English Edition
Dhivehi Edition

ދިވެހި ފުލުހުންގެ ޚިދުމަތުން ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން އަންގާ އެންގުމެއް ކަމަށް ސިފަވާގޮތަށް ބައެއް ފަރާތްތަކަށް އީމެއިލް ތަކެއް ލިބެމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބެމުންދާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މަންސަ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެފަދަ މެއިލްއެއްގެ މިސާލު ހިއްސާ ކުރައްވަމުން ޝިފާނުވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަން ބޭނުންކޮށްގެން ސްކޭމް އީމެއިލްތައް ފޮނުވަމުންދާ މައްސަލަ ސަމާލުކަމަށް ގެންނަވައި، މިފަދަ އީމެއިލްތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފިއެވެ.

ދައުރު ވަމުންދާ އީމެއިލް ތަކަކީ އެ މުއައްސަސާއިން ފޮނުވަމުން ގެންދާ މެއިލްތަކެއް ނޫން ކަމަށް ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދަ މެއިލްތައް ފޮނުވުމަކީ މަކަރާއި، ހީލަތް ހަދައި އޮޅުވާލައިގެން ނަހަމަގޮތެއްގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާއްމު އުކުޅެއް ކަމަށެވެ. ވީމާ މިފަދަ މެއިލްތަކަށް ރިޕްލައިކޮށް، އޭގައި ހިމެނޭ ލިންކުތަކަށް ނުފިތުމަށް ޝިފާން އިލްތިމާސް ކުރެއްވިއެވެ.