English Edition
Dhivehi Edition

ދީނީ އިލްމުގެ ރޮގުން ތައުލީމް ހާސިލް ނުކޮށް ފަތުވާ ނުދެއްވުމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ޝެއިޚް އަލީ ޒައިދު ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދުވަނީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖްމާއުއެއް ނެތް ކަމަށް ވިދާޅުވެފައެވެ. ޔޯގާ އައިސްފައިވާ ގޮތާއި ޔޯގާއާ މެދު އިސްލާމްދީނުގައި ދެކޭގޮތް ހާމަކޮށް އަދާލަތު ޕާޓީން ދިރާސާ ކަރުދާހެއް ނެރެފައިވަނިކޮށް ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކި ބައެއްގެ ފަލްސަފާއަކީ ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތިކަމަށެވެ.

އަދާލަތު ޕާޓީން އާއްމުކުރި “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ”، މި ރިޕޯޓާ ގުޅުވައިގެން ރައީސް ނަޝީދު ކުރެއްވި ޓުވުޓަށް ރައްދު ދެއްވަމުުން އަލީ ޒައިދު ވަނީ ނުކިޔަވާ ހުރެ، ފަތުވާ ދިނުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

“ކޮންތާކުންތޯ ދީނީ އިލްމު ހާސިލު ކުރެއްވީ؟ ދީނުގެ އުސޫލުތައް އެނގެނީ ކިހާ ވަރަކަށްތޯ؟ އަޤީދާގެ މައްސަލަތަކާއި ޢިޖުމާއާ، ޤިޔާސާ، ފިޤުހީ އެކި މައްސަލަތަކުގައި މީޒާންކޮށް ޤިޔާސް ކުރައްވަން ދަސްކުރެއްވީ، ދީނީ ކޮން ޔުނިވާސިޓީއަކުންތޯ؟،” ޒައިދު ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ސުވާލުކުރައްވާފައެވެ.