އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ރައްޔިތުންނަށް އޮޅުން އަރާފައިވާ ބައެއް ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސާފުކޮށްދެއްވައިފިއެވެ.
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ދެ ރަށުގެ މީހުންގެ މެދުގައި ހިޔާލުތަފާތުވުން ތަކެއް އުފެދިފައިވާ މި ދަނޑިވަޅު ރޮޒައިނާ ވިދާޅުވީ ހުޅުދޫ މީދޫ ސިޓީއިން ވަކިވުމުން އައްޑޫ އަތޮޅު އުފެދި، އަތޮޅު ކައުންސިލް އުފެދިގެންދާނެ ކަމަށެވެ. އަދި އަތޮޅު ކައުންސިލް ހުންނާނީ ހިތަދޫގައި ކަން ފާހަގަކުރަމުން ރޮޒައިނާ ވިދާޅުވީ އޭރުން އަނެއްކާވެސް ހުޅުދޫ އަދި މީދޫގެ ބެލެނިވެރިކަން އަތޮޅު ކައުންސިލްގެ ދަށަށް ދާނެ ކަމަށެވެ .މިކަމާއި ގުޅޭ އިތުރު ތަފްސީލް ދެއްވަމުން ރޮޒައިނާ ވިދާޅުވީ މިހާރުގެ ޤާނޫން އޮންނަ ގޮތުން ސިޓީވެސް،އަތޮޅެއް ތެރޭ އޮތުމުން ސިޓީވެސް ވާނީ އަތޮޅުގެ ބަޔަކަށް ކަމަށެވެ. .” އަދި އަތޮޅުގެ ރަށަކަށް ނިސްބަތްނުވާ ތަންތަން ދާނީ އަތޮޅު ކައުންސިލްގެ ދަށަށް” ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ހުޅުދޫ މީދޫ، އައްޑޫ ސިޓީ އިން ވަކިވިޔަސް އަދި ވަކިނުވިޔަސް އައްޑޫގައި އޮތް އެއްވެސް ރިސޯޓެއްގެ މިލްކުވެރިކަން ހުޅުމީދޫ އަކަށްވެސް އަދި އައްޑޫ ސިޓީ ކައުންސިލަކަށްވެސް ނުލިބޭނެކަމަށެވެ. އަދި ސަރުކާރަށް ލިބޭ އާމްދަނީ، ލިބިގެންދާނީ އާބާދީގެ ނިސްބަތަށް ބެލުމަށްފަހު ކަމަށާއި ދެ ރަށް ވަކިން އޮންނަ ނަމަ ދެ ރަށަށްވެސް ވަކިން ލިބިގެންދާނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް އަންހެނުންނަށް%33 ގޮނޑިލިބޭގޮތަށް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުލުމުގައި މީދޫ ދާއިރާގެ ގޮނޑި އަންހެނުންނަށް އެކަނި ވާދަކުރެވޭ ގޮނޑިއެއްގެ ގޮތުގައި ކަޑައަޅެމާއި އެކު މީދޫގެ މީހުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. މި ގޮތުން މީދޫ ރައްޔިތުންގެ ހައްގުތައް ހޯދުމުގައި ފަހަތަށް ނުޖެހޭނެ ކަމުގައި ގިނަ ބަޔަކު ބުނެފައިވާއިރު، މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ތައްޔާރުވަމުން ދިޔަ އަހްމަދު ޝާމިލްގެ ވައިބާ ގުރޫޕުގައި އެމްޑީޕީގެ މެމްބަރުންނާއި އެހެނިހެން ރައްޔަތުންވެސް ވަނީ ނުރުހުންފާޅުކޮށް އެ ނިންމުން ބަދަލުނުކޮށްފި ނަމަ ސިޓީ އިން ވަކިވެ ރަށު ކައުންސިލެއް އުފެއްދުމަށް ޕެޓިޝަން ހަދާނެ ކަމުގައި ބުނެފައެވެ.
އޭރު މި ވާހަކަތަކާއި ގުޅިގެން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ ސިޓީ އިން ވަކިވާން ބޭނުންނަމަ އެކަންވެސް ކުރަންޖެހޭ ކަމަށާއި މި ކަމުގައި ރައްޔަތުން ދެކޭ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގައި އެއް ގޮނޑިއަށްވުރެ ގިނަ ގޮނޑިތައް ހުރި ދާއިރާތަކަށް އަންހެން ގޮނޑި ހަމަޖެއްސުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި މިހާރު އިލެކްޝަނަށްވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް ވާހަކަދެކެވިފައި އޮތީ އެ ގޮތަށް ކަމަށާއި މި ކަމުގައި ގިނަ ރައްޔަތުން ބޭނުންވާ ގޮތަށް ވަކާލުތުކުރައްވާނެ ކަމުގައި ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރޮޒައިނާ ވަނީ މި ކަމުގައި ރައްޔިތުން ކުރިއަށް ދާގޮތަކަށް ރައްޔިތުންނާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.