English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ::ފޮޓޯ މަޖިލިސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދު އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅުއްވައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ކޮންގްރެސް އަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. މި ގަރާރު ހުށަހަޅާފައިވަނީ އެމްޑީޕީގެ ނާއިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ ތާއީދާއެކުގައެވެ.

މި ގަރާރުގައިވާ ގޮތުން ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. މި ގޮތުން ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ އާންމުންގެ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ވަނީ ހުށަހެޅުއްވާފައެވެ،

މީގެ އިތުރުން ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި ބޮޑުވަޒީރަކު ސަރުކާރު ހިންގާ އިރު، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތަކާއި އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ކަނޑައެޅުމަށާއި ރައްޔިތުންގެ މަޖިލިހުގެ ދާއިރާތަކުގެ މެމްބަރުން ތަމްސީލްވާނެ ގޮތްތައް ކަނޑައެޅުމަށް ގަރާރުގައި ވަނީ އެދިވަޑައިގެންފައެވެ.