މި ދުވަސްވަރަކީ ދިވެހިންނަށް ވަރަށް ނަސީބުވެރި ދުވަސްވަރެއް ކަމަށް, ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑެމީން ބޭއްވެވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އާދަމް ނަސުރު ވިދާޅުވީ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ތަޞައްވުރަކީ ރައީސް ޑރ. މުޢިއްޒުގެ ތަޞައްވުރެއްކަމަށާއި އެމަނިކުފާނުގެ އިސްނެންގެވުމެއް ކަމަށެވެ. އަދި އެ ތަޞައްވުރުގައި ވަރަށް ގިނަ ބައިތަކެއް ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އާދަމް ނަސީރު ވިދާޅުވީ, މި 5 އަހަރު ނިމޭއިރު ދިވެހިބަހުގެ ދާއިރާއަށް އުންމީދީ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.
މި ޖަލްސާގައި މިނިސްޓަރު ވަނީ ދިވެހިބަހުން ރީތިކޮށް ވާހަކަދެއްކުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ. އެގޮތުން ވާހަކަދައްކާއިރު ތާނަ އަކުރުތަކުގެ އަޑުތައް ފާޅުވާނެހެން ވާހަކަދައްކަންޖެހޭކަމަށާއި ވަކި ތަރުތީބަކުން މީހުންނަށް ފަސޭހައިން ދޭހަވާނެހެން ވާހަކަދައްކަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ވާހަކަދައްކާއިރު ޖުމްލަ ފަށާ އިރާއި ނިންމާއިރު ބުނާނެ ވާހަކަ ސިކުނޑީގައި އަތުރާލެވިފައި އޮތުމަކީވެސް މުހިންމުކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޖަލްސާގައި ދިވެހިބަހުގެ އެކެޑެމީން އެކުލަވާލި ދެ ގަވާއިދު ފޮތެއްވަނީ ނެރުއްވާފަ. މީގެތެރެއިން އެއް ފޮތަކީ “ލަފުޒުކޮށް ވަކިކޮށް ލިޔުމުގެ ގަވާއިދު” ފޮތް. މި ފޮތް ނެރުއްވައިދެއްވީ ދިވެހިބަހާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހިމް. ދެވަނަ ފޮތަކީ “ތާނައިގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރާނެ ހަމަ” މި ފޮތެވެ.