English Edition
Dhivehi Edition
ރިވެލި ޕްރޮގްރާމް ރައީސް މުއިއްޒު ފައްޓަވައިދެއްވުން

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދިނުމަށް އޮންލައިންކޮށް ހާއްސަ ޗެނަލެއް ތަޢާރަގްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމާއި ދިވެހި މާއްދާ އޮންލައިންކޮށް ކިޔަވައިދިނުން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ, އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުމަކީ ދިވެހިން ބޭރުގައި އުޅޭއިރު އޮންލައިންކޮށް އިސްލާމާއި ދިވެހި މާއްދާ ކިޔެވޭނެ މަގު ފަހިކުރުންކަމަށެވެ

އިސްމާޢީލް ޝަފީޢު ވިދާޅުވީ، ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައިދިނުމުގެ ޕައިލެޓުކޮށް ކުރިއަށްގެންދާތާ ދެހަފްތާވެއްޖެކަމަށެވެ.

“ކޮންމެ ދުވަހަކުވެސް ލިބޭ މަޢުލޫމާތުގެ އަލީގައި މި ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ދަރިވަރުންނާ ގުޅޭގޮތަށް ބަދަލުތައް މި ދަނީ ގެންނަމުން,” -އެޑިއުކޭޝަން މިނިސްޓަރު-

މިކަމަށް ހާއްސަ ޗެނަލެއް އިފްތިތާހުކުރާނީ ނެޝަނަލް އިންޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީގެ މަސައްކަތާއެކު އެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އޮންލައިންކޮށް ދިވެހިބަހާއި އިސްލާމް މާއްދާ އޮންލައިންކޮށް ކިޔަވައިދިނުމަށް ސަރުކާރުން ހިންގުމަށް ވަޢުދުވެފައިވާ “ރިވެލި” ޕްރޮގްރާމް ބުދަ ދުވަހުގެ ރޭ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެކުވެރި ޢަރަބި އިމާރާތުގައި އުޅޭ ދިވެހިންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ތާޖު ހޮޓަލް ދުބާއީގައީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

ރައީސް މުޢިއްޒު ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވި ދިވެހިންވަނީ އެ ޤައުމުގައި ދިރިއުޅޭ ކުދިންނަށް ދިވެހިބަހާއި އިސްލާމް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ހިއްސާކޮޮށްފައެވެ.

“ރިވެލި” ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމު މާއްދާ ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެމިރޭޓްސްގެ އެކި ސިޓީތަކުގައި އުޅޭ ހުރިހާ ދިވެހި ކުދިންނަށް ކިޔެވޭނެ ގޮތަށްކަމަށް ސަރުކާރުން ބުނެއެވެ.

ޔޫއޭއީއަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެފައިވަނީ “ރިވެލި” ޕްރޮގްރާމް ޔޫއޭއީއިން ފެށިގެން ދިޔަ ނަމަވެސް މުސްތަޤުބަލުގައި ދިވެހިން އުޅޭ ހުރިހާ ޤައުމެއްގައި އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ޕްރޮގްރާމް އިފްތިތާޙު ކުރެއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޔޫއޭއީ ނޫން އެހެނިހެން ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އޮންލައިންކޮށް މި ދެ މާއްދާ ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދެމުންދާ ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުން ތައްޔާރުވަމުން އަންނަނީ އޮސްޓްރޭލިއާއީ މެލޭޝިޔާ އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި އިސްލާމް ކިޔަވައިދިނުމަށް ތައްޔާރުވަމުން ކަމަމަށެވެ.

“ރިވެލި” ޕްރޮގްރާމަކީ މުޅިން އަލަށް ސަރުކާރުން ފަށާ ޕްރޮގްރާމަކަށްވާތީ އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަވާނެކަމަށާއި، އެކަންކަން ކުރިއަށް އޮތްތަނުގައި ރަނގަޅުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ޒަމީރު ވަނީ ދެއްވާފައެވެ.