English Edition
Dhivehi Edition
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް/ ފޮޓޯ އަވަސް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސްޕޯކްސްޕާސަންގެ މަގާމަށް އާއިޝަތު ޝިދާތާ އައްޔަންކޮށްފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު އެމްއެންޕީގެ ތަރުޖަމާނު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް ޕާޓީގެ ކަންކަމާ ގުޅިގެން ބަސް ބުނުމަށް ޝިދާތާ ފަދަ ތަޖުރިބާކާރު ކަނބަލަކު އައްޔަންކުރުން ވެގެން ދާނީ ގިނަ ބަޔަކު ޝައުގުވެރި ކުރުވާކަމަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އާ ސްޕޯކްސްޕާސަން ޝިދާތާގެ ހިއްސާ ބޮޑުކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ގައުމީ ފިކުރުގެ ގޮތުގައި ކަމަށާއި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައިނުވާ ވަރަށް ކާމިޔާބު ހަރުފަތްތަކެއް، އެމްއެންޕީން ގިރާކޮށްފައިވާކަމަށެވެ.

މީގެ ކުރިން އެމްއެންޕީގެ ސްޕޯކްސްޕާސަންއަށް ހުންނެވި އަސްރާ އަހުމަދު އެ މަގާމުން އިސްތިއުފާ ދެއްވީ ތައުލީމު އިތުރަށް ހާސިލު ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރަން ޖެހޭތީއެވެ. އެމްއެންޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރެއްވި އަސްރާ މީގެ ކުރިން ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފަށައިގެން އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާކަމަށެވެ.