English Edition
Dhivehi Edition
ބައިނަލް އަގްވާމީ ޔޯގާ ދުވަސް 2024 ފާހަގަކުރުމަށް އިންޑިއަން ހައިކޮމިޝަން ގައި ބޭއްވި ހަރަކާތުގެ ތެރެއިން: ފޮޓޯ އިންޑިއާ އެމްބަސީ

ޔޯގާ، ޔޯގާއަށް ވަނީ އިރުގެ ކަލާނގެ ތަޤްދީސް ކުރާ ސްޕިރިޗުއަލް ބައިވެސް އޭގައި ހިމެނުނީމަ ކަމަށާއި އެބައި ޔޯގާގައި ނުހިމަނާ ކަމުގައިވާނަމަ އެއީ ކަސްރަތެއް ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

“އެކްސް” ގައި ކުރި ޕޯސްޓެއްގައި ޒައިދު ވިދާޅުވީ، ހިންދޫ ދީނުގައި ފަތުރާ ޔޯގާގެ ބާތިލްކަމާއި، އޭގެ ނުބައިކަމާއި، ހަރާމްކަން އަދި އެފަދަ ކަމެއް އިސްލާމީ ޤަައުމުތަކުގައި ބޭއްވިގެން ނުވާނެ ކަމާއި މެދު އޭނާގެ ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި މާތް ﷲ ފިޔަވައި ހައްގުވެގެން އަޅުކަން ވެވޭ އެހެން އެއްވެސް އިލާހެއް ނުވާ ކަމަށް ވިދާޅުވިއެވެ.

“ޔޯގާގެ ހުކްމަށް އެއްވެސް ބަދަލެއް ނާދޭ. އޭރުވެސް މިހާރު ވެސް ހިންދޫ ޔޯގާއަކީ އިސްލާމީ އެއްކައުވަންތަކުރުމުގެ އަސާސްއާއި ހިލާފް އަމަލެއް. މުސްލިމުން ދުހެލިވާން ޖެހޭ އަމަލެއް” ޒައިދު ވިދާޅުވިއެވެ.

ޝައިޚް މިގޮތަށް ވިދާޅުވެފައިވަނީ ބައިނަލް އަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގައި ބޭއްވި ހަރަކާތާއި ގުޅިގެންނެވެ.

މި ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޔޯގާ ހަރަކާތުގައި އިންޑިއާ ރައްޔިތުންގެ އިތުރުން ދިވެހިން ބައިވެރިވި ކަމަށްވެސް ހައިކޮމިޝަނުން ވަނީ ބުނެފައިވެއެވެ.

މިއަހަރުގެ ބައިނަލް އަގްވާމީ ޔޯގާ ދުވަސް ސުލްހަވެރި ކަމާއެކު ބުރާސްފަތި ދުވަހު ރާއްޖޭގައި ބާއްވާފައިވާއިރު، 2022 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން އުފެއްދުމުގެ ސަބަބުން މީހުން ހައްޔަރު ކުރާ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ.