ސޯޝަލް މީޑީއާގައި ލީކުވެފައިވާ ފޮޓޯ އަދި ވީޑިއޯތަކާއި ގުޅޭގޮތުން، މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތުމަށް ނިންމުމާއި ގުޅިގެން އިދިކޮޅު މެމްބަރުން މަޖިލިސް ހުއްޓުވާ މަޖިލީހުގައި އެކަމާ ދެކޮޅަށް އަޑު އުފުލައިފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ ތުހުމަތެއް ކަމަށެވެ. އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ފޮޓޯގެ ޗެއިން އޮފް ކަސްޓަޑީ އުފެދިފައި އޮތްގޮތް ދެނެނުގަނެ، އެއްވެސް މީހެއްގެ އަބުރަށް ގެއްލުންވާ ގޮތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަމެއް ކުރުން އެއީ ރާއްޖޭގެ އުސޫލުތަކާއި ހަމަތަކާއި ހިލާފުކަމެއް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ ރައީސް ނަޝީދު މަޖިލިސް ކުރިއަށް ގެންދަވަނީ ގާނޫނާއި ހިލާފަށް ކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި އަޑުއުފުލަން ފަށާފައެވެ. އަދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުއުފުލަން ފެށުމުން ޖަލްސާ މެދުކަނޑާލާފައިވާއިރު، މިހާރު އަނެއްކާވެސް ޖަލްސާވަނީ އަލުން ފަށާފައެވެ.