ކުޑަކުދިންނަށް ޚާއްޞަކޮށްގެން ދިވެހި ބަސް ދަސްކޮށްދިނުމަށް ތައްޔާރުކުރި ޔޫޓިއުބް ވީޑިއޯ ސީރީޒް “ތުއްތު ކަމަނަ-1 ” އިފްތިތާޙް ކޮށްފިއެވެ.
“ތުއްތު ކަމަނަ- 1” އިފްތިތާޙް ކޮށްދެއްވެވީ މިއަދު ހަވީރު ބައިސްކޯފްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަައި، ދިވެހި ބަހާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ނަސީރު އިބްރާހިމެވެ.
މިއީ ތުއްތު ކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި ޖެއްސުމާއި އަދި ދިވެހި ބަހަކީ ޝައުގުވެރިވާ ބަހެއްގެ ގޮތުގައި ހެދުމަށާއި، ތުއްތު ކުދިންނަށް ދިވެހި ބަސް ދަސްކޮށްދިނުމުގެ މަގުޞަދުގައި އެކުދިން ގަޔާވާކަހަލަ ސްޓައިލަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަންސާހަށް ވުރެ ގިނަ ކުޑަކުދިން ވަނީ ބައިވެރިކޮށްފައެވެ.
މި ސީރީޒްގެ ފުރަތަމަ ބައި ޚާއްޞަ ކޮށްފައިވަނީ ތާނައިގެ އަކުރުތައް ދަސްކޮށްދިނުމަށެވެ.
މި ޙަފްލާގައި އިފްތިތާޙް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތުއްތުކަމަނަ ސީރީޒްގެ މަސައްކަތަކީ ކިތަންމެ ކުޑަކޮށް ފެންނަން އޮތް ނަމަވެސް ޤައުމީ ނިސްބަތުގައި ބޮޑު އަދި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަށް ޝައުޤުވެރިވާ އެހެން ފަރާތްތަކުންވެސް މިކަހަލަ ކަންކަމުން ހިތްވަރު ހޯއްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެފަދަ މަސައްކަތްތަކަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ތެރެއިން މިހާރަށް ވުރެވެސް ބޮޑަށް ތަރުޙީބު ދެވޭނޭ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ތުއްތު ކަމަނަ ސީރީޒް” އަކީ އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދުގެ އަމިއްލަ އުފެއްދުމެކެވެ. ވީޑިއޯގައި ހިމަނާފައިވާ ތީމް ލަވަ ލިޔުއްވީ އައިޝާ މުޙައްމަދު އެވެ. އަދި ލަވަ ކިޔާފައިވަނީ މޯލްޑިވިއަން އަައިޑަލް އިން ތައާރަފްވި، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަހުދާންއެވެ.
“މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ދިވެހި ބަހަށް ކޮށި ޖީލެއް އުފެދެމުން އަންނަތަން. އަދި އަޅުގަނޑުމެން އެބަހަކަށްޓަކައ ފަޚުރުވެރިވާ އަޅުގަނޑުމެންގެ މާދަރީ ބަސް ނެތެމުންދާ މަންޒަރު. ކުޑަކުދިން އެންމެ ގިނައިން ބަސް ދަސްކުރާ ވަސީލަތަކީ އިންނެޓް މެދުވެރިކޮށް ޔޫޓިއުބްގައި ހުންނަ ތަފާތު އެކި ޕްރޮގްރާމްތައް. އެހެނަސް ދިވެހިބަހުން ހުންނަ، ކުދިން ގަޔާވާ ދިވެހި އުފެއްދުންތައް މަދުކަމީ ތުއްތު ކުދިންނަށް އެކަށީގެންވާ ގޮތުގައި ބަސް ދަސްކޮށްދިނުމުގައި ބެލެނިވެރިންނަށް ވެސް ކުރިމަތިވާ ގޮންޖެހުމެއް” މި ރަސްމިއްޔާތުގައި ޝިމްލާ ވިދާޅުވިއެވެ.
ތުއްތު ކަމަނަ ސީރީޒް ތިރީގައި މިވާ ލިންކުން މިހާރު ޔޫޓިއުބް އިން ބަލާލެވޭނެއެވެ.