English Edition
Dhivehi Edition

“އަފިރިންގެ ކައުންސިލް އަފިންނަށް”ގެ ނަމުގައި ހުޅުމީދޫ ރައްޔިތުން ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފިއެވެ.

އެ ސިޓީގައި ވަކިން އޮންނަ ހުޅުމީދޫ ، އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާ މެދު ރައްޔިތުން ދެކޭ ގޮތް ދެނަގަތުމަށް ސޮއި ކުރާ ޕެޓިޝަނެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިސްކޮށް ހުންނަވާ ތައްޔާރުކުރާ މި ޕެޓިޝަންގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުން އަންނަނީ ސޮއިކުރަމުންނެވެ. އޭގެ ތެރޭގައި ރަށުން ބޭރުގައި ދިރިއުޅޭ ދެ އަވަށުގެ މީހުން ވެސް ހިމެނެ އެވެ.

ރޮޒައިނާ ވިދާޅުވެފައިވަނީ ރައްޔިތުންގެ ޚިޔާލު ބެލުމަށް ފަހު ރައްޔިތުންގެ މަޖިލީސް ހުޅުވުމާއެކު މައްސަލަ ވައްދާނެ ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް ދެން އޮންނާނީ އަންނަ މަހުއެވެ.

މި ޕެޓިޝަންގައި ހުޅުމީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކޮށް، އެ ރަށުގައި ވަކި ކައުންސިލެއް އުފައްދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައިވެއެވެ.

ހުޅުމީދު އަށް ހުރިހާ ގޮތަކުން ވެސް ރަނގަޅީ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގުން ކަމަށާއި އިދާރީ ގޮތުންނާއި ޚިދުމަތްތައް ހޯދުމާއި އަދި ލިބިގަތުމުގެ އިތުރަށް، އިގުތިސާދީ ގޮތުން ވެސް އެންމެ ފައިދާ ހުރި ގޮތަކީ ވަކި ކައުންސިލެއްގެ ގޮތުގައި އޮތުން ކަމަށް އެ ރަށު ރައްޔިތުން އަންނަނީ ބުނަމުންނެވެ.

އެހެންނަމަވެސް މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ އެ ދެ އަވަށް ސިޓީ ކައުންސިލާ ވަކިވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އައްޑޫގައި ގުޅިފައިވާ ރަށްތަކަކީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އެވެ. ހުޅުދޫ އާއި މީދޫ އޮންނަނީ އެ 4 އަވަށާއި ވަކިން ދުރުގައެވެ.