English Edition
Dhivehi Edition

މިނިވަންކަޕް 2022 ގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗު މީދޫ ކްލަބް ލޮތާރީން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ އެއްވެސް މެޗަކުން ބަލި ނުވެ ފައިނަލާއި ހަމައަށް ދަރުރުކުރި ކްލަބް ލޮތާރި އާއި މައިލޯ ސިޓީ އެފްސީ ބައްދަލު ކުރި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް ވަނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެފައެވެ، މި މެޗު ކްލަބް ލޮތާރީން ކަމިޔާބު ކޮށްފައި ވަނީ މެޗުގެ ނަތީޖާ އެއްވަރު ވުމުން ފެނެލްޓީ ޖަހައިގެންނެވެ.

މިއަދުގެ މެޗުގެ ހަތަރު ވަނަ މިނިޓްގައި ކްލަބް ލޮތާރީން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ސަބާހްއެވެ. ސަބާހްގެ ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު މައިލޯ އެފްސީ އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން މެޗުގެ 18 ވަނަ މިނިޓްގައި މައިލޯ އެފްސީގެ ސަބަޓީ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުންވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. މި ގޮތުން މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށިގެން 9 ވަނަ މިނިޓުގައި ކްލަބް ލޮތާރީގެ ގުސީ ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ކާމީޔާބު ކޮށްދީފައެވެ. މި ލަނޑާއެކު މެޗުގެ ކުޅުން އިތުރަށް ފޯރިގަދަވެ މައިލޯ ސިޓީ އިން މެޗުގެ ނަތިޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މެޗުގެ 33 ވަނަ މިނިޓުގައި މައިލޯ އެފްސީގެ ޒިދާން ވަނީ އެ ޓީމަށް ދެ ވަނަ ލަންޑު ކާމިޔާބުކޮށްދީފައެވެ.

ޒިދާންގެ ލަނޑާއެކު ދެ ޓީމުން މެޗު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ ދެ ޓީމް އެއްވަރު ވެގެންނެވެ.

މުބާރާތުގެ ނަތީޖާ ނެރުމަށްޓަކައި ޕެނެލްޓީ ޖަހާފައިވާއިރު ކްލަބް ލޮތާރީން ވަނީ އެ ޓީމުން ޖެހި 4 ޕެނެލްޓީވެސް ކާމިޔާބުކޮށްފައެވެ. މައިލޯ ސިޓީ އިން ޖެހި 4 ޕެނެލްޓީގެ ތެރެއިން 2 ޕެނެލްޓީ ކާމިޔާބުވިއިރު، ދެން ޖެހި ދެ ޕެނެލްޓީ، ކްލަބް ލޮތާރީގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް ލޮތާރީގެ ގުސީއެވެ.