ތެރޭގައި ނިމޭނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ވިދާޅުވާކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ ސިނަމާލެ ބުރިޖު ޗައިނާގެ އެހީގައި އަޅަމުންދިޔައިރު، އެއީ ދަރަނީގެ ދަންތުރައެއްކަމަށް ސިޔާސީ ފަރާތްތަކުން ބުނަމުން ދިޔަކަމަށެވެ.

އެހެންނަމަވެސް މިހާރު މިފެންނަނީ އަސްލު ދަރަނޫގެ ދަންތުރައެއް ކަމަށާއި ވަކި ގައުމެއްގެ ދަށުވެގެން މި މަސައްކަތް ވަކި ބަޔަކާއި ހަވާލުކޮށްގެން ކުރިއަށްދާކަން އެއީ އެންމެން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާއެއް ނެތް ބަޔަކާ ކަމަށާއި ދިވެހި ރައްޔިތުންގެ 5 މިލިއަން ޑޮލަރުގެ މަޝްރޫއެއް މިހެން ލަސްވެގެން ދިއުމަކީ ފައިސާ ވެސް ވޭސްޓުވެގެންދާ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ މަންފާ ނުލިބިދާކަމީ ވަރަށްކަންބޮޑުވާ ކަމެއް ކަމުގައި ވެސް ދުންޔާ ވިދާޅުވިއެވެ.

އެހެންކަމުން މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ، ބައިނަލްއަގުވާމީ ގުޅުން އޮންނަންޖެހޭ ގޮތަށް އޮތުމަކީ އެކަމަނާ އެންމެބޮޑަށް އެދޭ އެދުން ކަމަށް ވެސް ވިދާޅުވިއެވެ.