English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުންގެ މެމޯރިއަލް ދުވަސް ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ ޝަރަފުވެރި ހިދުމަތުގައި ދެމިތިއްބައި ޝަހީދުވެފައިވާ ފުލުހުންނާއި ހިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް ހިދުމަތް ކުރަމުން ދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާން އާކޮށްފިއެވެ،

މިއަދު މާލެ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ފުލުހުންގެ ދިދަ ބައި ދަނޑިއަށް ތިރިކޮށް، ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ކުރުމާއި އެ ފުލުުހުންގެ ހަނދާން އައު ކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.

ފުލުހުންގެ މެމޯރިއަލް ދުވަހަކީ ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެފައިވާ ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ގައުމަށްޓަކައި ވެފައިވާ ގުރުބާނީއާއި ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަސް ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ފާހަގަކުރަން ދިވެހި ސަރުކާރުން ހަމަޖައްސާފައިވަނީ 2012 ވަނަ އަހަރުއެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޕޮލިސް މެމޯރިއަލް ޑޭ އޯޑަރުގެ ދަށުންނެވެ. މި ނިންމުމަކީ ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށާއި، ގައުމީ ފެންވަރުގައި ފުލުހުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޖުލައި 23 ވަނަ ދުވަހަކީ ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ކ. ކާށިދޫގައި ފުލުހަކު ރަސްމީ ޑިއުޓީގައި ރައްޔިތުންގެ ހިދުމަތުގައި ހުއްޓައި، ގޭ ބަންދުގައި ހުރި މީހަކު ބަންދުން އަމިއްލައަށް ވީއްލިގެން އުޅެނިކޮށް، ގާނޫނުގައިވާ ގޮތުގެމަތިން ގޭ ބަންދުގައި ހުންނަން އޭނާއަށް އެންގުމުން އުފެދުނު ހިތްހަމަނުޖެހުމުގައި އޭނާ ދިން ހަމަލާއަކުން ޝަހީދުވެ ޕޮލިސް ސަރޖަންޓް އާދަމް ޙަލީމު މި ދުނިޔެއާ ވަކިވެގެންދިޔަ ހިތާމަވެރި ދުވަހެވެ.

ފުލުހުންގެ މެމޯރިއަލް ދުވަސް ނިސްބަތްވަނީ ޝަހީދު ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް މި ފަނާކުރަނިވި ދުނިޔެއާ ވަކިވި ހާދިސާއަށެވެ. މި ހިތާމަވެރި ހާދިސާއަކީ ފުލުހުންގެ މަސައްކަތުގެ ނުރައްކާތެރިކަމާއި، ފުލުހުން ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހެއްކެކެވެ. ޝަހީދު އާދަމް ޙަލީމުގެ ޤުރުބާނީއަކީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ދައްކުވައިދެއްވި މަތިވެރި ނަމޫނާއެކެވެ. މިއަދު އަޅުގަނޑުމެން ހަނދާންކުރަނީ ހަމައެކަނި ޝަހީދު އާދަމް ޙަލީމު އެކަންޏެއް ނޫނެވެ. ފުލުހުންގެ ޚިދުމަތުގައި އެކި ދުވަސްވަރު ޝަހީދުވެފައިވާ އެންމެހައި ފުލުހުންގެ ހަނދާން އާކުރެވެއެވެ.

ޓެގު