English Edition
Dhivehi Edition

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރުފް ކުރި ބޭރު ފައިސާގެ ގަވާއިދާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ) އިން ކަންބޮޑުވުން ފާޅުކޮށް، ގަވާއިދަށް އެ އެސޯސިއޭޝަނުން ހުށަހެޅި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެފިއެވެ.

ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްއޭގެ އެދުމުގެ މަތިން މަޓީން އެ އޮތޯރިޓީއާ ބައްދަލުކުރި ކަމަށެވެ. ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި ހިމަނަން އެމްއެމްއޭ އިން ހިމެނީ މަޓީ އަށް އެއްބަސްވެވޭނެ ކަންތައްތަކެއް ނޫން ކަމަށް އެ ބައްދަލުވުމުގައި ބުނެފައިވާ ކަމަށް ވެސް މަޓީން ބުންޏެވެ.

މަޓީން ބުނީ ގަވައިދުތައް އެކުލަވާލާފައިވަނީ ކަމާގުޅުން ހުރި ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އެމްއެމްއޭ އިން ބުނި ނަމަވެސް، އެކަން ހިނގާފައިވަނީ ބުނެވިދިޔަ ގޮތައް ނޫން ކަމަށް ފާހަގަ ކުރާ ކަމަށެވެ.

އެމްއެމްއޭ އިން އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި އަލުން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. އަލަށް ރަޖިސްޓަރީކުރާ ފަރާތްތަކުންވެސް މި މުއްދަތުގެ ތެރޭގައި މި ގަވާއިދަށް ޢަމަލުކުރަންޖެހޭނެއެވެ.

ގަވައިދު ބުނާ ގޮތުން ކޮންމެ މަހެއް ނިމޭތާ 87 ދުވަހުގެ ތެރޭގައި ލިބުނު ޖުމްލަ ބޭރު ފައިސާ އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ރާއްޖޭގެ ބޭންކެއްގެ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރަންޖެހޭނެއެވެ.

އެމްއެމްއޭ އިން އާންމުކުރި ފައިސާއާ ބެހޭ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމަށް ވަންނަ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން ޖެހޭނެ އެވެ. ނަމަވެސް، އެ ފައިސާ ބަހައްޓަން އެއްވެސް މުއްދަތެއް ދީފައެއް ނުވެ އެވެ. އާ ގަވައިދުގައި ޓޫރިޒަމްގެ ބޭނުންތަކަށް ޑޮލަރުގެ މުއާމަލާތް ކުރުމުގެ ފުރިހަމަ ބާރު ވެސް ދީފައިވެ އެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ. ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓުން އުޅަނދުތަކަށް ކޮންމެ މަހަކު އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކުތަކުގައި މާރުކުރަން ޖެހޭނެ އެވެ. ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އަންނަ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ވެސް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ އެވެ.

އެހެން ނަމަވެސް ބޭރު ފައިސާއިން ޓެކްސް ދެއްކުމާއި، ދަރަނި އަދާކުރުމާއި، ނުވަތަ ކޯޓު އަމުރެއްގެ ދަށުން ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ޙާލަތްތަކަށް ބަލައި ބޮލަކަށް މާރުކުރަން ޖެހޭ ޑޮލަރުގެ ނިސްބަތަށް ބަދަލު ގެނެވިދާނެ ކަމަށް އެމްއެމްއޭގެ ގަވައިދުގައި ވަނީ ބުނެފައެވެ