English Edition
Dhivehi Edition

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމި ނިންމުމަކީ ވަރަށް ދަތި އުނދަގޫ ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވި ގޮންޖެހުންތަކާއި އެކު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ،

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ، ޞިނާޢަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ޙަފްލާގައި ރައީސް ވިދާޅުވީ ކޯވިޑް-19ގެ ޚަބަރު ލިބުމާއި އެކު އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނޭނެ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމި ނިންމުމަކީ ވަރަށް ދަތި އުނދަގޫ ނިންމުމެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ފަހުން ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލި އިރު އެކަމާއި ވެސް ދެކޮޅު ވިސްނުމުގެ ބައެއް ބޭފުޅުން ތިއްބެވި ކަމަށެވެ. އެހެންނަމަވެސް އެދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިނީ މިއަދު ރާއްޖޭގެ އިޤުތިޞާދު އިޢާދަވަމުން މިތިބި ހިސާބަށް އާދެވިފައި މިތިބީ އެނިންމުމުގެ ސަބަބުން ކަމުގައި ފާހަގަކުރައްވާފައެވެ.