English Edition
Dhivehi Edition

ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ މީހުން ދޮލަނގަކަށް ސިމެންތި އަޅައިގެން، ބްރިޖުގެ ޑެކް އެޅުމުގެ މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ތިލަމާލެ ބުރިޖު މާލެ އިން ފެށޭ ހިސާބުގެ ކޮންކްރިޓް މަސައްކަތް ކުރުމަށް ކޮންކްރިޓް ޑެކް އެޅުމުގެ މަސައްކަތް ކުރާ މީހުން ދޮލަނގަށް ވެލިއަޅައިގެން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ އާއި އެކު ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ވަނީ މިއީ މިހާރު ރާއްޖޭގައި ކުދި އިމާރާތް އަޅާއިރުވެސް އަމަލުކުރާ ގޮތެއް ނޫންކަމަށް ބުނެފައެވެ. އަދި ރާއްޖޭގައި ހިންގާ ބިޔަ ބޮޑު މަޝްރޫއެއް މިހާ ފެންވަރު ދަށްކޮށް ކުރަމުން އަންނައިރު ކަމާ ބެހޭ އިދާރާތަކުން މިކަން ރަނގަޅަށް ބަލާ މޮނީޓާރ ކުރުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އިންޑިއާގެ އެފްކޮންސްއާ އެކު އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.