English Edition
Dhivehi Edition

” އަޅުގަނޑު ދިޔައީ ރައްޓެއްސަކަށް ގޮވާލަން. އެއީ ގަދަކަމުން އެމީހުން ގަދަކަމުން ދިން ހަދިޔާތަކެއް .”

“ކަލެއަށް މި ދަތުރު އާދެވުނު ކަމުން ރައްޓެހިންނާ ބައްދަލުކޮށް އުފާ ކޮށްލާނެ ފުރުސަތެއް ވެސް ލިބިއްޖެތާ.”

ޝާން އަށް މިހެން ވިދާޅުވެވުނީތީ ދެރަފުޅުވިހެން ހީވިއެވެ. ” އެކަމާ ކަންބޮޑުނުވޭ. އެކަމާ މަސްއަލައެއް ޖައްސާކަށް ނޫން. އަލީ އަފީފްމެނަށް މިކަމުންވެސް އޮޅުން އެރިއްޔާ އަހަރެންގެ މަގްސަދު ހާސިލްވާނެ .”

“ތި ވިދާޅުވި އެއްޗެއް އަދިއެއް ނޭނގޭ.”

” ނޭނގޭ ކަމަށް ހަދާނެ ކަމެއްނެތް. އެމީހުން ލިޔާ އެއްޗަކުން ކަލެއަށް ލަނޑު ދިން މީހާއަށް އަސަރެއް ކޮށްފިއްޔާ ކަލޭވެސް އުފާވާނެ . ކަލެއަކީ އޭނާ ހީކުރިހާ ދެރަ އާދައިގެ ކުއްޖެއް ނޫންކަން އެނގުނީމާ އޭނަ ވެސް ދެރަވާނެ”

“މިރޭ އަޅުގަނޑު ކުރާނެ ކަމެއް އޮންނާނެތޯ .” އާދިލާ އޭރު ހުރީ ރުޅިއައިސްގެން ހަލާކުވާވަރުވެފައެވެ. “ކަމެއް ނެތިއްޔާ އަޅުގަނޑު ޅަހުއްތުއާއެކު ދާނީ ބޯޓަށް”.

އޭރު ޝާން ކޮފީތަށީގެ އެންމެ ފަހު އެތިފޮދު ހިއްޕަވަމުން ގެންދެވިއެވެ. ” އަހަރެން ހީކުރީ ކަލޭ މާ ރީއްޗަށް ބޯ ހަދާލާފައި ހުރީމާ މިރޭ ރަށުތެރެ ބަލާލަން ނުކުންނާނެޔޭ. އަދި މިރޭ އެބޯތެއްނު ސަގާފީ ކުޅިވަރުވެސް. ކަލޭ ބޭނުންނަމަ އަހަންނާއެކު އެތަނަށް ދެވިދާނެ”

“އަޅުގަނޑަށް ތި ކުޅިވަރު މާރީތިވާނެހެނެއް ހިއެއް ނުވޭ. އެހެން ނޫނަސް އަޅުގަނޑު ބޭނުމީ އަރާމު ކޮށްލަން”

ޝާން އެ ދައުވަތު ދެއްވި ރާގާ މެދު އޭނާ ހިތްހަމައެއް ނުޖެހުނެވެ. ހީވަނީ ޝާން އެގޮތަށް އެ ވިދާޅުވީ އޭނާ ގެންދަވަން ބޭނުންފުޅު ނުވާތީހެނެވެ.

ޝާން ޖޯޑުތަށި ބަހަށްޓަވަމުން ކޮނޑުފުޅު އުފުއްލަވާލެއްވިއެވެ. ” ކަލޭ ބޭނުން ގޮތެއް. ޅަހުއްތު ކަލޭ ސަލާމަތުން ބޯޓަށް ގެންގޮސްދީފާނެ. އާނ. އަދި ކަލޭގެ ސްޓައިލް ފުރިހަމަ ކޮށްލަން މިވެސް ގެންދޭ.” މިހެން ވިދާޅުވެފައި ޝާންގެ މޭޒުކޮޅުމަތީގައި ހުރި މަޚްމަލުގެ ފޮށްޓެއް އޭނައަށް ދިއްކޮށްލެއްވިއެވެ. އޭނާ އެ ހުޅުވާ ބަލާލިއިރު އޭގައި އޮތީ ރަންފަށްޓަރު ބައެކެވެ. އެއީ ވަރަށް ރީތި އަދި އަގުބޮޑު އެއްޗެކެވެ. މިރަށުގައި ކުރީގައި ވަރަށް އާންމު އެއްޗެކެވެ. އެއީ އަސްލު ރަނެވެ.

މިއީ އޭނައާ އެކަށީގެންވާވަރަށްވުރެން މާ އަގުބޮޑު ހަދިޔާއެއް ކަން އާދިލާއަށް އިހްސާސްވިއެވެ.

އޭނާ ތުރުތުރު އަޅާ އަތަކުން އެފޮށި އަނބުރާ ޝާން އަށް ދިއްކޮށްލިއެވެ.

” މި އަޅުގަނޑު ބޭނުމެއް ނޫން.”

“ބޭނުމެއް ނޫނޭ ތަ؟ ” ޝާންގެ އަޑުފުޅުގައިވަނީ ނުރުހުމުގެ ރާގެކެވެ. ” ކަލޭ ތި ހީކުރީ މީ އަހަރެން ކަލެއަށް ދޭ ރިޝްވަތެއް ކަމަށްތަ؟ ކަލޭ ރުއްސަން އަހަރެން ދޭނީ ތިކަހަލަ އާސާރީ އެއްޗެއްތަ. ތިއީ އަހަރެން ހަމަ ދޭހިތުން ދިން ހަދިޔާއެއް”.

” ދޭހިތުން…” އާދިލާއަށް ބުނެލެވުނެވެ. އޭރު އެ ފޮށި ވަނީ ޝާންގެ އަތްޕުޅުގައެވެ. ޝާން ކޯފާވެފައިވާ ވަރުން ހީވަނީ ދެންމެ ދެންމެ އޭނާގެ މޫނުމަތީ އެއިން ޖައްސަވާފާނެ ހެންނެވެ.

” އަހަރެން އުޅުނީ ކަލެޔާ ދޭތެރޭ ކުރިން ކަންތައްކުރެވުނު ހަރުކަށިގޮތުން އެކަމަށް ބަދަލެއް ދޭން. އަހަރެންގެ މަސައްކަތުގެ ބުރަކަމުގެ އިތުރަށް އަންހެނަކާ ޚިޔާލު ތަފާތުވުމުގެ ބުރަ އުފުލާކަށް ފަސޭހައެއް ނޫން.”

އަންހެނެއްގެ ޚިޔާލު ތަފާތުވުން ޝާން އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ކޮން ބުރައެއްބާއެވެ. އޭނާއަކީ ޝާންގެ ލޯބިވާ ކަމަނާގެ ހިތް އުފާކޮށް ދެއްވުމަށް، މިޔަރަށް ކާންދޭ އެންގަޑަކަށް ހައްދަވައިގެން ގެންގުޅުއްވާ ސެކްރެޓަރީއެކެވެ.

ޝާން އާދިލާގެ މޫނަށް އިރުކޮޅަކު ބައްލަވަން އިންނަވާފައި އެ ފޮށި މޭޒުމައްޗަށް އެއްލަވާލައްވާފައި ތެދުވެ ވަޑައިގެން ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ.

” މިވެސް ލޯންޗަށް ގެންދަންވީތޯ؟” ޅަހުއްތު އަދަބުވެރިކަމާއެކު އާދިލާ ކުރެން އަހާލިއެވެ.

” އާނ. ގެންދޭ.”

“މިރޭގެ ފަރިއްކޮޅު ތައްޔާރު ކުރަންވީ ބޯޓުގައިތޯ ؟”

އާދިލާ ފަސްޖެހިލިއެވެ. ” އަހަންނަކަށް ޔަގީނެއް ނޫން. ޅަހުއްތު، އަހަންނަށް ކަންތައް މި ކުރެވުނީ މާރަނގަޅަށް ހެނެއް ހިއެއްނުވޭ. ކަލޭ ޝާންގެ ކާރީގައި އުޅޭތާ ވަރަށް ގިނަދުވަސް ވެއްޖެ ނޫންތަ؟ ކަލެއަށް ހީވަނީ ކިހިނެއްތަ؟

“އެ ބޭފުޅާއަކީ ގޯސް ބޭފުޅެއް ނޫން.” ޅަހުއްތު ޖަވާބު ދިނެވެ. “ކަމަނާއަށް އަދި އޭނާ އެނގިވަޑައި ނުގަންނަވަނީ . އެބޭފުޅާގެ ގޮތް ދަސްވީމާ މިއީ ތެދެއްކަން ކަމަނާއަށްވެސް އެނގި ވަޑައިގަންނަވާނެ .”

ޝާން ވެދެވަޑައިގެންނެވި ކޮޓަރިއާ ދިމާއަށް ބަލާލާފައި ޅަހުއްތު ބުންޏެވެ. “ޝާން އެއްވެސް ކަމެއް މަޖްބޫރެއް ނުކުރައްވާނެ . ހުރިހާ ކަމެއްވެސް ދޫކުރައްވާނީ ކަލޭ ބޭނުން ގޮތަކަށް ކުރުމަށް.”

އާދިލާ އޭނާގެ ވެރިމީހާގެ ކޯފާއާ ކުރިމަތިލާކަށް ބޭނުމެއް ނުވެއެވެ. އެކަން ރަނގަޅު ކުރަން އޭނާއަށް މަޖްބޫރު ވެއްޖެއެވެ. އޭނާ ފުންނޭވާއެއް ލުމަށްފަހު ޅަހުއްތުގެ މޫނަށް ބަލާލިއެވެ. ޅަހުއްތުއަށް މި ބަލާލުމުގެ މާނަ ވިސްނިގެން ޝާންގެ ކޮޓަރިކޮޅުގެ ދޮރުގައި ޓަކިޖަހާލާފައި އެތެރެއަށް ވަދެއްޖެއެވެ. އާދިލާ ވިސްނަމުން ދަނީ އޭނާ ދަންނަވާނެ އެއްޗަކާ މެދުގައެވެ.

ޝާން ނުކުމެވަޑައިގެންނެވި އިރު ހުންނެވީ ކުކުޅުބިސް ކުލައިގެ ޓީޝަރޓަކާއި ކަޅު ޖީންސެއްގައެވެ. މިހެދުމުގައި ޝާން ފެންނަނީ މާ ޒުވާންކޮށެވެ. އަދި ވާހަކަ ދައްކަން ކެރޭ ކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް އެބޭފުޅާގެ ލޯފުޅުގައިވާ ނުރުހުމުގެ ނަޒަރު ފެނުމުން އެއީ ހަމަ އެ ހަރުކަށި ވެރިމީހާކަން އާދިލާއަށް އިހްސާސްވިއެވެ.

” ކިހިނެއްވީތަ؟ އާދިލާ؟” ޝާން އައްސަވާލެއްވިއެވެ.

” ތި ބޭފުޅާގެ ކިބައިން މައާފަށްވެސް އެދުމަކީ ވެސް މާކަ ފަސޭހަ ކަމެއް ނޫން.” އާދިލާ ދެންނެވިއެވެ. ” އެކަމަކުވެސް މައާފަށް އެދެން ޖެހިއްޖެ. ގޯސް ހެދުނީ އަޅުގަނޑަށް. ރުޅިއާދެވުނީތީ ވަރަށްބޮޑަށް ސޮރީ .”

” މޮޔަނުވެ މިކޮޅަށް އައިސްބަލަ.” އާދިލާ ދާން ހިނގައިގަތްތަނާ ޝާން ވިދާޅުވިއެވެ. “މަށަށްވެސް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން . އެކަމަކު ކަލޭ ތީ މިހާ ކުޑަކުޑަ ކަމަކާ ހެދި އަހަރެން ރުޅިއަރުވާލި ފުރަތަމަ އަންހެނާ. ދެމީހުނަށްވެސް ކަންތައް މި ކުރެވުނީ ކުޑަކުދީންގެ ގޮތަށް. މިރަށުގަ ހުންނާނެ އަހަރެންގެ ރެސްޓޯރަންޓެއް. އެއީ ވަރަށް ހިތްފަސޭހަ ހިމޭންތަނެއް. މިރޭ އެތަން ޚާއްސަކޮށްފަ ވާނީ އަހަންނަށް. އެތާނ މިރޭ ހުންނާނެ ވަރަށް މީރު ކެއުން ތައްޔާރު ކޮށްފަ. ސަގާފީކުޅިވަރު އޮންނާނީވެސް އެތާނގަ . ކަލެއަކަށް ބޮޑު ކަމެއް ޖައްސާކަށެއް ނޫން. ބޮޑެތި މީހުން ކަންތައްކުރާގޮތަށް އަހަރެމެންނަށްވެސް ކަންތައް ކުރެވިދާނެ . ކަލޭ ދޭ ޖަވާބަކީ ކޮބާ؟ ”

“އަޅުގަނޑު ޖެހޭނެ ތައްޔާރުވެލަން”.

” އަވަހަށް ދޭ ތައްޔާރުވާން. އެކަންތައް ނިންމާފައި އަވަހަށް ޖެހޭނެ ބޯޓަށް ދާން. މިރޭ އޭގައިވެސް ވަރަށްބޮޑު ޕާރޓީއެއް އޮންނާނެ .”

” އަޅުގަނޑަކަށް އިތުރު ޕާރޓީއަކަށް މިރެއަކު ނުދެވޭނެ”.

އާދިލާ މިހެން ދެންނެވީމާ ޝާން އެކަމާ ނުރުހުންވެ ވަޑައި ނުގެން ކަން އާދިލާއަށް ފާހަގަ ކުރެވުނެވެ.

“ކަލޭ ރީތި ހެދުމެއްލާ ތައްޔާރުވެލާ . އަހަރެންވެސް ކަލޭގެ ޝަރަފުގަ ތައްޔާރުވެލާނަން.”

އާދިލާއަށް ހުރި ކޮޓަރިއަށްވަދެ ފެންވަރައިގެން ނުކުތް އިރު އެނދުމަތީގައި ދެ ޕާރސަލް އޮތީ އެއީ ޝާން ދެއްވި ޕާރސަލާއި ސަންލައިޓްގޭން ފޮނުވާފައިވާ ޕާރސަލެކެވެ.

އާދިލާ އެ ހުޅުވާލިއިރު އޭގައި އޮތީ ދިވެހި ހެދުމެކެވެ. އެއީ ވަހީދާގެ ކާވެނީގެރޭ ލީ ހެދުމެވެ. އޭރު އެހެދުމަކީ ފެޝަނެއްނޫނެވެ. އެހެންނަމަވެސް އާދިލާއަށް އެކަހަލަ ހެދުން ރީތިކަން ވަހީދާއަށް އެނގޭތީ އޭނައަށް އެހެދުން ހަދިޔާއަކަށް ދިނީއެވެ. މިހާރު ޒަމާންވީ ދިވެހި ހެދުމަކީ އިއްޒަތްތެރި ހެދުމެކެވެ. މިއެއްޗެހި އެތެރެއަށް ގެނަސްފައިވާނީ ޅަހުއްތުކަން އޭނައަށް އެނގުނެވެ.

މި ހެދުން ކަސަބު ބާދަލާއިން ޖަރީކޮށްފައިވާލެއް ކިތަންމެހާވެސް ފުރިހަމައެވެ. ހެދުމުގައިވާ އަޅިކުލައާއި ކަޅުކުލައިގެ ރޮނގުތަކުން ދަޅައަޅައެވެ. އެއީ އަގުބޮޑު ފޮއްޗެކެވެ. ވަހީދާގެ ބައްޕަ ބަންގާޅުން ގެނަސްދިން ފޮއްޗެކެވެ. އަދި ހަމަ އެހެދުމާ ގުޅޭ ފޭއްޔެއްވެސް އޮތެވެ.

ޝާން ދެއްވާފައިވާ ފައްޓަރުބަޔަކީ މި ހެދުމަށް ޚާއްސަކޮށް ދެއްވި އެއްޗެއްހެން ހީވެއެވެ. އެ ފަށުވި ހެދުން ހީވަނީ އޭނަގެ ގަޔަށް ފަހާފައިވާ ހެދުމެއް ހެންނެވެ. މި ހެދުން އަޅާލުމުން އޭނާގެ ހަށިގަނޑުގެ ފުރިހަމަ ބައްޓަން އިތުރަށް ފާޅުވެގެން ދިޔައެވެ.

އާދިލާ ނުކުތުމުން ޝާން އޭނާގެ އަތުގައި ހިއްޕަވައިގެން ބޭރަށް ނުކުމެވަޑައިގަތެވެ. އެ ދެމީހުން ހިނގަމުން ދަނީ ރަށުގެ އަތިރިމަތީގައިވާ އެކަނިވެރި މަގަކުންނެވެ.

 

މުޅި ރަށް އޮތީ އިލެކްޓްރިކްގެ އަލީން ދިއްލި އުޖާލާވެފައެވެ. ނިއޯން އިޝްތިހާރުތައް ހީވެސް ނުކުރެވޭހާ ގިނައެވެ. އެހެންނަމަވެސް ރަށުގެ ތާރީޚް ދަމަހަށްޓަން ބޭނުންވާ ބަޔަކު އުޅޭތީ ރަށުގެ ވަކި ހިސާބެއް އޮންނަނީ ކުރީ ޒަމާނުގައި އޮންނަ ގޮތަށް ކަރަންޓްގެ އައްޔެއް ނެތިއެވެ. އެއީ ބަރާސީލު އަވަށެވެ. އެއްޒަމާނެއްގައި އެހިސާބަކީ ލެޕްރެސީ ބަލިމީހުން ބޭތިއްބި ތަނެކެވެ. އަލިކުރަނީ އާދައިގެ ފާނޫޒާއި ބިގަރާއި އަދި އަތްބައްތިންނެވެ. އެހެންނަމަވެސް އެހިސާބުގައިވެސް އެހެންކަންކަމަށް ކަރަންޓް ލިބެން ހުރެއެވެ.

މަގުގެ ދެފަރާތުން މިހާރު ފެންނަމުން ދަނީ ހިރުދު ގަސްތަކާއި ރުއްދަނޑެކެވެ. ހަނދުވަރުގެ އަލި އެ ގަސްތަކަށްއެޅިފައިވާއިރު ރާއްޖޭގެ އެންމެ ކުރީޒަމާން ސިފަވެގެން ދެއެވެ. ވަކީން ޚާއްސަކޮށް އާދިލާގެ ހެދުމާއި މިމަންޒަރުވަނީ ވަރަށްބޮޑަށް ގުޅިފައެވެ. ދާދި ކާރިން ގޮނޑުދޮށަށް ބިންދާ ރާޅުތަކުގެ މިއުޒިކްގެ އަޑު އިވެމުން ދެއެވެ. އެވަގުތު ޝާން އޭނާގެ އަތަށް ފިތާލެއްވިއެވެ.

އެމަގު ނިމޭ ހިސާބުގައި ފަނުން ހަދާފައި ހުރި، އެހެންނަމަވެސް ޝާހީ ރެސްޓޯރެންޓެއް ހުއްޓެވެ. މިތަނުގައި ދިއްލާފައިވަނީ ފާނޫޒެވެ.

ރެސްޓޯރެންޓްގެ މޫދާވީފަޅި ވަނީ ޝާން އަށް ޚާއްސަކުރެވިފައެވެ. އެނޫން ހުރިހާ ތަނެއްވަނީ ފުރިފައެވެ. ދުވާފަރުން އައި ވަރަށް ގިނަ ޓުވަރިސްޓުންވެސް މިތަނުގެ އަނެއް ފަޅީގައި ތިއްބެވެ. އާދިލާއާއި ޝާނަށް ޚާއްސަކުރެވިފައި ހުރި ހިސާބުވަނީ މުޅީން އެކަހެރި ކުރެވިފައެވެ.

“އަހަރެންވާނީ އޯރޑަރ ދީފަ .” ޝާން މިހެން ވިދާޅުވިތަނާ ވެއިޓަރ ކެއުން ގެނަސް ބަހަށްޓައިފިއެވެ. “މިތަނުގަ ހުންނާނީ ފަރެހުން ގެނަސް ހުންނަ ދިވެހި ކުކުޅު. މި ތާނ ތައްޔާރު ކުރާ ރޯސްކުކުޅު އާދަޔާ ޚިލާފަށް މީރުވާނެ . “ކަލޭ ބަޑުހައެއް ނުވޭތަ؟”

“އަޅުގަނޑު މިއަދު ވަރަށްގިނައިން ކެއިން. އެކަމަކު މިހާރު މީނީ ވަރަށް ބަޑުހައިވެފަ.” އާދިލާ އެއްބަސްވެލިއެވެ.

” އެހެން އެވީ ކަނޑުގެ ތާޒާވައި މިތަނަށް ލިބޭތީ. އަދި އިއްޔެ މުޅިދުވަހު ކަލޭ އެއްޗެއް ނުކައި ހުރީމަ”

” ދެން އިއްޔެވާހަކަ ނުދައްކަވާ.” އާދިލާ އެހާވަކަ ކުރިއަށް ގެންދާހިތެއް ނުވިއެވެ.

“އަހަރެން ހީކުރީ ކަލޭ ތި ފައްޓަރުބައި ނާޅާނެކަމަށް .”

” އެއީ އަޅުގަނޑަށް ގޯހެއް ހެދުނީމަ އޭގެ ބަދަލުގަ. އެހެންނޫނަސް މި ހެދުން ފުރިހަމާނީވެސް ފައްޓަރުބަޔާއެކު. ”

“ފައިސާއަށް ހުރިހާ އެއްޗެއްވެސް ގަނެވެޔޭ، އަދި ގަދަރާ އިއްޒަތާ މަގާމުގެ އިތުރަށް މީހުންވެސް ގަނެލެވެޔޭ ކަލޭ ބުނީމެއްނު ؟ ކަލެއަށް އެއްޗެއް ދޭ އިރު ކަލޭ ނަގާނެ މާނައެއް އަހަރެންވެސް ޖެހޭނެ ވިސްނާލަން. ކަލޭ އެހެން ހެދީ އެހެން ސަބަބެއްވެސް އޮވެގެންތަ؟ މާޒީގެ ހަދާން އާވީތަ؟”

އާދިލާ ހީކުރިވަރަށްވުރެން ޝާންގެ ވިސްނުންފުޅު ރަނގަޅެވެ.

“އަޅުގަނޑަށް އެއްފަހަރަކު ރަންމުތުގެ ހާރެއް މީހަކު ދިން. އޭގެ ފަސްމިނިޓްފަހުން އިވުނީ އޭނާ އެހެންމީހަކާ އިންނަން ހަމަޖެހުނު ވާހަކަ .” އާދިލާ ދެރަވެލާފަ ދެންނެވިއެވެ. ” އެންމެ ދެރައީ އެހާރު ދިންމީހަކީ އެވަރުގެ އެއްޗެއް ގަނެވޭވަރުގެ ތަނަވަސްކަމެއް ހުރިމީހެއްވެސް ނޫން. އޭނާ ހީކުރީ ކަން ނޭނގެ އަޅުގަނޑަކީވެސް މުދަލަށް ދަހިވެތި ވާނެ މީހެކޭ.”

“ކަލޭ އެ ނާތުލަން ތަ؟”

” އަތުލިން. ފަހުން އޭނަ ގައިގަ އޭތިން ޖެހީ.”

“ތިޔަ ހެދީ ރަނގަޅަށް.” ޝާން ހިނިތުންވެލެއްވިއެވެ.

ކެއުން ވަރަށް މީރެވެ. މުޅިންހެން ހުރީ ރާއްޖޭގައި ހައްދާ ތަރުކާރީއެވެ. ކުކުޅުގެ ރަހަ ހީވެސް ނުކުރާހާ މީރެވެ. ކެއުމުގެ ބާވަތްތައް ގިނަވެފައި މުއްސަންޖެއެވެ.

“ކަލެއަށް ކެއުން ކަމުދޭތަ؟” ޝާން އެއްސެވިއެވެ.

“ހީކުރިވަރަށް ވުރެން ވެސް މީރު. އެހެންވެ މާގިނައިން ވެސް ކެވިއްޖެ . ތޭންކްސް.”

” ކޮންމަކަށް ؟”

” އަޅުގަނޑަށް އެހާ ގޯސްކޮށް ކަންތައް ކުރީމަވެސް މިހާ ރަނގަޅަށް ކަންތައް ބެހެއްޓެވީތީ .” އާދިލާ ދެންނެވިއެވެ. ” މީގެ މާނައަކީ އަޅުގަނޑަށް މައާފު ދެއްވީކަމަށް ހީކުރަން”.

” ހަމަ ތިހެން އަހަރެމެންވީ އެއްބަސްވުންވެސް އެ ގޮތުގަ އޮންނާނެކަމަށް ހީކުރަން.”

ޝާން އޭނާއާ މެދު އެހާ އޯގާވެރިކޮށް ކަންތައްކުރެއްވުމުގެ މަގްސަދަކީ އެއީތާއޭ އާދިލާގެ ހިތަށް އެރިއެވެ. ޝާން ކުރައްވާ ކޮންމެ ކަމެއްގެ ފުރަގަހުގައި އަމިއްލަ ބޭނުންފުޅެއް އޮންނަނީތާއެވެ. ކޮންމެ ގޮތަކުންނަމަވެސް ޝާން ބޭނުންފުޅުވާ ކަމެއް ނުކޮށް ވާކަށް ނޯންނާނެއެވެ. އެކަމަކު އެހެން މީހަކަށް ވާނެ ދެރައަކާމެދު ފަރުވާލެއް ނުހުންނާނެއެވެ.

-ނުނިމޭ-