English Edition
Dhivehi Edition
ފޮޓޯ: އެމް.ޓީ.ސީ.ސީ

މާލޭގެ މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށްފައިވާއިރު، ޕާކުކުރުމުގެ ޤަވައިދާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިނީބަސް ދުއްވާ މަގުތަކުގައި، ހާއްސަކޮށް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި ޕާކުކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ބަސް ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މިނީބަސް ދުއްވާ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވާ ގަޑިތަކާއި ސްކޫލްތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި، މުދާ އުފުލާ އުޅަނދުފަހަރު ނުދުއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮސްފައެވެ. އަދި އެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި މަޑުކޮށްގެން ނުތިބުމަށާއި ހެވީ ވެހިކަލްސް މި މަގުތަކުގައި ބޭނުންކުރުން ވީހާވެސް ބޮޑަކަށް މަދުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިނީ ބަހުގެ ޚިދުމަތާއެކު އަމީނީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ޓްރެފިކް ފުލުހުން ވަނީ ނިންމާފައެވެ. މާލޭގައި މިނީ ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ މަޖީދީމަގާއި އަމީނީމަގު އަދި އޯކިޑް މަގާއި ފަރީދީ މަގުންނެވެ.