އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ، އައްޑޫ ސިޓީއިން ވަކިވެ ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމުގެ މަސައްކަތް އަނެއްކާވެސް މި ވަނީ ފޯރިއާއި އެކު ފެށިފައެވެ. މީގެ ދެ އަހަރު ކުރިންވެސް މި ދެ އަވަށުގެ ގިނަ ބަޔަކު ސޮއިކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އޭރު އީސީގެ ރައީސް އަހްމަދު ޝަރީފާއި އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް މި ކަމަށް އެދި ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ.
ސަރުކާރުގެ ކަމާއި ބެހޭ މުވައްސަސާތަކަށް އޭރު ފޮނުވި މި ޕެޓިޝަންގައި ބުނެފައިވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައި، އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ވެސް ގާނޫނީގޮތުން ލިބިދޭ އެންމެހާ ބާރުތަކާއި އިހްތިޔާރުތަކާއި ހައްގުތައް ހޯދައިދިނުމަށްކަމަށެވެ.
އެހެންނަމަވެސް ކޮވިޑް19 އާއި ގުޅިގެން އެ މަސައްކަތަށް މާ ބޮޑު ކުރިއެރުމެއް ނުލިބި ހުއްޓިފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބަށް އެންމެ ފޯރިއާއި އެކު ތައްޔާރުވަމުން ދިޔަ ދުވަސްވަރު އަނެއްކާވެސް މި އަޑު އިތުރަށް ގަދަވެގެން ދިޔައެވެ. ކައުންސިލް އިންތިހާބުގެ ކެމްޕެއިނާއެކު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ޕެޓިޝަނެއްގައި ސޮއިކުރަމުން ދިޔައީ، އެއީ ކައުންސިލް އިންތިހާބަށްވުރެ މުހިއްމުކަމެއްކަމުގައި ދެކިގެންނެވެ. އެހެންނަމަވެސް މީގެ އަހަރެއްހާ ދުވަސްކުރިން ފެށިގެން ދިޔަ އެ މަސައްކަތް، ދިމާވި އެކު ސަބަބުތަކާއި ގުޅިގެން ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.
އަފިރިންގެ ކައުންސިލް އަފިންނަށް
އައްޑޫ އަށް ސިޓީގެ ދަރަޖަ ދީފައި އޮތަސް ސިޓީއެއްގެ ގޮތުގައި ނުހިނގާތީ، އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ހުޅުދޫ އާއި މީދޫ އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ގަބޫލުކޮށް ‘ އަފިރިންގެ ކައުންސިލް އަފިންނަށް” މި ނަމުގައި ބޮޑު ކެމްޕެއިނެއްވަނީ ފެށިފައެވެ.
އައްޑޫ އަކީ މީހުން ދިރިއުޅޭ ހަ ރަށުގެ މައްޗަށް އެކުލެވޭ ސިޓީއަކަށް ވާއިރު، އިރުމަތީ ފަރާތުގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ހުޅަނގު ފަރާތުގައި ގުޅިފައި އޮންނަ ހަތަރު ރަށާ ދެމެދު ދިހަ މޭލު ފުޅާ ކަނޑެއް އޮވެ އެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ މާލީ މަންފާތަކައި އިދާރީ ހިދުމަތްތަކުން މަހުރޫމުވެ، ކައިރިން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް ހޯދަން ކަނޑު ހުރަސްކޮށް ފޭދޫއަށް ގޮސް އެއްގަމު މަގުން ހިތަދޫއަށް ދާންޖެހުން ވެފައި ވަނީ ބޮޑު ތަކްލީފަކަށެވެ،
ލާމަރުކަޒީ ނިޒާމު
ލާމަރުކަޒީ ނިޒާމު ތައާރަފުކުރެވި، އިދާރީގޮތުން އަތޮޅުތަކައި ރަށްތައް ހިންގުމަށް ގެނެވުނު ބަދަލުތަޖުގެ ތެރެއިން އައްޑު އަތޮޅު ސިޓީއެއްގެ ގޮތުގައި ހަމަޖެއްސީ 2011 ވަނަ އަހަރު އެވެ. އޭރު ސިޓީއަކަށް ވެވެނީ އާބާދީގައި 30،000 މީހުން ހަމަވެގެން ކަމަށްވާއިރު، އައްޑޫ ސިޓީގެ އާބާދީ 30،000 އަށް އެރީ ހުޅުދޫ އަދި މީދޫގެ 7000 މީހުން ވެސް ހިމަނައިގެން ނެވެ ނަމަވެސް 10،000 މީހުންގެ އާބާދީއެއް ހަމަވާ ތަންތަނަށް ސިޓީއެއްގެ ދަރަޖަ ލިބޭއިރު، ހުޅުދޫ އާއި މީދޫ ނުލައި ހަމައެކަނި ހިތަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ވެސް ގާނޫނީ ހުރަހެއް ނެތެވެ.
ލާމަރުކަޒީ ނިޒާމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމާއި، ކޮންމެ ރަށަކަށް ވެސް އެރަށެއްގެ ކަންތައްތައް އަމިއްލައަށް ނިންމުމުގެ ބާރާއި އިހްތިޔާރު ދިނުން ކަމަށް ވާއިރު، އެ ނިޒާމުގެ ފުރިހަމަ ބޭނުން މި ދެ ރަށުގެ ރައްޔިތުންނަށް ހިފެން އަންނަނީ އެ ބާރާއި އިހްތިޔާރު ދެ ރަށުގެ އިދާރީ ދާއިރާތަކަށް ލިބިގެންކަމަށް ދެ ރަށުގެ ރައްޔިތުން ވެސް ގަބޫލުކުރެއެވެ،
ހުޅުދޫ މީދޫ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުން، ހުޅުދޫ އާއި މީދޫއަށް ވަކި ކައުންސިލެއް ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ރޫހާ އެއްގޮތަށް، އެ ދެ ރަށުގެ ރައްޔިތުންނަށް އެންމެ ކައިރިން ހިދުމަތް ދެވޭނެ ގޮތާއި، ދެ ރަށުގެ މަސްލަހަތާ ގުޅޭ އެންމެހައި ކަންކަން ނިންމުމުގެ އިހްތިޔާރާއި ބާރު ރައްޔިތުންނަށް ލިބިގަތުމަށެވެ.
ސިޓީއިން ވަކިވާން ބޭނުންވީ ކީއްވެ؟
ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ގާތުން ލިބިގަތުމަށްޓަކައި ހުޅުދު އާއި މީދޫގެ ރައްޔިތުން މަހްރޫމްވެފައިވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ، އައްޑޫ އަތޮޅު ސިޓީއަކަށް ބަދަލުވެ، ސިޓީގެ އިދާރީ ހުރިހާކަމެއް ހިންގަމުން އަންނަނީ ކުރިންވެސް އަތޮޅު ވެރިކަން ކުރި ހިތަދޫގަ އެވެ. މުޅި އަތޮޅު ސިޓީއަކަށް ބަދަލުވެ، ހުޅުދޫ އާއި މީދޫއަށް ދޭންޖެހޭ ހިދުމަތްތައް ވެސް ދެމުން އަންނަނީ ހިތަދޫގައި ހިންގާ ސިޓީ ކައުންސިލުގައި މަޝްވަރާ ކުރެވި މެޖޯރިޓީން ފާސްވާ ގޮތަކަށެވެ.
މި ގޮތަށް އޮތުމުގެ ސަބަބުން ސިޓީ ކައުންސިލުގައި ހުޅުދޫ އާއި މިދޫގެ ދެ ކައުންސިލަރުން ތިބި ނަމަވެސް، ކައުންސިލުން ކަންކަން ނިންމަނީ ވޯޓަކުން ކަމަށްވާތީ ވަރަށް މަދު ފަހަރެއްގައި މެނުވީ ހުޅުދޫ އާއި މީދޫގެ މަސްލަހަތަށާއި ތަރައްގީއަށް ރިއާޔަތްނުކުރެވޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މީގެ އިތުރުން ހުޅުދޫ މީދޫ ގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުތައްވެސް، ސިޓީ ކައުންސިލުން ނިންމަން ޖެހޭ މުހިއްމު ނިންމުންތައް ނުނިމި، ލަސްވާކަމަށް އެ ދެ އަވަށުގެ ރައްޔިތުން ތުހުމަތު ކުރެއެވެ.
ޒަމާނުއްސުރެ މި ދެ ރަށާއި މެދު ސިޓީ ކައުންސިލް ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާތަކަކީވެސް އާ ވާހަކަތަކެއް ނޫނެވެ. ހުޅުދޫ އާއި މީދޫގެ ރައްޔިތުން ތަޖުރިބާކުރި ގޮތުގައި، މިދިޔަ ދިހަ އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެ ދެ ރަށަށް ހާސިލްވާންޖެހޭ ކަންކަން ހާސިލްވެ ތަންފީޒުވެފައެއް ނުވެއެވެ،
އަނެއްކާވެސް ‘އަފިރިންގެ ކައުންސިލް އަފިންނަށް’
އައްޑޫ ސިޓީ ހުޅުދޫ މީދޫ ސިޓީއިން ވަކިނުކުރެވޭނެކަމަށް ގަބޫލުކޮށް ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރަމުން ދިޔަ މީހުންގެ އަޑު މަޑުވެފައިވަނިކޮށް އަނެއްކާވެސް މި ވަނީ އެ ވާހަކަތައް ފެންމަތިވެފައެވެ، މިފަހަރު ޓީމްތައް ވަރުގަދައެވެ. ކުރިން ކުރި މަސައްކަތަށްވުރެ އެތައް ގުނައަކަށް މަސައްކަތް މި ވަނީ ކުރިއަށް ޖައްސާލާފައެވެ. މި ފަހަރު މި ދެ އަވަށުގެ މީހުންވެސް ތިބީ ވަރުގަދަ އަޒުމެއްގައި އެކަތިގަނޑަކަށް ވެގެންނެވެ. ‘އަފިރިންގެ ކައުންސިލް އަފިންނަށް’ ހޯދިމުގެ އަޒުމާއި އުއްމީދުގައެވެ.