ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ އަދި ކުރިޔަށް އޮތްތާނުގައި ބައްޓަންކުރާނީވެސް އަންހެނުންނަށް ފުރުޞަތު ފަހިވާނެ ގޮތްތަކަށް ކަމަށް އެމްއެންޕީގެ އަޕަރ ނޯތު ރީޖަންގެ ނާއިބު ރައީސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ހދ. އަތޮޅުގެ 3 ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ނޮޅިވަރަންފަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ އެރަށުގެ އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ މަަޢުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްސަލުކުރެއްވުމުގައި އެފަރާތްތަކުގެ އަޑު އައްސަވާ އެކި މައްސަލަތައް ހައްލުކުރުމުގައި މަސައްކަތްކުރާނެ ގޮތުގެ ގިނަ ލަފާ ވެސް ދެއްވާފައިވާއިރު، ވިދާޅުވީ އެޕާޓީގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ އަދި ކުރިޔަށް އޮތްތާނުގައި ބައްޓަންކުރާނީ ވެސް އަންހެނުންނަށް ފުރުޞަތު ފަހިވާނެ ގޮތްތަކަށް ކަމުގައެވެ.
މީގެ އިތުރުން ޝިދާތާ ވަނީ އެރަށުގެ ޒުވާނުންނާވެސް ބައްދަލުކޮށް ރަށުގެ ޒުވާނުންނަށް ދިމާވާ ދަަތިތަކުގެ ވާހަކަ އައްސަވާ، އެހީތެރިވެދެވޭނެ ކަންކަން އޮޅުންފިލުވާފައެވެ. އަދި ނޮޅިވަރަންފަރުގައި ވެސް އެރަށުގައި ތިއްބެވި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވާ އެމްއެންޕީގެ ލައުންޖް/ޖަގަހަ ހެދުމުގެ ފަހުގެ ތައްޔާރީތައް ވެސް ވަނީ ބައްލަވާލައްވާފައެވެ.
މިމަހުގެ 14 އިން 15 އަށް މިކުރި ދަތުރަކީ އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށާއި އަޕަރ ނޯތު ރީޖަންގެ ރަށްތަކުގައި ޕާޓީގެ ގޮފިތައް ހެދުމާއި އެމްއެންޕީގެ ލައުންޖް/ޖަގަހަ ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރެކެވެ.
މިދަތުރުގައި ނާއިބު ރައީސް ޝިދާތާ ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީގައި ހަރަކާތްތެރިވާ އެމްއެންޕީގެ ހިންގާ ކޮމެޓީއާއި ޕާޓީގެ މެންބަރުންނާ ބައްދަލުކޮށް އެސިޓީގައި އަދި ރީޖަންގައި އެމްއެންޕީގެ ހަރަކާތްތައް އިތުރުކުރުމުގެ މަޝްވަރާކުރެއްވިއެވެ. އަދި އެމްއެންޕީން ނޮވެމްބަރު މަހު އެސިޓީއަށް ކުރި ދަތުރާއި ބަލާއިރު ޕާޓީއަށް މެންބަރުން އިތުރުކުރުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާތީ އެރީޖަންގެ އެމްއެެންޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ނާއިބު ރައީސް ޝިދާތާ ވަނީ ކުޅުދުއްފުށި ސިޓީގައި ހުޅުވަން ތައްޔާރުވާ “އެމްއެންޕީ ކުޅުދުއްފުށި ސިޓީ އޮފީސް” އަދި ލައުންޖް/ޖަގަހަ ބައްލަވާލައްވާފައެވެ. އޭގެ އިތުރުން އެސިޓީގެ ޒުވާނުންނާ ބައްދަލުކުރައްވާ އެމްއެންޕީއާ ގުޅުމަށް ދަޢުވަތު ދެއްވިއެވެ.
މިދަތުރުގެ ފަހު ރަށް ކަމަށްވާ ނޮޅިވަރަމްގައި އެމްއެންޕީގެ ނާއިބު ރައީސް ޝިދާތާ ވަނީ އެރަށުގެ އެމްއެންޕީގެ ހިންގާ ކޮމެޓީއާއި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވާ، ޕާޓީ އުފެދިގެން މިވީ ކުޑަދުވަސްކޮޅުގައި ޕާޓީއަށް ދެއްވި އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ނޮޅިވަރަމުގެ އަންހެނުންގެ ވޮލީ ޓީމާ ބައްދަލުކޮށް އެރަށުގެ ވޮލީކޯޓް ބައްލަވާލައްވާ، އެރަށުގައި މަގުމަތި ސާފުކޮށް ބަލަހައްޓާ ހީވާގި އަންހެނުންނާ ވެސް ބައްދަލުކުރެއްވިއެވެ.
މިދެބައްދަލުވުމުގައި ވެސް އެބޭފުޅުންގެ ހުރި ދަތިތައް ވަނީ އައްސަވާފައެވެ. އަދި ފަހު ކަމަކަށް އެމްއެންޕީގެ ނާއިބު ރައީސް ޝިދާތާ ވަނީ ނޮޅިވަރަމުގައި ޕާޓީގެ ލައުންޖް/ޖަގަހަ ހުޅުވުމުގެ ތައްޔާރީތައް ވަނީ ބައްލަވާލައްވާފައެވެ.
މިދަތުރުގައި 3 ރަށުންވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމްއެންޕީއާ ގުޅި ޕާޓީގެ ނާއިބު ރައީސް ޝިދާތާއާ ފޯމް ހަވާލުކޮށްފައެވެ. ދަތުރު ނިންމަވާލައްވަމުން އެމްއެންޕީގެ ނާއިބު ރައީސް ޝިދާތާ ފާހަގަކުރެއްވި ގޮތުގައި މިދަތުރުގެ މަޤްޞަދު ޚާޞިލްވި ކަމަށާއި 3 ރަށުގައި އެމްއެންޕީގެ ޓީމުތަކުން ކުރަމުންދާ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެއް ކަމުގައެވެ. އަދި 3 ރަށުގެ ރައްޔިތުން ދެއްވި މެހެމާނުދާރީއަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވީ އަދިވެސް އަވަސް ފުރުޞަތެއްގައި އަޕަރ ނޯތު ރީޖަންގެ އިތުރު ރަށްރަށަށް ދަތުރުކުރާނެ ކަމުގައެވެ.