އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީން ހޯދި ކާމިޔާބީއާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެވެ.
މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި މިހާރު ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ މަޖިލިސް އިންތިހާބުގައި ޕީއެންސީ ހޯދި ފުރިހަމަ ކާމިޔާބީއަށްޓަކައި އެ ޕާޓީގެ މެންބަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޕާޓީގެ އިސްވެރިންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ޕީއެންސީއަށް ރައީސް ނަޝީދު މަރުހަބާ ވިދާޅުވިއިރު, އެމަނިކުފާނު ކުރިން ރައީސްކަން ކުރެއްވި އެމްޑީޕީއަށް މި ފަހަރުގެ އިންތިހާބުގެ ކެމްޕޭންގައިވެސް ރައީސް ނަޝީދު ވަނީ ބަހުގެ ހަމަލާތަކެއް ދެއްވައިފަ. އެގޮތުން އެމްޑީޕީއަށް ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަވެސް ނުބެލުނު ކަމަށާއި އޭގެ ބަދަލުގައި ހިންގީ ވައްކަން ކަމަށް. އަދި އެމްޑީޕީގެ ސަރުކާރުގައި އުފެދުނީ ވައްކަމުގެ ނެޓްވޯކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ބަހުގެ ހަމަލާތަކާއެކު އެމްޑީޕީއަށް ވަނީ 20 ވަނަ މަޖިލިސް އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައި. އެގޮތުން 19 ވަނަ ރައްޔިތުންގެމަޖިލީހުގައި ސުޕަ މެޖޯރިޓީ ނެގި އެމްޑީޕީން އަށް 20 ވަނަ މަޖިލީހުގައި ލިބުނީ އެންމެ 13 ގޮނޑިކަމަށް ވަގުތީ ނަތީޖާތަކުން ދައްކާ. މިއީ އެމްޑީޕީގެ ތާރީހުގައި ވެސް މީހާ މަދު ގޮނޑި އެޕާޓީއަށް ލިބުނު ފުރަތަމަ ފަހަރެެވެ.